ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 17:25
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރޮޖަރ ފެޑެރާ ކުޅެނީ
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރޮޖަރ ފެޑެރާ ކުޅެނީ
ޓެނިސް އޮސްޓްރޭލިއާ
އޮސްޓްރޭލިއަން އޯޕަން 2018
އޮސްޓްރޭލިއަން އޯޕަންގެ ދެވަނަ ބުރުން ފެޑެރާ ޖާގަ ހޯދައިފި
ފުރަތަމަ ބުރުގައި އަލްޖަޒް ބެޑީންގެ މައްޗަށް ކުރި ހޯދީ 6-3، 6-4 އަދި 6-3 ން
ދެވަނަ ބުރުގައި ފެޑެރާ ކުޅެން ޖެހޭނީ ޖަރުމަނުގެ ޖެން ލެނާޑް ސްޓްރަފް އާ ދެކޮޅަށް
ފެޑެރާ ވަނީ މިމުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައި

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން ރޮޖަރ ފެޑެރާ ޖާގަ ހޯދައިފިއެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ކުރިއަށްދާ މިމުބާރާތުގެ ދެވަނަ ބުރުން ސްވިޓްޒަލެންޑްގެ ރޮޖަރ ފެޑެރާ ޖާގަ ހޯދީ، ފުރަތަމަ ބުރުގައި ސްލޮވީނިއާގެ އަލްޖަޒް ބެޑީންގެ މައްޗަށް 6-3، 6-4 އަދި 6-3 ން ކުރި ހޯދައިގެންނެވެ.

މިމުބާރާތުގެ ފެވަރިޓްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ފެޑެރާ ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިމެޗުގައި ބެޑީންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފެޑެރާ ވަނީ މިމެޗު 99 މިނިޓްގެ ތެރޭގައި ކާމިޔާބުކޮށްފައެވެ.

ސްޕެއިންގެ ރަފައެލް ނަޑާލްގެ ފަހަތުން މިމުބާރާތަށް ދެވަނަ އަށް ސީޑު ކޮށްފައިވާ ރޮޖަރ ފެޑެރާ، މިދިޔަ އަހަރުގެ އޮސްޓޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ނަޑާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެހެންނަމަވެސް ނަޑާލްގެ ފިޓްނަސްގެ މައްސަލަ ހުރުމާއި، އޭނާ އާ ދެން އެންމެ ވާދަކުރާ ސާބިއާގެ ނޮވާކް ޖޮކޮވިޗް އަދި ސްވިޓްޒަލެންޑްގެ ސްޓެން ވަވްރިކްނާގެ ފިޓްނަސް ލެވެލް އަށް ބަލާއިރު، މިމުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިޔަކީ ފެޑެރާއެވެ.

އުމުރުން 36 އަހަރުގެ ފެޑެރާ ވަނީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް މިހާތަނަށް ފަސް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ކެރިއަރުގައި 19 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައި ފެޑެރާ މިމެޗަށް ފަހު ބުނީ، ރަނގަޅު އަހަރަކަށް އުއްމީދު ކުރާ ކަމަށެވެ. އެހެންނަމަވެސް އުމުރުން ދުވަސް ވަމުންދާތީ އާއި، އެހެން ކުޅުންތެރިންގެ ކުޅުމަށް ބަލާއިރު، މިދިޔަ އަހަރު ހޯދި ކާމިޔާބީ ތަކުރާރު ކުރެވިދާނެ ކަމާއިމެދު އެއްޗެއް ބުނަން ދަތި ކަމަށް އޭނާ ބުންޏެވެ.

މިމުބާރާތުގެ ދެވަނަ ބުރުގައި ފެޑެރާ ކުޅެން ޖެހޭނީ ޖަރުމަނުގެ ޖެން ލެނާޑް ސްޓްރަފް އާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް