ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 16:25
މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާ ގުޅިގެން ކުޅުންތެރިއަކު ހިތްހަމަނުޖެހުން ފާޅުކުރަނީ
މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާ ގުޅިގެން ކުޅުންތެރިއަކު ހިތްހަމަނުޖެހުން ފާޅުކުރަނީ
މުހައްމަދު ޝަރުހާން
ރެފްރީންގެ މައްސަލަތައް
ރެޖިސްޓްރީނުކޮށް ރެފްރީކަން ނުކުރެވޭ!
މިދިޔަ ސީޒަނުގައި ރެފްރީންގެ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވި

މި ފެށޭ ސީޒަނުން ފެށިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެއްވެސް މުބާރާތެއްގައި ރަޖިސްޓްރީ ނުވެ ރެފްރީކަން ނުކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ނެރުނު އިއުލާނެއްގައި ވަނީ އެފްއޭއެމްގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުންދާ ރެފްރީންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރެފްރީން ރެޖިސްޓްރީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ފެށޭ ސީޒަނުން ފެށިގެން ރެޖިސްޓްރީ ނުކުރާ ރެފްރީންނަށް އެ އިދާރާއިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ރެފްރީކަން ނުކުރެވޭނެ ކަމަށް މި އިއުލާނުގައިވެއެވެ.

މިދިޔަ ސީޒަނުގައި ރެފްރީންގެ މައްސަލަތަކުގެ ސަބަބުން ބައެއް މެޗުތައް ހުއްޓާލަން ވެސް ޖެހުނެވެ. އެގޮތުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް ގްރީންސްޓްރީޓްސް ކުޅުނު މެޗާއި ކުޑަހުވަހޫ އަދި މިލަންދޫ ކުޅުނު މެޗު ވެސް ފުރިހަމަ ވަގުތު ހަމަނުވަނީސް ހުއްޓާލީ ރެފްރީންގެ ނިންމުންތަކާއި ޓީމުތަކުން ދެކޮޅު ހަދައި މެޗު އިތުރަށް ކުރިޔަށް ގެންދިޔުމަށް ދެކޮޅު ހެދުމުގެ ސަބަބުންނެވެ.

މިކަމުގެ ސަބަބުން ރެފްރީއެއް ސަސްޕެންޑް ކުރި މަންޒަރު ފެނިގެންދިޔައިރު އެ އިދާރާގެ ރެފްރީސް ޑިޕާޓްމެންޓާއި ހަވާލުވެހުރި އަހުމަދު އަމީޒު ވެސް އެ މަގާމުން ވަކިކުރިއެވެ. އެފްއޭއެމްއިން އޭގެ ފަހުން އެ ރެފްރީގެ ސަސްޕެންޝަން އުވާލިކަމަށް ހާމަކޮށްފައިވާއިރު އެ މައްސަލައިގައި އެފްއޭމްގެ ރެފްރީސް ޑިޕާޓްމަންޓް ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ އިދާރާގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް އަލުން އެކުލަވާލުމަށް ވެސް ނިންމިއެވެ.

ހަމައެހެންމެ ލީގުގެ ދެވަނަ ބުރުގައި ބޭރު ރެފްރީން ބޭނުންކުރި މަންޒަރު ވެސް ފެނިފައިވެއެވެ.

އެފްއޭއެމްއިން ރެފްރީން ރެޖިސްޓްރީ ކުރުމަށް ނިންމާފައި ވަނީ ވެސް ޓީމުތަކުން ރެފްރީންނާއި ގުޅޭ ގޮތުން ކުރަމުންދާ ޝަކުވާތައް މަދުކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ރެފްރީން ރެޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް