ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 12:55
އިބޫ ވެލެންސިއާގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު
އިބޫ ވެލެންސިއާގެ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު
ރާއްޖެ އެމްވީ
ކްލަބް ވެލެންސިއާ
އިބޫ އަދި ނާއްޕެ ވެލެންސިއާއަށް
އިބޫއަކީ މާޅޮހުގެ ގޯލު ބެލެހެއްޓުމުގައި ރަނގަޅު މަސައްކަތްތަކެއް ކުރި ކުޅުންތެރިޔެއް
ނާއްޕެއަކީ އީގަލްސްއަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެއް
ވެލެންސިއާއިން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން

މި ފެށޭ ސީޒަނުގައި ކްލަބް ވެލެންސިއާއަށް ކުޅުމަށް އިބްރާހިމް ޒަމީރު (އިބޫ) އަދި އަހުމަދު ނައުފަލް (ނާއްޕެ) ސޮއިކޮށްފިއެވެ.

މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހުގެ ގޯލު ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި އިބޫ ވެލެންސިއާއެކު ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިދިޔަ ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު އެކަން ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ އޭނާއަށް ގައުމީ ޓީމުގެ ފުރުސަތު ނުދިނުމާއި ގުޅިގެން އެފްއޭއެމް އަދި ގައުމީ ކޯޗު ޑަރެން ސްޓެވާޓްއަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ނާއްޕެ ވެލެންސިއާއަށް ސޮއިކޮށްފައިވަނީ ކިހާ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގެ ދަށުން ކަމެއް ވެލެންސިއާއިން ހާމަކޮށްފައި ނުވާއިރު އެނާއަކީ 2011 ވަނަ އަހަރުން ފެށިގެން އީގަލްސްގެ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިޔެކެވެ. ހަމައެހެންމެ އޭނާއަކީ އެ ޓީމުން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމާއި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ނަތީޖާ ހޯދިއިރު މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިޔެކެވެ.

މި ކުޅުންތެރިންގެ އިތުރުން މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވެލެންސިއާއިން ވަނީ އެ ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ވެސް ގެނެސްފައެވެ. އެގޮތުން ކްލަބް އީގަލްސްއަށް ކުޅުނު އުއްމީދީ ފޯވާޑް އަންސަރު އިބްރާހިމް (އަންކޮ) އާއި ސޮބާގެ އިރުޝާދުގެ ދަށުން ގްރީންއަށް ކުޅުނު އިބްރާހިމް ހަސީބް އާއި އެ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާންގެ އިތުރުން މިދިޔަ ސީޒަނުގައި ނިއުއަށް ކުޅުނު މުހައްމަދު ކަރަމް ވަނީ އެ ޓީމަށް ސޮއިކޮށްފައެވެ. ހަމައެހެންމެ ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފައެވެ.

މި ސީޒަނާއި ވެލެންސިއާއިން ކުރިމަތިލާނީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި ގްރީންސްޓްރީޓްސްއާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ގެ އިރުޝާދުގެ ދަށުންނެވެ.

- ކޮމެންޓް