އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް ހޯދުމަށް ކުރާ މަސައްކަތް ހުއްޓާލަން މެންޗެސްޓަރ ސިޓީއިން ނިންމައިފިއެވެ.
ސަންޗޭޒް ހޯދުމަށް ކުރާ މަސައްކަތް މެންސިޓީ އިން ހުއްޓާލީ، އޭނާ ކިޔާ އަގު ބޮޑުވުމުން ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެއެވެ.
29 އަހަރުގެ ސަންޗޭޒް ކިޔާ އަގު ބޮޑު ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ އިތުރުން ކްލަބްގެ އޯނަރު ޚަލްދޫން އަލް މުބާރަކް ވެސް އެއްބަސްވާ ކަމަށްވެއެވެ. ސަންޗޭޒް ޑިމާންޑްކުރާ އަގަކީ ސިޓީގެ މިހާރު އެންމެ ކުރީގައި އުޅޭ ތަރިންގެ އަގަށް ވުރެ ބޮޑު އަގަކަށް ވާނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަންޗޭޒް ވިއްކާލުމަށް އާސެނަލް އިން ހުށަހަޅާފައިވާ އަގަކީ 35 މިލިއަން ޕައުންޑެވެ.
ސިޓީއިން ސަންޗޭޒްގެ އަގު ބޮޑުކަމަށް ނިންމައި، އޭނާ ގަތުމަށް ކުރި މަސައްކަތް ހުއްޓާލި ނަަމަވެސް މެންޗެސްޓަރ ޔުނައިޓެޑުން އޮތީ ސަންޗޭޒް އޯލްޑް ޓްރަފޯޑްއަށް ގެންނަން ހަފްތާއަކު ތިންލައްކަ ފަންސާސް ހާހަށްވުރެ ބޮޑު މުސާރައެއް ވެސް ދޭން ތައްޔާރަށެވެ.
ހޯމަ ދުވަހުގެ ރޭ ސްޓޯކް ސިޓީގެ މައްޗަށް 3 – 0 އިން ކުރި ހޯދި މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރޯނިއޯ ބުނީ ސަންޗޭޒް ޔުނައިޓެޑަށް އަތުވެއްޖެނަމަ ޔުނައިޓެޑަށް ރަނގަޅު ކަމަށާއި، އޭނާ އާސެނަލްގައި މަޑުކުރަން ބޭނުންނަމަ، އާސެނަލްއަށް ރަނގަޅުވާނެ ކަމަށެވެ.
އަނެއްކޮޅުން ޗެލްސީވެސް މިހާރު އޮތީ ސަންޗޭޒްއަށް ފާރަލައިގެންނެވެ. އެޓީމުގެ މެނޭޖަރ އެންޓޯނިއޯ ކޮންޓޭ ވަނީ އޭނާ ޔުވެންޓަސްއަށް ކޯޗުކޮށްދިން އިރު، އޭރު އުދިނޭސީއަށް ކުޅެމުން އައި ސަންޗޭޒް ގެނައުމަށް މަސައްކަތް ކޮށްފައެވެ. އަދި ކޮންޓޭ އަކީ ސަންޗޭޒްގެ ކުޅުމަށް އެންމެ ބޮޑަށް ތައުރީފްކުރާ އެއް ކޯޗެވެ. އެހެން ނަމަވެސް ޗެލްސީއިން އަދި ރަސްމީކޮށް އޭނާ ބޭނުންވާކަން ހާމަކޮށްފައެއް ނުވެއެވެ.
ސިޓީއިން ސަންޗޭޒް ބޭނުންވާއިރު، ހޫނު މޫސުމުގައި ސަންޗޭޒް ސިޓީއަށް ބަދަލުވާން ބޭނުންވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ. އަދި ސަންޗޭޒް ވަނީ ކުރިން ވެސް ގާޑިއޯލާއާއިއެކު މަސައްކަތްވެސް ކޮށްފައެވެ.