ހަ ދުވަހުގެ ރަސްމީ ދަތުރުފުޅެއެގައި އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން އެބަ ގެންދަވައެވެ.
އިންޑިއާ އާއި އިޒްރޭލާ ދެމެދު 1992 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމް ކުރެވުނު ފަހުން ނަތަންޔާހޫ ވެ ވަޑައިގެންފައިވަނީ އިންޑިއާ ރަސްމީ ދަތުރުފުޅެއް ކުރައްވާ އިޒްރޭލުގެ ދެ ވަނަ ބޮޑު ވަޒީރު ކަމުގައެވެ.
ބޮޑު ވަޒީރު މޯދީ އާއި ބޮޑު ވަޒީރު ނަތަންޔާހޫ އާ ދެބޭފުޅުންގެ ދެމެދުގައި އޮތް ގާތް ގުޅުން ހާމަ ކުރެއްވުމުގެ ގޮތުން އިންޑިއާގެ ޚާރިޖިއްޔާގެ އާއްމު ޕްރޮޓޮކޯލް ތަކާ ޚިލާފަށް ނަތަންޔާހޫގެ އިސްތިގްބާލަށް މޯދީ އެއަރޕޯޓަށް ވަޑައިގަތެވެ. މޯދީ އެއަރޕޯޓަށް ވަޑައިގަތުން ނަތަންޔާހޫ ވަނީ ވަރަށް ޚާއްސަ ގޮތެއްގައި މީޑިއާގައިވެސް ފާހަގަ ކުރައްވާފައެވެ.
We have landed in India. Thank you to my good friend Narendra Modi for the warm welcome! https://t.co/mLsGxZT1E7
— Benjamin Netanyahu (@netanyahu) January 14, 2018
މިއީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމަކަށް ނަތަންޔާހޫ ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަންވެސް ފާހަގަ ކުރެވެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު އޭރިއަލް ޝެރޯން 2003 ވަނަ އަހަރު އިންޑިއާ އަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެއީވެސް ބީޖޭޕީ ގެ ވެރިކަމުގައެވެ. އޭގެ ކުރިން އިންޑިއާ އިން އިޒްރޭލާ އެކު ބާއްވަމުން ދިޔަ ގުޅުން އޮތީ ވަކި އިން ތަކެއްގައި ހިފެހެއްޓިފައެވެ. އިންޑިއާ އިން ފަލަސްތީނުން މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އޭގެ ކުރިން ގެންދިޔައީ ވަރަށް ފާޅުގައި ތާއީދު ކުރަމުންނެވެ.
ނަތަންޔާހޫގެ މި ދަތުފުޅަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ޖެރޫސަލަމް ހެދުމަށް އެމެރިކާ އިސްވެ އޮވެ ކުރާ މަސައްކަތާ ދެކޮޅަށް އ.ދ ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި އިޒްރޭލާ ދެކޮޅަށް އިންޑިއާ އިން ވޯޓު ދިންތާ މާ ގިނަ ދުވަސްތަކެއް ނުވެ ކުރައްވާ ދަތުރު ފުޅެކެވެ. ނަތަންޔާހޫ ވަނީ އިންޑިއާ އިން އެ ވޯޓުގައި އިޒްރޭލާ އެއްކޮޅަށް ވޯޓު ނުދިނުމުން ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާކަން ހާމަ ކުރައްވާފައެވެ. ނަމަވެސް އެ ވޯޓުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރުލެއް ނާންނާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އާއި އިޒްރޭލާ ދެމެދު އުފެދިފައިވާ ރަހުމަތްތެރި ކަމުގެ ގުޅުމުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ އިޒްރޭލުގެ ހަތިޔާރު އެންމެ ގިނައިން ގަންނަ ގައުމަކަށް އިންޑިއާ ވުމެވެ. އެހެން ކަމުން އިންޑިއާ އަކީ ވިޔަފާރީގެ ގޮތުން އިޒްރޭލަށް މުހިންމު ކަސްޓަމަރެކެވެ.
ދެ ގައުގެ ދެމެދުގައި ބަދަހި ވަމުންދާ ގުޅުމުގެ ތެރެއިން އިޒްރޭލުގެ ސިޔާސަތުތަކަށް އިންޑިއާގެ މަދަދު ބޭނުންވާ އިރު އިންޑިއާ އަކީ ފަލަސްތީނުގެ ރައްޔިތުން މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތައްވެސް ވަރަށް ބޮޑަށް ތާއީދު ކުރާ ގައުމެއްގެ ގޮތުގައި ދުނިޔެ އަށް ދައްކަން ބޭނުންވާ ގައުމެކެވެ. އަދި މިހާރަށް ބަލާއިރު ޔަހޫދީ ދައުލަތުން ހިފާފައިވާ ގުދުސްގެ މައްޗަށް އިޒްރޭލުން މުޅިން ވެރިވެ ގަތުމަށް އެމެރިކާގެ މަދަދުވެރި ކަމާއެކު ކުރަމުންދާ މަސައްކަތުގައި އިންޑިއާގެ އެހީތެރިކަމާއި ތާއީދު އިޒްރޭލުން ހޯދަން ބޭނުންވާއިރު އެކަމުގައި އިންޑިއާ އިން އާޚިރުގައި ކަން ކުރާނީ ކިހިނަކުންތޯވެސް އެއީ ގިނަ ބަޔެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި އިންޑިއާއިން "ރަހްމަތްތެރި" އެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރަމުން އަންނަ އިޒްރޭލް ރުޅި އަރުވާކަށް ބޭނުމެއް ނުވެއެވެ. މިކަން މިހެން އޮއްވާ އިންޑިއާ އިން އ.ދ ގެ އާއްމު މަޖިލީހުގައި އިންޑިއާއިން އިޒްރޭލާ ދެކޮޅަށް ދިން ވޯޓަކީ ބައިނަލް އަގްވާމީ ފިއްތުންތަކުގެ ސަބަބުން، ބައިނަލް އަގްވާމީ މައިދާނުގައި އިންޑިއާ އެކަހެރި ނުވުމުގެ މަގްސަދުގައި ދިން ވޯޓެއް ކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ މީގެ 6 މަސް ކުރިން އިޒްރޭލަށް ވަޑައިގެން އިޒްރޭލަކީ އިންޑިއާގެ ގާތް ރަހްމަތްތެރި އެއްގެ ގޮތުގައި ވިދާޅުވި ވި ވިދާޅުވުމުގެ އިތުރުން، ގުޖްރާތުގެ ޗީފް މިނިސްޓަރުކަން ކުރެއްވި ދުވަސްވަރުން ފެށިގެން މޯދީ އަކީ އިޒްރޭލާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. އަދި މި ގުޅުން އިތުރަށް ބަދަހި ކުރައްވަން ބޭނުންފުޅުވާ ކަމަށް މޯދީ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، ފަލަސްތީނަށް އިންޑިއާ އިން ކުރާ ތާއީދު އެ ގޮތުގައި ދަމަހައްޓައިގެން އިޒްރާލާ އެކު ގުޅުން ބަދަހިވަމުންދާނީ ކިހިނެއްތޯވެސް ސުވާލު އުފެދެއެވެ.
މިހާރުވެސް ފާޑުކިޔާ މީހުންގެ ނަޒަރުގައި އިންޑިއާއިން އިޒްރޭލާ އެކު ބާއްވަމުންދާ ގުޅުން ދެކެމުންދަނީ ތަފާތު ނަޒަރަކުންނެވެ. ފަލަސްތީނަށް ތާއީދު ކުރާ ކަމަށް އިންޑިއާގެ ޕީޖޭޕީ ސަރުކާރުން ބުނާ ބުނަމަކީ ހަމައެކަނި ބުނެލާ ވާހަކައެކެވެ. އެއީ މާ ސީރިއަސް ކަމެއް އެކުލެވިފައިވާ ކަމެއް ނޫނެވެ.
ނަތަންޔާހޫގެ މި ދަތުރުފުޅުގައި މޯދީގެ އުފަން ސްޓޭޓް ކަމަށްވާ ގުޖްރާތައް ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި ބެލޭ މުމްބާއީ އަށް ވަޑައިގެން ބޮލީވުޑްގެ މަޝްހޫރު ތަރިންނާ ބައްދަލު ކުރައްވާ އިޒްރޭލުގައި ބޮލީވުޑްގެ ފިލްމްތައް ނެގުމަށް ދައުވަތު ދެއްވާނެއެވެ.
ނަތަންޔާހޫގެ މި ދަތުރުފުޅުގައި އަރިހުގައި ވިޔަފާރި ވެރިން ހިމަނުއްވައިގެން 130 މެމްބަރުގެ ޑެލިގޭޝަނެއް އިންޑިއާ އަށް ގެންދެވިއެވެ. ޚަބަރުތައް ބުނާ ގޮތުގައި މި ދަތުރުފުޅުގެ ތެރޭގައި ހަކަތަ އާއި، ފިލްމް އުފެއްދުމާއި، ސައިބަރ ސްޕޭސް ގެ ދާއިރާއިން އެއްބަސްވުން ތަކުގައި އިންޑިއާ އާއެކު ސޮއި ކުރައްވާނެއެވެ.
ކޮންމެ އަކަސް ނަތަންޔާހޫގެ މި ދަތުރުފުޅާ ގުޅިގެން ފާޑު ކިޔާ މީހުން އުފައްދާ ސުވާލަކީ ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް ހެއްޔެވެ؟