ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑްއާއި ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ލަނޑު ޖަހަިގެން މެޗު ކާމިޔާބުކޮށް މި ސީޒަނުގެ އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ބާސެލޯނާއިން ދަމަހައްޓައިފިއެވެ.
ރަށުން ބޭރުގައި ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ބާސާއިން ކުރިމަތިލިއިރު އެ ޓީމު އެންމެފަހުން ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗަކުން މޮޅުވީ 2007 ވަނަ އަހަރުއެވެ. މި މެޗުގައި ބާސާއާ އަލަށް ގުޅުނު ދެ ކުޅުންތެރިން ކަމަށްވާ ފިލިޕޭ ކުޓީނިއޯ އަދި ޔެރީ މިނާ ފެނިގެން ގޮސްފައެއް ނުވެއެވެ.
ފުރަތަމަ ހާފު ފެށިގެން ސޮސިއެޑާޑްއިން ވަނީ ބާސާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވިލިއަން ހޯސޭއެވެ. ސޮސިއެޑާޑްއިން މެޗުގައި ޖެހި ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ޖުއަންމީއެވެ. އެހެން ނަމަވެސް 39 ވަނަ މިނެޓުގައި ޕައުލީނިއޯ ވަނީ ލަނޑެއް ޖަހައިދީ ބާސާއަށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މިއީ މި ސީޒަނުގައި ލަލީގާގައި އޭނާ ޖެހި އަށްވަނަ ލަނޑެވެ.
ބާސާގެ މައްޗަށް ސޮސިއެޑާޑް ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ބާސާއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ހިތްގައިމު ލަނޑަކާއެކު 50 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ބާސާއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު 71 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނީ ވެސް ސުއަރޭޒްއެވެ. ބާސާގެ ހަތަރު ވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިއޮނެލް މެސީއެވެ.
މި މެޗުގައި ޖެހި ލަނޑާއެކު މެސީ ވަނީ ބަޔާން މިއުނިކްގެ ލެޖެންޑް ގާޑް މުލާ އެ ޓީމަކަށް ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިދީގެން ހަދާފައިވާ ރެކޯޑު މުގުރާލާފައެވެ. މެސީ ވަނީ ބާސާއަށް ލަލީގާގައި ކުޅުނު 401 މެޗުގައި 366 ލަނޑު ޖަހައިދީފައެވެ. މި މެޗުން މޮޅުވުމާއެކު ބާސާއަކީ މިވަގުތު ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅެމުން އަންނަ ޓީމުތަކުގެ ތެރެއިން މި ސީޒަނުގައި ބަލިނުވާ ހަމައެކަނި ޓީމެވެ. ހަމައެހެންމެ މިވަގުތު އެ ޓީމު އޮތީ ވާދަވެރި ރެއާލްއަށްވުރެ 19 ޕޮއިންޓް ކުރީގައެވެ.
ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 48 ޕޮއިންޓާ އެކު ބާސާއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭއިރު ދެވަނައިގައި 42 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯއެވެ. ހަމައެހެންމެ ތިންވަނައިގައި 40 ޕޮއިންޓާ އެކު ވެލެންސިއާ އޮތްއިރު ހަތަރު ވަނައިގައި 32 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ.