ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 16:57
ކެވިން ޑެބްރައިނާ
ކެވިން ޑެބްރައިނާ
ގެޓީ އިމޭޖަސް
މެންޗެސްޓާ ސިޓީ
ޑެބްރައިނާ ސިޓީގެ ކޮންޓްރެކްޓް އައުކުރާނެ ކަމުގެ އިޝާރާތެއް ދީފި
އޭނާ ސިޓީއާ ގުޅިފައި ވަނީ 2015 ވަނަ އަހަރު
އާ ކޮންޓްރެކްޓުގެ ދަށުން އޭނާއަށް ހަފްތާ އަކު 210،000 ޕައުންޑުގެ މުސާރައެއް ލިބިގެންދާނެ
ޑެބްރައިނާ ބުނީ އެހެން ޓީމަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށް

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑެބްރައިނާ އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކުރާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

މިދިޔަ ޑިސެމްބަރުގެ މަހުގެ ތެރޭގައި ސިޓީއިން އޭނާއަށް އައު ކޮންޓްރެކްޓެއް ހުށަހެޅިއިރު އޭނާ އަދިވެސް ކޮންޓްރެކްޓުގައި ސޮއިކޮށްފައެއް ނުވެއެވެ. މީގެކުރިން ޑެބްރައިނާ ބުނެފައިވަނީ ކޮންޓްރެކްޓްގައި ސޮއިނުކުރަނީ އަދިވެސް މަޝްވަރާތައް ކުރިޔަށްދާތީ ކަމަށެވެ.

މި ސީޒަނުގައި ސިޓީ އިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އެ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔަކީ ޑެބްރައިނާއެވެ. އުމުރުން 26 އަހަރުގެ ޑެބްރައިނާ ވޮލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީއާ ގުޅިފައި ވަނީ 55 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އެފަހަރު އޭނާ ސޮއިކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން އޭނާ މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުއެވެ.

މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ސިޓީއިން ވަނީ އޭނާއަށް ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހަޅާފައެވެ. މި ކޮންޓްރެކްޓްގައި އޭނާ ސޮއިކޮށްފިނަމަ ބޯނަސްގެ ގޮތުގައި 10 މިލިއަން ޔޫރޯ ދިނުމަށް ވެސް ސިޓީއިން ވަނީ ނިންމާފައެވެ. މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޑެބްރައިނާއަށް ލިބެނީ ހަފްތާއަކު 115،000 (އެއް ލައްކަ ފަނަރަ ހާސް) ޕައުންޑެވެ. އޭނާ ސޮއެ ކުރުމަށް ހަމަޖެހިފައިވާ އައު ކޮންޓްރެކްޓުގެ ދަށުން އޭނާއަށް ހަފްތާއަކު 210،000 (ދެ ލައްކަ ދިހަ ހާސް) ޕައުންޑުގެ މުސާރައެއް ލިބިގެންދާނެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޑެބްރައިނާ ބުނީ ސިޓީއަށް އާދެވުމަކީ އޭނާގެ ހަޔާތުގައި ވެސް ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށާއި ޓީމު ވެސް މިވަގުތު ދަނީ ރަނގަޅު ދިމާލަށް ކަމަށެވެ. ޑެބްރައިނާ ބުނީ ފުޓްބޯޅައިގައި ކަންކަން ހިނގަމުންދަނީ ވަރަށް އަވަސް ސްޕީޑެއްގައި ކަމަށާއި ކްލަބުގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. އަދި އެހެން ކްލަބަކަށް ދިޔުމުގެ ޝައުގެއް ނެތް ކަމަށް ވެސް ޑެބްރައިނާ ބުނެފައިވެއެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ޑެބްރައިނާ އައު ކޮންޓްރެކްޓެއްގައި ސޮއިކުރަން އުޅޭ ކަމުގެ އިޝާރާތެއް ދީފައެވެ. އެގޮތުން ގާޑިއޯލާ ބުނީ އޭނާގެ މުޅި ޓީމުގެ ކުޅުން ބިނާ ވެފައި ވަނީ ޑެބްރައިނާގެ ކުޅުމަށް ކަމަށާއި ޑެބްރައިނާގެ ކުޅުން ރަނގަޅުވެއްޖެ ނަމަ ޓީމުން ވެސް ހޯދާނީ ރަނގަޅު ނަތީޖާ ކަމަށެވެ. ގާޑިއޯލާ ބުނީ ޑެބްރައިނާއަކީ ނަމޫނާއެއްގެ ގޮތުގައި ޒުވާން ކުޅުންތެރިން ބަލައިގަންނަން ޖެހޭ ކުޅުންތެރިޔެއް ކަމަށެވެ.

ސިޓީއަށް މިހާތަނަށް ކުޅުނު 79 މެޗުގައި އޭނާ 19 ލަނޑު ޖަހާފައިވާއިރު އޭނާވަނީ ސިޓީއާ އެކު 2016 ވަނަ އަހަރުގެ ފުޓްބޯޅަ ލީގު ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. ބެލްޖިއަމްގެ ގައުމީ ޓީމުގައި ވެސް މުހިންމު ރޯލެއް އަދާކުރަމުން އަންނަ ޑެބްރައިނާ ވަނީ އެ ޓީމަށް ކުޅުނު 58 މެޗުގައި 13 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް