ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 16:35
ލެރޯއި ސާނެ
ލެރޯއި ސާނެ
ގެޓީ އިމޭޖަސް
މެންޗެސްޓާ ސިޓީ
ލިވަޕޫލްއަށް ކުޅުމުގެ ފުރުސަތު ލިބުނު: ސާނޭ
ޝާލްކޭއިން އޭނާ ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި
އޭނާ ހޯދުމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް މަސައްކަތްކުރި
މި ސީޒަނުގައި އޭނާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން

ލިވަޕޫލްއަށް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށާއި އެހެން ނަމަވެސް އެ ކްލަބަށް ފުރަގަސްދީ ބަދަލުވާން ނިންމީ މެންޗެސްޓާ ސިޓީއަށް ކަމަށް ޖަރުމަނުގެ ހުނަރުވެރި ވިންގަރ ލެރޯއި ސާނޭ ބުނެފިއެވެ.

މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސާނޭ ޝާލްކޭ ދޫކޮށްލުމަށް ފަހު ސިޓީއާ ގުޅިފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހު 37 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ސިޓީއަށް ބަދަލުވުމުގެ ކުރިން ބުންޑެސްލީގާގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުން ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން އޭނާ ގެންދިޔުމަށް މަސައްކަތް ކޮށްފައިވެއެވެ. އޭގެތެރޭގައި ޔާގަން ކްލޮޕްގެ ލިވަޕޫލް ވެސް ހިމެނެއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ 'ދަ ގާޑިއަން' އާ ވާހަކަ ދައްކަމުން ސާނޭ ބުނީ ސިޓީއަށް ބަދަލުވުމުގެ ކުރިން ލިވަޕޫލްއާއެކު މަޝްވަރާ ކުރި ކަމަށާއި އެ ޓީމުގެ ކޯޗު ކްލޮޕް ވެސް އޭނާއަށް ބަރާބަރަށް ގުޅަމުން ދިޔަ ކަމަށެވެ. އޭނާ ބުނީ ބޮރޫޝިއާ ޑޯޓްމަންޑްގައި ކްލޮޕް ރަނގަޅު ނަތީޖާތަކެއް ހޯދި ކަމަށާއި އޭނާއާ ބައްދަލުވި ބުންޑެސްލީގާގެ މެޗެއްގެ ތެރެއިން ކަމަށެވެ. އަދި ލިވަޕޫލްގައި ވެސް ކްލޮޕް ހޯދަމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ކަމަށް ކޭން ބުނެފައިވެއެވެ.

އޭނާ ބުނީ ޝާލްކޭގެ އެކަޑަމީގައި އޭނާ ތަމްރީނުތައް ފުރިހަމަ ކުރިއިރު ވެސް ކްލޮޕްގެ އިރުޝާދުގެ ދަށުން ޑޯޓްމަންޑްއަށް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށާއި އެހެން ނަމަވެސް ވާދަވެރި ކްލަބްއަކަށް ބަދަލުވާން ބޭނުންނުވީ ކަމަށެވެ. އޭނާ ބުނީ ސިޓީއަށް ބަދަލުވީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ހޯދުމަށް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި 5-0 ގެ ނަތީޖާއަކުން ލިވަޕޫލްގެ މައްޗަށް ސިޓީ ކުރިހޯދި މެޗުގައި ސާނެ ދެ ލަނޑު ޖެހިއެވެ. އޭނާ ބުނީ އޭރު ބޮޑު ތަފާތަކުން ލިވަޕޫލް ބަލިކުރެވުނު ނަމަވެސް މިހާރު އެގޮތަށް އެކަން ނުހިނގާނެ ކަމަށެވެ. ލިވަޕޫލްގައި ތިބީ ހުސް މޮޅު ކުޅުންތެރިން ކަމަށާއި ކައުންޓާގައި ލަނޑު ޖެހުމަށް އެ ޓީމުން މަސައްކަތްކުރާނެ ކަމަށް ސާނޭ ބުނެފައިވެއެވެ.

އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ތަރި އެލެކްސިސް ސަންޗޭޒް ހޯދުމަށް ސިޓީއިން މަސައްކަތްކުރަމުން އަންނައިރު އޭނާ އެ ޓީމަށް އަޔަސް ފުރަތަމަ އެގާރައިން ފުރުސަތު ނުގެއްލޭނެ ކަމަށް ސާނޭ ބުނެފައިވެއެވެ. އޭނާ ބުނީ ސަންޗޭޒްއަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި އޭނާ އެ ޓީމާއި ގުޅިއްޖެނަމަ އެއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނާ ބުނީ ސަންޗޭޒް އައުން ވެގެންދާނީ ޗެލެންޖަކަށް ކަމަށާއި ޗެލެންޖްތަކާއި ކުރިމަތިލުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށެވެ.

އުމުރުން 22 އަހަރުގެ ސާނޭ ވަނީ މި ސީޒަނުގެ މިހާތަނަށް ސިޓީއަށް ކުޅުނު މެޗުތަކުގައި ނުވަ ލަނޑު ޖަހާފައެވެ. އޭނާގެ މި ފޯމުގެ ސަބަބުން ސިޓީއަށް ބޮޑު ފައިދާތަކެއް ކުރަމުންދާއިރު އެ ޓީމު މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި 15 ޕޮއިންޓްގެ ލީޑަކާއެކުއެވެ.

- ކޮމެންޓް