އޮސްޓްރޭލިއާގެ މެލްބަންގައި މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަންގެ ފެވަރިޓަކީ އޭނާ ނޫން ކަމަށް ދުނިޔޭގެ އެންމެ ކާމިޔާބު ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ބުނެފިއެވެ.
އުމުރުން 36 އަހަރުގެ ފެޑެރާ ވަނީ މީގެކުރިން ފަސް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މިދިޔަ އަހަރު އޭނާ މި މުބާރާތުގެ ތަށި އުފުލާލީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ސްޕެއިންގެ ރަފައޭލް ނަދާލް ބަލިކުރުމަށް ފަހުއެވެ. މިއަހަރުގެ މުބާރާތުގެ ވެސް ފެވަރިޓެއްގެ ގޮތުގައި ފެޑެރާ ވެފައިވާއިރު އޭނާ ފެވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަނީ މި މުބާރާތާއި ނަދާލް އަދި ޖޮކޮވިޗް އަނިޔާގައި ތިބެ ކުރިމަތިލާތީއެވެ. އަދި އެންޑީ މަރޭ ވެސް މި މުބާރާތުގައި ވާދަނުކުރަން ނިންމުމަކީ އޭނާ ފެވަރިޓަށް ވުމުގެ ސަބަބެކެވެ.
މުބާރާތް ފެށުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފެޑެރާ ބުނީ އޭނާއަކީ ފެވަރިޓެއްގެ ގޮތުގައި ގަބޫލު ނުކުރާ ކަމަށާއި އުމުރުން 36 އަހަރުގެ ކުޅުންތެރިޔަކު ގްރޭންޑް ސްލޭމް މުބާރާތެއްގެ ފެވަރިޓަކަށް ވެގެން ނުވާނެ ކަމަށެވެ. ދުނިޔޭގެ ދެވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ފެޑެރާ ބުނީ މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންކަމުން މި މުބާރާތާއި އޭނާ ކުރިމަތިލަނީ ކޮންމެހެން ތަށި ހޯދުމުގެ އުއްމީދުގައި ނޫން ކަމަށެވެ.
ފެޑެރާ ބުނީ މިދިޔަ އަހަރު ނަދާލް ހޯދި ކާމިޔާބީ މިއަހަރުވެސް ތަކުރާރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި މި މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗްއަކީ ވެސް މިއަހަރުގެ ފެވަރިޓެއް ކަމަށެވެ. ފެޑެރާގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ 51 ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ސްލޮވީނިއާގެ އަލްޖާޒް ބަޑީންއާ ދެކޮޅަށެވެ.
މިއަހަރުގެ މުބާރާތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. މިކަމަށް އިޝާރާތްކޮށް ފެޑެރާ ބުނީ ހުރިހާ ކުޅުންތެރިން ވެސް އަނިޔާއިން ދުރުވުމަށް ވަރަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި ކުޅުންތެރިންގެ ޓްރެއިނަރުން ވެސް އަނިޔާއިން ކުޅުންތެރިން ދުރުވާނެ ގޮތަކަށް ފަރިތަކުރުންތަކާއި ފިޓްނެސް ކަންކަން ބިނާކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ފިޓްކޮށް ހުރުމަކީ ކުޅުންތެރިންގެ ޒިންމާއެއް ކަމުގައި ވިޔަސް ބައެއް ފަހަރު ކުޅުންތެރިންގެ ބަދު ނަސީބުން އަނިޔާއާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
މިދިޔަ ސީޒަނަކީ ފެޑެރާ އަނިޔާއިން އެނބުރި އައިސް ކުޅުނު ސީޒަނެކެވެ. ހަ މަސްދުވަހުގެ އަނިޔާއަކުން އެނބުރި އައިސް މިދިޔަ ސީޒަނުގައި ފެޑެރާ ދެ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރިއެވެ. އޭނާ ބުނީ މިދިޔަ ސީޒަނާއި ކުރިމަތިލިއިރު މުބާރާތެއް ކާމިޔާބު ކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނުކުރާ ކަމަށާއި އެހެން ނަމަވެސް ސީޒަން ނިމުނުއިރު މިދިޔަ ސީޒަން ވެގެން ގޮސްފައިވަނީ އޭނާގެ ކެރިއަރުގައި ވެސް އެންމެ ކާމިޔާބު ސީޒަންތަކުގެ ތެރެއިން އެއް ސީޒަނަށް ކަމަށެވެ.
މިއަހަރުގެ ޓެނިސް ސީޒަނުގެ ފުރަތަމަ ގްރޭންޑް ސްލޭމް މެލްބަންގައި ފެށިފައިވާއިރު މިފަހަރުގެ މުބާރާތަކީ ފެޑެރާއަށް 20 ވަނަ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.