ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 15:36
ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)
ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)
މާޒިޔާ ސްޕޯރޓްސް ކްލަބް
ކްލަބް އީގަލްސް
ބަކާ އީގަލްސްއަށް، ޒުވާން ގިނަ ކުޅުންތެރިން ވެސް ގުޅިއްޖެ
ބަކާ މިދިޔަ ސީޒަނުގައި ވިކްޓްރީ އަދި މާޒިޔާއަށް ކުޅުނު
އީގަލްސްއިން އަންނަނީ މި ސީޒަނަށް ގިނަ ތައްޔާރީތަކެއް ވަމުން

ރާއްޖޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ގުނާލެވޭ މުހައްމަދު އާރިފް (ބަކާ) މި ސީޒަނުގައި ކްލަބް އީގަލްސްއަށް ކުޅުމަށް ސޮއި ކޮށްފިއެވެ.

މިދިޔަ ސީޒަނުގެ މާލެ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބްއިން ފެނުނު ބަކާ ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާގެ ފެހި ޖާޒީއިން ވެސް ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް ފަހުން މާޒިޔާއިން އޭނާ ދޫކޮށްލީއެވެ. ބަކާއަށް މިދިޔަ އަހަރު ގައުމީ ޓީމުން ވެސް ފުރުސަތު ދީފައިނުވާއިރު އޭނާގެ ބަދަލުގައި މިދިޔަ އަހަރު ގައުމީ ޓީމުން ފުރުސަތު ދީފައިވަނީ އީގަލްސްގެ ކުރީގެ ކުޅުންތެރިޔާ އިމްރާން ނަޝީދު (އިންމަ) އަށެވެ.

ވޭތުވެދިޔަ ދެ ސީޒަނުގައި ވެސް އީގަލްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިންމަ ވަނީ އެ ޓީމު ދޫކޮށް މިދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއަށް ބަދަލުވެފައެވެ. އިންމަގެ އިތުރުން އެ ޓީމުގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ވެސް ވަނީ އެ ޓީމު ދޫކޮށްލާފައެވެ.

މި ސީޒަނުގައި ކާމިޔާބު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ނުކުންނަ އީގަލްސްއިން ވަނީ ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ތަސްނީމް (މޯޑް) ވެސް އެ ޓީމަށް ގެނެސްފައެވެ. އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށް ފަހު އޭނާވަނީ މިދިޔަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަން މުބާރާތުގައި ވެސް ކުޅެފައެވެ.

އީގަލްސްއަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުން ފުރުސަތު ގެއްލުނުއިރު އެ ޓީމުން އަންނަނީ މި ސީޒަނަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މޯހަން ކޯޗުކަމާއި ހަވާލުވުމަށް ފަހު އޭނާ ބުނީ އަމާޒަކީ ޒުވާން ކުޅުންތެރިން ބިނާކުރުން ކަމަށެވެ. މޯހަންގެ މި ބަހާއި އެއްގޮތަށް އީގަލްސްއިން ވަނީ މިދިޔަ އަހަރު ބޭއްވި އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އެ ޓީމުގެ ޒުވާން ޓީމުގައި ހިމެނުނު ޒުވާން ހަތަރު ކުޅުންތެރިޔަކު ވެސް އެ ޓީމަށް ގެނެސްފައެވެ.  

އީގަލްސްއިން ގެނައި ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހައިޝަމް ހަސަންއާއި އަލީ ޝަމާލްގެ އިތުރުން މުސައްނިފް މުހައްމަދުއެވެ. މި ކުޅުންތެރިންގެ ތެރެއިން މުސައްނިފްއަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިޔެކެވެ.

އައު ކުޅުންތެރިން ގެނައުމުގެ އިތުރަށް އީގަލްސްއިން ވަނީ އެ ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު މުހިންމު ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް އައުކޮށްފައެވެ. އޭގެތެރޭގައި ހުނަރުވެރި ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ވެސް ހިމެނެއެވެ. ހަމައެހެންމެ މިދިޔަ ސީޒަނުގައި ވެސް އެ ޓީމަށް ކުޅުނު ލަންކާގެ ގައުމީ ޓީމުގެ ކީޕަރުން ސުޖަން ޕެރޭރާގެ އިތުރުން ދެ ބިދޭސީ ކުޅުންތެރިޔަކު މި ސީޒަނުގައި އެ ޓީމުން ފެންނާނެވެ.

ބަކާ ވަނީ މީގެކުރިން ވެސް އީގަލްސްއަށް ކުޅެފައެވެ. 2012 ވަނަ އަހަރު އީގަލްސްއަށް އޭނާ ކުޅުނުއިރު އޭނާ ވަނީ ރާއްޖޭގެ އެންމެ ނަން ހިނގާ ޓީމުތައް ކަމަށްވާ ނިއު ރޭޑިއަންޓް، ވެލެންސިއާ، މާޒިޔާ، ވިކްޓްރީ އަދި ވީބީ ސްޕޯޓްސްއަށް ވެސް ކުޅެފައެވެ. ހަމައެހެންމެ އޭނާ ވަނީ މިޔަންމާގެ ކްލަބެއް ކަމަށްވާ ކޭބީޒެޑްއަށް ވެސް ކުޅެފައެވެ.

ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ގިނަ ކުޅުންތެރިންނާއެކު އީގަލްސްއިން މި ސީޒަނާއި ކުރިމަތިލާނީ ރަނގަޅު ނަތީޖާތަކެއް ހޯދުމުގެ އުއްމީދުގައެވެ.

- ކޮމެންޓް