ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ކްލަބް ވެލެންސިއާގެ ކޯޗުގެ މަގާމަށް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަދި ޒުވާން ކޯޗު ސޮބާހް މުހައްމަދު (ސޮބާ) އައްޔަނުކޮށްފިއެވެ.
މިދިޔަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސްއަށް އިރުޝާދު ދިން ސޮބާ ވަނީ ވެލެންސިއާގެ ކޯޗަކަށް ބަދަލުވުމަށް ސޮއިކޮށްފައެވެ. އެ ޓީމުގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސޮބާ ބުނީ މިއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި މިއީ އުނދަގޫ ވެގެންދާނެ ގޮންޖެހުމެއް ކަމަށެވެ. ސޮބާ ބުނީ އޭނާއަކީ ޗެލެންޖްތަކާއި ކުރިމަތިލައި ގިނަފަހަރު ކާމިޔާބު ހޯދާފައިވާ މީހެއް ކަމަށެވެ. ހަމައެހެންމެ ކުރީގެ މަގާމަށް ވެލެންސިއާ ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ސޮބާ ބުނެފައިވެއެވެ.
ސޮބާ ބުނީ ވެލެންސިއާގައި އޭނާ ބިނާކުރާނީ އާ ޓީމެއް ކަމަށާއި އޭނާގެ ގާބިލްކަން ތަންދިން އެންމެ މަތީ މިންވަރަކަށް އެ ކްލަބަށް ކާމިޔާބު ހޯދައިދޭން މަސައްކަތްކުރާނެ ކަމަށެވެ. އޭނާ ބުނީ ސީޒަނަށް ކަނޑައަޅާފައިވާ އެންމެ ބޮޑު ޓާގެޓަކީ މާލޭ ލީގު ފަހަނައަޅައި ގޮސް އުރީދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުން ކަމަށެވެ.
މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވެލެންސިއާއިން ވަނީ އެ ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ވެސް ގެނެސްފައެވެ. އެގޮތުން ކްލަބް އީގަލްސްއަށް ކުޅުނު އުއްމީދީ ފޯވާޑް އަންސަރު އިބްރާހިމް (އަންކޮ) އާއި ސޮބާގެ އިރުޝާދުގެ ދަށުން ގްރީންއަށް ކުޅުނު އިބްރާހިމް ހަސީބް އާއި އެ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާންގެ އިތުރުން މިދިޔަ ސީޒަނުގައި ނިއުއަށް ކުޅުނު މުހައްމަދު ކަރަމް ވަނީ އެ ޓީމަށް ސޮއިކޮށްފައެވެ. ހަމައެހެންމެ ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފައެވެ.
މިއީ ޕްރޮފެޝަނަލް ކޯޗިން ދާއިރާއިން ސޮބާ ފެނިގެންދާނެ ތިންވަނަ އަހަރެވެ. 2014 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ކޯޗިން ދާއިރާއަށް ވަން ސޮބާ އެންމެ ފުރަތަމަ ފެނިގެންދިޔައީ 2015 ވަނަ އަހަރު ނިއުގެ ބެންޗުންނެވެ. އެ ކްލަބުގައި ހޭދަކުރި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާ އެ ޓީމު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްއަށް ގެންގޮސްދީ އޭއެފްސީ ކަޕްގައި އެ ޓީމު ކުޅުނު މެޗުތަކުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދައިދިނެވެ. އޭގެފަހުން 2016 ވަނަ އަހަރު ގްރީންގެ ކޯޗުކަމާއި ހަވާލުވެ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނެވެ. ހަމައެހެންމެ މިދިޔަ އަހަރު ގްރީންގް ކޯޗެއްގެ ގޮތުގައި އެ ޓީމަށް މާލެ ލީގުގެ ދެވަނަ ހޯދައިދީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދިނެވެ.
ސޮބާއަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ރަނގަޅު ނަތީޖާތައް ނެރެމުން އަންނަ އެއް ކޯޗުގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު ވެލެންސިއާގެ ސަޕޯޓަރުންގެ އުއްމީދަކީ އޭނާ އެ ޓީމު ކުރިން އޮތް ހިސާބަށް ގެންގޮސްދީ އަލުން އަނބުރާ ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ކްލަބަކަށް ހަދައިދިނުމެވެ.