ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 11:24
އަރުދަ ޓުރާން ބާސާގެ ޖާޒީގައި
އަރުދަ ޓުރާން ބާސާގެ ޖާޒީގައި
އެފްސީ ބާސެލޯނާ
ބާސާގެ ޓްރާންސްފާތައް
ބާސާ ދޫކޮށް ޓުރާން އެނބުރި އަމިއްލަ ގައުމަށް
ބާސާ ދޫކޮށް އޭނާ ބަދަލުވީ ތުރުކީ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އިސްތަންބޫލް ބަސަކްސެހިރްއަށް
އޭނާ އެ ޓީމާއި ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އައި ތުރުކީގެ މިޑްފީލްޑަރު އަރުދަ ޓުރާން އެ ޓީމު ދޫކޮށް އަމިއްލަ ގައުމުގެ ޓީމަކާއި ގުޅިއްޖެއެވެ.

އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ބާސާ ދޫކޮށް ބަދަލުވެފައިވަނީ ތުރުކީ ސުޕާލީގުގެ އެއްވަނަ މަގާމުގައި މިވަގުތު އޮތް އިސްތަންބޫލް ބަސަކްސެހިރްއަށެވެ. އޭނާ އެ ޓީމާއި ގުޅިފައިވަނީ ދެ އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. 2015 ވަނަ އަހަރު އެޓްލެޓިކޯ މެޑްރިޑް ދޫކޮށް ބާސާއާއި ގުޅުނު ޓުރާން އެ ޓީމަށް މި ސީޒަނުގައި އެއްވެސް މެޗެއް ކުޅެދީފައެއް ނުވެއެވެ.

މި ސީޒަނުގައި ބާސާގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ގެއްލިފައިވަނީ އެ ޓީމަށް އަލަށް ގެނައި މިޑްފީލްޑަރުންގެ ސަބަބުންނެވެ. އެގޮތުން ޕައުލީނިއޯ އަދި ލިވަޕޫލްއަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ އެ ޓީމާއި ގުޅުމުގެ ސަބަބުން ޓުރާންއަށް ފުރަތަމަ އެގާރައިން ފުރުސަތުވަނީ ގެއްލިފައެވެ.

ޓުރާންގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އޭނާ ނެރުނު ބަޔާނެއްގައި ވަނީ ބާސާއަށް ކުޅުމަކީ އޭނާ ދެކުނު ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ހެދިފައިވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އޭނާ ވަނީ ބާސާގައި އޭނާއާއެކު ކުޅުނު ކުޅުންތެރިންނަށް ޝުކުރު އަދާކުރާ ކަމަށާއި ބާސާއަށް ކުޅުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފުކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން އަލުން އެނބުރި ބާސާއަށް އާދެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ޓުރާންގެ ބަޔާނުގައިވެއެވެ.

ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ޓުރާން އެ ޓީމު ދޫކޮށްލުމާއި ގުޅިގެން ބުނީ އޭނާއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި އޭނާ އެ ޓީމު ދޫކޮށްލަން ނިންމީ އެންމެ އެދެވޭ ވަރަށް ކުޅުމުގެ ފުރުސަތު ލިބުމުން ކަމަށެވެ. އަދި ޓުރާން ތުރުކީއަށް އެނބުރި ދިޔުމާއި ގުޅޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށް ވަލްވާޑޭ ބުނެފައިވެއެވެ.

ބާސާގައި ޓުރާން ހޭދަކުރި ދެ އަހަރާއި ބައިގައި އޭނާވަނީ އެ ޓީމަށް 55 މެޗު ކުޅެދީ 15 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ ޓީމާއެކު ހަ ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި އެއް ސްޕެނިޝް ލަލީގާއާއި ދެ ކޮޕާ ޑެލްރޭގެ އަދި ފީފާ ކްލަބް ވޯލްޑް ކަޕްއެއްގެ އިތުރުން އެއް ޔުއެފާ ސުޕާ ކަޕް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް