ސްޕެނިޝް ލަލީގާގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ތަށި ދިފާއުކުރުމަށް ރެއާލްއިން ކުރަމުން އައި އުއްމީދުތައް ފުނޑުފުނޑުވެއްޖެއެވެ.
ރެއާލްގެ އަމިއްލަ ދަނޑު ކަމަށްވާ ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ކޮޕާ ޑެލްރޭގައި ނުމަންސިއާ އާއި ދެކޮޅަށް ކުޅުނު ރެއާލްގެ ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިޔަކަށް މި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައެއް ނުވެއެވެ. މި މެޗާއި ވިޔަރެއާލްއިން ކުރިމަތިލިއިރު އެ ޓީމު ރެއާލްއާ ދެކޮޅަށް އެންމެފަހުން ކުޅުނު 17 މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.
ފުރަތަމަ ހާފު ފެށިގެން ރެއާލްއިން ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅެ ވިޔަރެއާލްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ރެއާލްގެ ރޮނާލްޑޯ މެޗުގެ 14 ވަނަ މިނެޓުގައި ވިޔަރެއާލްގެ ގޯލު ހުޅުވާލި ނަމަވެސް ރެފްރީ ނިންމާފައިވަނީ އޭނާ އެ ލަނޑު ޖެހީ އޮފްސައިޑް މަގާމެއްގައި ހުރެގެން ކަމަށެވެ. މެޗުގެ 23 ވަނަ މިނެޓުގައި ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު އޭނާއަށް މި ހާފުގައި ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފު ފެށިގެން ވިޔަރެއާލްއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރިއިރު އެ ޓީމުން ވަނީ މި ހާފުގައި ރެއާލްގެ ހަމަލާތައް ހުއްޓުވުމަށް ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. އެ ޓީމުގެ ކީޕަރު ސާޖިއޯ އަސެންޖޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މި މެޗުގައި ހަތް ސޭވް ކޮށްފައެވެ. ރެއާލް ސިއްސުވާލުމަށްފަހު ވިޔަރެއާލްއިން މެޗުގެ ލީޑު ނެގީ 87 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މިޑްފީލްޑަރު ޕަބްލޯ ފޯނާލްސްއެވެ.
މިއީ ރެއާލްގެ ދަނޑުގައި ވިޔަރެއާލް ތާރީހުގައި ވެސް މޮޅުވި އެންމެ ފުރަތަމަ މެޗެވެ.
OUR FRENCH CONNECTION
— Atlético de Madrid (@atletienglish) January 13, 2018
@AntoGriezmann ↔ @kevingameiro9
Nine of Kevin’s 22 goals for Atleti have been assisted by Antoine!#AúpaAtleti #EibarAtleti pic.twitter.com/WXpW3OIGd6
ލަލީގާގައި ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އެއިބާ ބަލިކޮށް އެޓްލެޓިކޯ މެޑްރިޑްއިން ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައިގައި އެ ޓީމުގެ މަގާމު ދިފާއުކޮށްފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ ކެވިން ގަމެއިރޯއެވެ.
ހަމައެހެންމެ ވެލެންސިއާ ވެސް ވަނީ ރަށުން ބޭރުގައި ޑިޕޯޓިވޯ 2-1 ގެ ނަތީޖާއަކުން ބަލިކޮށް ހަތަރުވަނައިގައި އޮތް ރެއާލްއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ބޮޑުކޮށްފައެވެ. މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ރޮޑްރިގޯ އަދި ގޮންކާލޯ ގުއޭޑޭސް ޖަހައިދިންއިރު ޑިޕޯޓިވޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފްލޯރިން އެންޑޯންއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ކާލާ ޖަހައިދިން ލަނޑުން ގެޓާފޭ ވެސް ވަނީ 1-0 ގެ ނަތީޖާއަކުން މަލާގާ ބަލިކޮށްފައެވެ. ޖިރޯނާ ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލަސް ޕަލްމާސް ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުގެ މައިކަލް އޮލުންގާ ހެޓްރިކް ހެދިއިރު ކްރިސްޓިއަން ސްޓުއާނީ އަދި ބޯޖާ ގާސިއާގެ އިތުރުން ކްރިސްޓިއަން ޕޯޓޫ ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީފައެވެ.
ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 48 ޕޮއިންޓާ އެކު ބާސާއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭއިރު ދެވަނައިގައި 42 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯއެވެ. ހަމައެހެންމެ ތިންވަނައިގައި 40 ޕޮއިންޓާ އެކު ވެލެންސިއާ އޮތްއިރު ހަތަރު ވަނައިގައި32 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ. ރެއާލްގެ ޕޮއިންޓެއް ފަހަތުން ފަސްވަނައިގައި އޮތީ ވިޔަރެއާލްއެވެ.