ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 11:25
ޓޮޓެންހަމްގެ ލަނޑުތައް ޖަހައިދިން ސޮން އަދި ކޭން
ޓޮޓެންހަމްގެ ލަނޑުތައް ޖަހައިދިން ސޮން އަދި ކޭން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ކޭން ރެކޯޑު ހެދިއިރު ޗެލްސީ އެއްވަރުވެއްޖެ
އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
ލެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން
ޓޮޓެންހަމް ތާވަލުގެ ފަސް ވަނައިގައި އޮތްއިރު ޗެލްސީއަށް ލިބެނީ ތިންވަނަ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް ހެރީ ކޭން ރެކޯޑު ހެދިއިރު ޗެލްސީ ކުޅުނު މެޗުން އެ ޓީމުން އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމުނގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުގެ ކުރިޔަށް ކުޅުނު ކުޅުންތެރިން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި އެވަޓަންއާ އަލަށް ގުޅުނު ތުރުކީގެ ފޯވާޑް ސެންކް ޓޯސަން ވަނީ އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

ފުރަތަމަ ހާފު ފެށިގެން 22 ވަނަ މިނެޓުގައި އެވަޓަންއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. އޭގެ ހަތަރު މިނެޓު ފަހުން ޓޮޓެންހަމްއަށް ލީޑު ލިބިގެންދިޔައީ ދެކުނު ކޮރެއާގެ ފޯވާޑް ހެއުންމިން ސޮން ޖަހައިދިން ލަނޑުންނެވެ. މި ލަނޑަށް ފަހުވެސް ޓޮޓެންހަމްއިން ފުލުފުލުގައި ހަމަލާ އުފެއްދިއިރު އެވަޓަންގެ ޑިފެންސް އަދި އެ ޓީމުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މި ހަމަލާތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޓޮޓެންހަމްއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި އިތުރަށް ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ދެ މިނެޓު ނުވަނީސް ކޭން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އެރިކް ޑަޔަރގެ އެހީތެރިކަމާއެކު ޖަހައިދިނީ ވެސް ކޭންއެވެ. ޓޮޓެންހަމްއަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ވެގެންދިޔައީ 81 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސެން ޖަހައިދިން ލަނޑުންނެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު ކޭން ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ޓޮޓެންހަމްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. ޓެޑީ ޝެރިންގްހަމްގެ ރެކޯޑު ކޭން މުގުރާލީ 135 މެޗުގައި އެ ޓީމަށް 98 ލަނޑު ޖަހައިދީގެންނެވެ.

ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވަނީ 31 ހަމަލާއެއް ފޮނުވާލާފައެވެ. މި މެޗު އެއްވަރުވުމާއެކު މިއީ ލަނޑެއް ނުޖެހި ޗެލްސީ ޖެހިޖެހިގެން އެއްވަރުވި ތިންވަނަ މެޗެވެ.

އެހެން މެޗުތަކަށް ބަލާލާއިރު ކްރިސްޓަލް ޕެލަސް ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ބާންލީ ބަލިކޮށްފައެވެ. ރަށުން ބޭރުގައި ވެސްޓް ހަމް 4-1 ގެ ނަތީޖާއަކުން ހަޑާސްފީލްޑް ޓައުން ބަލިކުރިއިރު ވެސްޓް ބްރޮމްއާ ބްރައިޓަން ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކުރީ ވެސްޓް ބްރޮމްއެވެ. ހަމައެހެންމެ ވޮޓްފޯޑްއާ ސައުތްހެމްޕްޓަން ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު ނިއުކާސަލްއާއި ސްވަންސީ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 62 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 47 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީއަށް 47 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު 44 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ލިވަޕޫލްއަށެވެ. ހަމައެހެންމެ 44 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ފަސްވަނަ ލިބެނީ ޓޮޓެންހަމްއަށެވެ.

- ކޮމެންޓް