ޖަރުމަނު ބުންޑެސްލީގާގައި ބަޔާ ލެވަކޫސެންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ތާވަލުގެ އެންމެ ކުރީގައި ގަދަފަދަ ބަޔާން މިއުނިކް ހަމަޖެހިލައިފިއެވެ.
ލެވަކޫސެންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާންއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ބަޔާންއިން ކުރިމަތިލީ ގިނަ ބަދަލުތަކާއެކުއެވެ. އެ ޓީމު އެންމެފަހުން ކުޅުނު މެޗުގައި ކުޅުނު ކުޅުންތެރިންގެ ފަސް ކުޅުންތެރިޔަކަށް މި މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައިނުވެއެވެ. މި މެޗު ވެގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ބުންޑެސްލީގާގައި ބަޔާން ބަލިވި ފުރަތަމަ މެޗަށެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބަޔާންއިންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ބަޔާންއަށް ލީޑު ލިބިގެންދިޔައީ ސްޕެއިންގެ ޑިފެންޑަރު ޖަވީ މާޓިނޭޒް ޖަހައިދިން ލަނޑުންނެވެ. މި ލަނޑަކީ 2013 ވަނަ އަހަރުގެ ފަހުން ލެވަކޫސަންގެ ސްޓޭޑިއަމްގައި ބަޔާންއިން ޖެހި ފުރަތަމަ ލަނޑަށެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ބަޔާންއިން ފުރަތަމަ ހާފު ނިންމާލިއިރު ލެވަކޫސެންއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ލެވަކޫސެންއިން ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރަމުން ދަނިކޮށް ފްރޭންކް ރިބެރީ ވަނީ 59 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އެހެން ނަމަވެސް މެޗުގެ 70 ވަނަ މިނެޓުގައި ކެވިން ވޮލަންޑް ވަނީ ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު ލެވަކޫސެންއަށް ކުޑަކޮށްދީފައެވެ. ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް ރޮޑްރިގޭޒްއެވެ.
ބުންޑެސްލީގާގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު އެއްވަނައިގައި 44 ޕޮއިންޓާއެކު އޮތީ ބަޔާން މިއުނިކެވެ. ދެވަނައިގައި 30 ޕޮއިންޓާ އެކު ޝާލްކޭ އޮތްއިރު ތިންވަނައިގައި 28 ޕޮއިންޓާއެކު އަދި ޖެހި ލަނޑުގެ ގޮތުން، އޮތީ ބޮރޫޝިއާ ޑޯޓްމަންޑްއެވެ. ހަތަރު ވަނައިގައި އޮތް ބަޔާ ލެވަކޫސަން ވެސް ލިބިފައި ވަނީ 28 ޕޮއިންޓެވެ.