ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 04:45
ޔެރީ މިނާ ބާސާގެ އޮފީސް ކުރިމަތީ ފޮޓޯއަކަށް ހުއްޓިލައިގެން
ޔެރީ މިނާ ބާސާގެ އޮފީސް ކުރިމަތީ ފޮޓޯއަކަށް ހުއްޓިލައިގެން
އެފްސީ ބާސެލޯނާ
ބާސެލޯނާ
ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޔެރީ މިނާ ދައްކާލައިފި
އޭނާ ބާސާއަށް ސޮއިކޮށްފައިވަނީ 11.8 މިލިއަން ޔޫރޯގެ ފީއަކަށް
އޭނާ ބާސާއާ އެކު ސޮއިކޮށްފައި ވަނީ ފަސް އަހަރާއި ބައިގެ އެއްބަސްވުމެއްގައި
އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100 މިލިއަން ޔޫރޯ

ބާސެލޯނާގެ ޑިފެންސް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމަށް ގެނައި ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މިނާ އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބާސާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ ޔެރީ މިނާ އެ ޓީމަށް ސޮއިކުރިކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ބާސާއާއެކު ސޮއިކޮށްފައި ވަނީ ފަސް އަހަރާއި ބައިގެ އެއްބަސްވުމެއްގައެވެ. އެހެންކަމުން އޭނާ ބާސާއާއެކު ސޮއިކުރި އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ ބާސާއަށް ސޮއިކޮށްފައި ވަނީ 11.8 މިލިއަން ޔޫރޯގެ ފީއަކަށެވެ. ބާސާއިން އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100 މިލިއަން ޔޫރޯއެވެ.

ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ދައްކާލާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. ބާސާގެ ރަސްމީ ޓީވީ ޗެނަލްއާ ވާހަކަ ދައްކަމުން އޭނާ ބުނީ އެ ޓީމާއި ގުޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމަށްޓަކައި އޭނާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. މިއީ އޭނާގެ ހުވަފެނެއް ހަގީގަތަށްވުން ކަމަށް ބުނަމުން މިނާ ބުނެފައިވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ލިބިފައިވުމާއެކު ވަރަށް ހިތްހަމަޖެހިފައިހުރި ކަމަށެވެ.

އޭނާ ބުނީ ބާސާއަށް ކުޅެމުން އަންނަ އެހެން ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްކުރަން ބޭނުންވާ ކަމަށާއި އޭނާގެ އަމާޒަކީ އެ ޓީމާއެކު ގިނަ ތަށިތަކެއް ކާމިޔާބުކުރުން ކަމަށެވެ.

ބާސާ އިން މީގެ ކުރިން ނިންމާފައި އޮތީ މިއަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕް ނިންމާލުމަށް ފަހު ޔެރީ މިނާ އެ ޓީމަށް ގެނައުމަށެވެ. އޭނާ ވެގެން ގޮސްފައި ވަނީ މި ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބާސާއިން ގެނައި ދެވަނަ ކުޅުންތެރިޔާއަށެވެ. އެގޮތުން އެ ޓީމުން ވަނީ ލިވަޕޫލަށް ކުޅުނު ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ 142 މިލިއަން ޕައުންޑަށް އެ ޓީމަށް ގެނެސްފައެވެ.

ޕަލްމެއިރާސްގެ ޑިފެންސް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މިނާ ވަނީ އެ ޓީމަށް ކުޅުނު 49 މެޗުގައި ނުވަ ލަނޑު ޖަހާފައެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ކޮލަމްބިއާގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުން އަންނަ މިނާ ވަނީ ގައުމީ ޓީމަށް ނުވަ މެޗު ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް