ފޭސްބުކް ނިއުސް ފީޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
ފޭސްބުކްގެ ފައުންޑަރ އަދި ސީއީއޯ މާކް ޒަކަރބާގް ވިދާޅުވީ ފޭސްބުކް ކުންފުނިން ފޭސްބުކްގެ ނިއުސް ފީޑް މަސައްކަތް ކުރާ ގޮތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާއިރު އަންނަ ހަފްތާ އިން ފެށިގެން އެ ބަދަލުތައް ފެނިގެންދާނެ ކަމަށެވެ.
މާކް ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ފޭސްބުކްގައި މީހުން ހޭދަކުރާ ވަގުތުތަކަކީ ރަނގަޅު ހެޔޮ ގޮތުގައި ހޭދަކުރެވޭ ވަގުތުތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފޭސްބުކް ހެދުމުގެ މައިގަނޑު މަގްސަދަކީ އެކަކު އަނެކަކާއި ގުޅުން ބަދަހިކުރުމަށް ކަމަށްވެސް މާކް ވިދާޅުވިއެވެ.
މާކް އިތުރަށް ވިދާޅުވީ ފޭސްބުކް ނިއުސް ފީޑަށް ގެންނަން ނިންމާފައިވާ ބަދަލުގެ ސަބަބުން ވިޔަފާރީތަކާއި މީޑިއާތަކުގެ ޕޯސްޓުތައް މަދުން ފެނިގެންދާނެ ކަމަށެވެ.