ކ. މާލެ
|
12 ޖެނުއަރީ 2018 | ހުކުރު 12:25
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ބައެއް ކުޅުންތެރިން
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ބައެއް ކުޅުންތެރިން
ޓެނިސް އެސޯސިއޭޝަން
ޓެނިސް އެސޯސިއޭޝަން
އައިޓީއެފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ކުރިއެރުންތަކެއް
މި މުބާރާތުގައި ރާއްޖެ ބައިވެރިވަމުން އަންނަނީ ދެވަނަ ޑިވިޝަނުގައި
ރާއްޖޭގެ ޓީމުގައި ހިމެނެނީ ތިން އަންހެން ކުޅުންތެރިންނާއި ތިން ފިރިހެން ކުޅުންތެރިން

ވިއެޓްނާމްގެ ހޯޗިމިންގ ސިޓީގައި މިހާރު ކުރިޔަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) ކުރިޔަށް ގެންދާ އޭޝިއާގެ 14 އަހަރުން ދަށުގެ ޓެނިސް މުބާރާތުގައި ވާދަކުރަމުން އަންނަ ކުޅުންތެރިން ކުޅުނު މެޗުތަކުން އެ ކުޅުންތެރިން ރަނގަޅު ކުރިއެރުންތަކެއް ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖެ ބައިވެރިވަމުން އަންނަނީ ދެވަނަ ޑިވިޝަނުގައެވެ. ރާއްޖޭގެ ޓީމުގައި ހިމެނެނީ ތިން އަންހެން ކުޅުންތެރިންނާއި ތިން ފިރިހެން ކުޅުންތެރިންނެވެ.

އަންހެން ސިންގަލްސްގެ މެއިން ޑްރޯގައި ރާއްޖޭގެ ކުޅުންތެރިންނަށް ކާމިޔާބު ނުލިބުނު ނަމަވެސް އެ ކުޅުންތެރިން ވަނީ ކޮންސެލޭޝަން މެޗުތަކުން ކާމިޔާބު ހޯދާފައިވެއެވެ. އެގޮތުން ރާއްޖޭގެ ތާރާ ނައީމް ބޫޓާންގެ ކުޅުންތެރިޔެއް ބަލިކުރުމަށް ފަހު ކުއާޓަރ ފައިނަލްއަށް ދަތުރުކުރި އިރު ކުއާޓަރގައި ތާރާ ބަލިވީ ކިރްގިސްތާން ކުޅުންތެރިޔެއް އަތުންނެވެ. ހަމައެހެންމެ ކުއާޓަރގައި ސީދާ ދެ ސެޓުން ކެމްބޯޑިއާގެ ރިކްސްމޭ ލައި ބަލިކޮށް ރާއްޖޭގެ ލަޔާން މުހައްމަދު ޝާމިން ވަނީ ކޮންސެލޭޝަން ބުރުގެ ސެމީއަށް ދަތުރުކޮށްފައެވެ.

ފިރިހެން ސިންގަލްސްގެ ކޮންސެލޭޝަން ބުރުގައި ބޫޓާންގެ ތިންލޭ ޑޯޖީއާ ވާދަކޮށް ރާއްޖޭގެ ރައްޔާން ޔޫސުފް މޮޅުވިއިރު ކުއާޓާގައި ރައްޔާން ބަލިވީ ވިއެޓްނާމް ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެ ސީދާ ދެ ސެޓުންނެވެ. ހަމައެހެންމެ ރާއްޖޭގެ ރައުދަކް މައުމޫން ކުޅުނު މެޗުން ވިއެޓްނާމްގެ ކުޅުންތެރިޔާ އަތުން ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. ފިރިހެން ސިންގަލްސްގެ މެއިން ޑްރޯގެ ފުރަތަމަ ބުރުގައި ރާއްޖޭގެ މުހައްމަދު ނާމިގް ޝާހިދް ކުޅުނު މެޗުން މޮޅުވެ ދެވަނަ ބުރަށް ދަތުކުރިއިރު ދެވަނަ ބުރުގައި ލާއޯސްގެ ކުޅުންތެރިޔާ އަތުން އޭނާ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ.

މި މުބާރާތުގެ ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ ސާރާ އަކްރަމް އާއި ތާރާ ނައީމް ބަލިވީ ވިއެޓްނާމް ކުޅުންތެރިންނާ ވާދަކޮށް ސީދާ ދެ ސެޓުން ބަލިވެފައެވެ.

އައިޓީއެފް ޗެމްޕިއަންޝިޕަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތައް ހޯދާ ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެއެވެ. އަދި އެ ފެޑެރޭޝަނުން ނެރޭ ރޭންކިންގް ލިސްޓްގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޓެނިސް އެސޯސިއޭޝަނުން އަންނަނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ޓެނިހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، މިއަހަރު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޭވިސް ކަޕް ޖޫނިއާ ފެޑް ކަޕްގެ ސަރަހައްދީ ކޮލިފައިންއަށް ޓީމެއް ފޮނުވަން ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

- ކޮމެންޓް