ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 10:48
މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން
މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް: ޗެލްސީއާއި އާސެނަލްގެ މެޗު އެއްވަރުވެއްޖެ
ޗެލްސީއާއި އާސެނަލް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެން
ފައިނަލްއަށް ދަތުރުކުރާ ޓީމު ކަށަވަރުވާނީ އާސެނަލްގެ ސްޓޭޑިއަމްގައި ކުޅޭ ދެވަނަ ލެގުގެ މެޗަށްފަހު

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި އާސެނަލްއާއި ޗެލްސީ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލަންޑަނަށް ނިސްބަތްވާ އެންމެ ބޮޑު ދެ ޓީމުގެ މެދުގައި ޗެލްސީގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް  ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި ދެ ޓީމުގެ ކީޕަރުން ވެސް ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އާސެނަލްގެ އެލެކްޒެންޑާ ލަކަޒެޓްއަށް ޗެލްސީގެ ގޯލު ކުރިމަތިން މުޅިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލީ ބޭރަށެވެ. މި ހާފުގައި ޗެލްސީގެ ޑިފެންޑަރު ވިކްޓަރ މޯސެސް ފޮނުވާލި ބާރު ދެ ހަމަލާއެއް އާސެނަލްގެ ކީޕަރު ޑޭވިޑް އޮސްޕީނާ ދިފާއުކުރިއިރު އެތަނުން އެއް ހަމަލާ ވަނީ އާސެނަލަގެ ގޯލުގެ ދަނޑީގައި ވެސް ޖެހިފައެވެ. މި ހާފުގައި އާސެނަލްގެ އެންމެ ރަނގަޅު ހަމަލާ އުފެއްދީ ޒުވާން ފޯވާޑް އެލެކްސް އިވޯބީއެވެ.

ދެވަނަ ހާފު ފެށިގެން ޗެލްސީއިން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި އޭރިއާ ބޭރުން އަލްވާރޯ މޮރާޓާ ފޮނުވާލި ދެ ހަމަލާއެއް އޮސްޕީނާ ދިފާއުކުރިއެވެ. ވިލިއަން އަދި ހަޒާޑު ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި ހާފުގައި އާސެނަލްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި މެޗު ނިންމާލުމަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާގެ ޓީމަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ނުހިފުމުން ވަރަށް ހިތްހަމަނުޖެހިފައި ހުރި ކަމަށެވެ. މި މެޗުގައި ނަސީބު ވެސް އެހީތެރި ނުވީ ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށް ވެސް ކޮންޓޭ ބުނެފައިވެއެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އޭނާގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ގޯސް ކަމެއް ފެނިފައިނުވާ ކަމަށެވެ. ހަމައެހެންމެ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުން މޮޅުވެ ފައިނަލްގެ ޖާގައެއް ހޯދުމަށް އުއްމީދު ކުރާ ކަމަށް ވެންގާ ހާމަކުރިއެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގައެއް ލިބޭއިރު ފައިނަލްގައި އެ ޓީމެއް ވާދަކުރަން ޖެހޭނީ މެންޗެސްޓާ ސިޓީއާއި ބްރިސްޓޯލް ސިޓީ ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް