ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 22:09
މި މެޗުން ސިޓީ މޮޅުވި ލަނޑު އަގުއޭރޯ ޖަހަނީ
މި މެޗުން ސިޓީ މޮޅުވި ލަނޑު އަގުއޭރޯ ޖަހަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް: ފަހު ވަގުތު އަގުއޭރޯ ޖެހި ލަނޑުން ސިޓީ ސަލާމަތްވެއްޖެ
އަމިއްލަ ދަނޑުގައި ބްރިސްޓޮލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިނގިރޭސި ލީގު ކަޕްގައި ބްރިސްޓޮލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ސާޖިއޯ އަގުއޭރޯ ކާމިޔާބުކޮށްދިން ލަނޑުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ބްރިސްޓޮލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބްރިސްޓޮލް ސިޓީއިން ވެސް ވަނީ މި މެޗުގައި ކައުންޓާ އެޓޭކުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި ސިޓީގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ބްރިސްޓޮލްގެ ކީޕަރު ފްރޭންކް ފީލްޑިންއެވެ.  

ފުރަތަމަ ހާފު ފެށިގެން ސިޓީއިން ވަނީ ލަނޑު ޖެހުމަށް މަސައްކަތްތަކެއްކޮށް ބްރިސްޓޮލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ސިޓީއިން ލަނޑު ޖެހުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ޓީމުގެ ސަޕޯޓަރުންގެ އަޑު އެއްކޮށް މަޑު ވެގެންދިޔައީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބްރިސްޓޮލްއަށް ރެފްރީ ޕެނަލްޓީއެއް ދިނުމާއި ގުޅިގެންނެވެ. ބޮބީ ރީޑް ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށްދީ ބްރިސްޓޮލްއަށް މެޗުގެ ލީޑު ނަގައިދީފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބްރިސްޓޮލްއިން ފުރަތަމަ ހާފު ނިންމާލިއިރު ސިޓީއިން ދެވަނަ ހާފަށް ނުކުތީ ނަތީޖާ ބަދަލުކޮށްލުމުގެ އުއްމީދުގައެވެ. ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 55 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތަކުން ކެވިން ޑެބްރައިނާ އެ ޓީމަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަކޮށްދިނުމެވެ. މި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ސާޖިއޯ އަގުއޭރޯ ވަނީ ލަނޑެއް ޖަހައިދީ ސިޓީއަށް މެޗުގެ ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ޖަހައިދިނީ ބަނާޑޯ ސިލްވާގެ އެހީތެރިކަމާއެކުއެވެ.

މި މެޗުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ބްރިސްޓޮލް ސިޓީގެ ދަނޑުގައެވެ.

 

 

- ކޮމެންޓް