ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 22:05
ދެކޮރެއާގެ މެދުގައި ބޭއްވި ވާހަކަތަކުގެ ތެރެއިން
ދެކޮރެއާގެ މެދުގައި ބޭއްވި ވާހަކަތަކުގެ ތެރެއިން
އިންޑިޕެންޑެންޓް
ވިންޓަރ އޮލިމްޕިކްސް
ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ އެތްލީޓުން ދެކުނު ކޮރެއާ އަށް
ދެކޮރެއާގެ މެދުގައި ބޭއްވި ވާހަކަތަކުގައި މިގޮތަށް ވަނީ ނިންމާފައި

އަންނަ ފެބްރުއަރީ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ ޓީމެއް ދެކުނު ކޮރެއާއަށް ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ.

އެ ގައުމުން މިކަން ހާމަކޮށްފައިވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު ދެ ގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރުމަށް އަންގާރަ ދުވަހު ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހުއެވެ. އުތުރު ކޮރެއާގެ ވަފްދުގައި އެތުލީޓުންނާއި،އޮފިޝަލުން އަދި ސަޕޯޓަރުން ހިމެނޭނެއެވެ.  އައު އަހަރުގެ ޚިޠާބުގައި ވާހަކަ ދައްކަވަމުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ވިދާޅުވީ އުތުރު ކޮރެއާގެ އެތުލީޓުން ދެކުނު ކޮރެއާއަށް ފޮނުވުމަކީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދިނުމަށް ރަނގަޅު އިޝާރާތަކަށް ވާނެ ކަމަށެވެ. ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން ވިދާޅުވީ ފިނިމޫސުމުގެ އޮލިމްޕިކްސްއަކީ ދެކޮރެއާގެ ގުޅުން ރަނގަޅު ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައި އދގެ ކޮންޓްރޯލްގެ ދަށުގައިވާ ޑީމިލިޓަރައިޒްޑް ޒޯންގައި، ޕަންމުންޖޮމްގައި ވާހަކަތައް ކުރިޔަށްދާއިރު ލިބިފައިވާ ކުރިއެރުންތައް ދެކުނު ކޮރެއާގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ. އެގޮތުން ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީގެ ނައިބް ޗުން ހެއި ސުންގް ނޫސްވެރިންނަށް ވިދާޅުވީ ވިންޓަރ އޮލިމްޕިކްސްގައި އެތުލީޓުންގެ އިތުރުން އޮފިޝަލުންނާއި ފަންނާނުންނާއި، ކޮރެއަން މާޝަލް އާޓްސް ގެނެސްދޭ ޓީމަކާއި އޮބްޒަރވަރުންނާއި ސަޕޯޓަރުންވެސް ބައިވެރިކުރުމަށް އުތުރު ކޮރެއާއިން ހުށަހަޅާފައިވާ ކަމަށެވެ. ދެކޮރެއާއިން ވެސް މި ނިންމުން ސިފަކުރަމުން އަންނީ އެ ގައުމުތަކުގެ ރައްޔިތުންނަށް ދޭ އައު އަހަރުގެ ހަދިޔާއެއްގެ ގޮތުގައެވެ.

ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީ (އައިސޯ) އިން ވަނީ އުތުރު ކޮރެއާގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އެގޮތުން އޮލިމްޕިކްސްގައި އެތްލީޓުން ރެޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މި ނިންމުމުގެ ސަބަބުން އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އައިއޯސީގެ ސްޕޯކްސްޕާސަން މާކް އެޑަމްސް ބުނެފައިވެއެވެ.

އުތުރު ކޮރެއާއިން އޮލިމްޕިކްސްއަށް ދެކުނު ކޮރެއާއަށް އެތުލީޓުން ފޮނުވުމާއިމެދު ގޮތެއް ނިންމުމަށް މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ ނިމިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ދެކޮރެއާގެ ކުޅިވަރާއި ބެހޭ އޮފިޝަލުން ބޭއްވި ސިއްރު ބައްދަލުވުންތަކަކަށްފަހުއެވެ.

ދެކުނު ކޮރެއާއިންވަނީ 2006 ވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތެކޭ އެއްގޮތަށް މި ފަހަރު ޕިޔޮންގޗަންގައިވެސް ދެ ކޮރެއާގެ އެތުލީޓުން އެކުގައި މާޗް ކުރުމަށް ހުށަހަޅާފައެވެ.

ދެކުނު ކޮރެއާއިންވަނީ އެ ގައުމުން އުތުރު ކޮރެއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ވަގުތީގޮތުން ނެގުމަށް ވިސްނަމުންދާކަމަށް ބުނެފައެވެ. ފެބްރުއަރީ 9 އިން 25 އަށް ފިނި މޫސުމުގެ އޮލިމްޕިކްސް ކުރިއަށްދާއިރު، ޕެރެލިމްޕިކްސް ނިމޭނީ މާޗް މަހުގެ 19ވަނަ ދުވަހުއެވެ. އޮލިމްޕިކްސްގެ ދުވަސްވަރު ކޮރެއާ ޕެނިންސިއުލާގެ މަސްރަހު ފިނިކުރުމަށްޓަކައި ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީންތަކެއް ވެސް މަޑުޖައްސާލުމަށް ދެކުނު ކޮރެއާއިން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް