ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 18:14
ނޮވަކް ޖޮކޮވިޗް
ނޮވަކް ޖޮކޮވިޗް
ގެޓީ އިމޭޖަސް
ނޮވަކް ޖޮކޮވިޗް
އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް ފެންނާނެ
ޖޮކޮވިޗް އެންމެ ފަހުން ކުޅުނު ގްރޭންޑް ސްލޭމްއަކީ މިދިޔަ އަހަރުގެ ވިމްބެލްޑަން މުބާރާތް
ޖޮކޮވިޗް މިހާރު ރޭންކް ކުރެވިފައިވަނީ ދުނިޔޭގެ 14 ވަނައިގައި

އަންނަ ހަފްތާގައި އޮސްޓްރޭލިއާގެ މެލްބަންގައި ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ގަސްތުކުރާ ކަމަށް ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ބުނެފިއެވެ.

އަނިޔާގެ ސަބަބުން ހަ މަސްދުވަހަށް ކުޅުމާއި ދުރުގައި ހުރުމަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިސް ޖޮކިވިޗް ވަނީ މެލްބަންގައި ކުރިޔަށް ދިޔަ ކޫޔޮންގް ކްލެސިކް ޓެނިސް މުބާރާތުގައި ކުޅެފައެވެ. މި މުބާރާތް ވެގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ވިމްބެލްޑަން މުބާރާތުގެ ކުއާޓާ ފައިނަލް މެޗަށް ފަހު ވާދަވެރި މުބާރާތެއްގައި ޖޮކޮވިޗް ފެނިގެންދިޔަ ފުރަތަމަ މެޗަށެވެ.

ޖުމްލަ 12 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް ވަނީ ފަސް ސެޓުގެ މެޗުތައް ކުޅެން ޖެހުމަކީ ގޮންޖެހުމެއް ކަމަށް ބުނެފައެވެ. މިދިޔަ ހަފްތާގައި އަބޫދާބީގައި ކުރިޔަށް ދިޔަ މުބާދަލާ ވޯލްޑް ޓެނިސް ޗެމްޕިއަންޝިޕްގައި ވެސް ވާދަކުރަން ނިންމުމަށް ފަހު މުބާރާތް ފެށުމުގެ ކުރިން ޖޮކޮވިޗް އޭނާގެ ނަން ނެގިއެވެ.

ސާބިއާއަށް އުފަން އުމުރުން 30 އަހަރުގެ ޖޮކޮވިޗް ބުނީ އޭނާގެ އަމާޒަކީ މުބާރާތުގައި ވާދަކުރުން ކަމަށާއި ފަރިތަކުރުންތައް ކުރިޔަށްދާ ގޮތާއި މެދު ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ. އޭނާ ބުނީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުރިން އާންމު ގޮތެއްގައި އޭނާ އޭޓީޕީ ވޯލްޑް ޓުއާގެ އެހެން މުބާރާތެއްގައި ވާދަކުރާ ކަމަށާއި އެހެން ނަމަވެސް މިއަހަރު އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށެވެ. އަދި އޭނާ މިވަގުތު ހުރީ 100 އިން ސައްތަ ފިޓްނެސްގައި ކަމަށް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް ވެސް ޖޮކޮވިޗް ހާމަކުރިއެވެ.

ޖޮކޮވިޗް މި މުބާރާތުގައި ވާދަކުރަން ނިންމާފައިވާއިރު މިއަހަރުގެ މުބާރާތުގައި ކުރީގެ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި އޮތް އިނގިރޭސިވިލާތުގެ ސަރ އެންޑީ މަރޭ ނުފެންނާނެއެވެ. އޭނާ އޮސްޓްރޭލިއަން އޯޕަންގައި ވާދަނުކުރަން ނިންމީ އޭނާގެ އުނަގަނޑަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ޓެނިސް ސީޒަނުގެ ބޮޑުބައި ޖޮކޮވިޗްއަށް ގެއްލުނުއިރު އޭނާގެ ރޭންކިންއަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރިއެވެ.  ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮވެގެން އޭނާ 2017 ވަނަ އަހަރު ފެށިއިރު އަނިޔާގެ ސަބަބުން މުބާރާތްތައް ގެއްލުމާއި ގުޅިގެން އޭނާ އަހަރު ނިންމާލީ 14 ވަނައިގައި ރޭންކް ކުރެވިގެންނެވެ.

ޖޮކޮވިޗް މިއަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކޮށްފިނަމަ އޭނާއަށް 13 ވަނަ ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރުމުގެ ދޮރު ހުޅުވިގެންދާނެއެވެ. ހަމައެހެންމެ މިއަހަރުގެ މުބާރާތް ކާމިޔާބުކޮށްފިނަމަ މި ތަށި ވެގެންދާނީ ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން މުބާރާތް ކާމިޔާބުކުރާ ހަތްވަނަ ފަހަރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް