ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 18:54
ތޯމަސް ލެމާރ
ތޯމަސް ލެމާރ
ގެޓީ އިމޭޖަސް
ތޯމަސް ލެމާރ
ޖެނުއަރީގައި ލެމާރ މޮނާކޯ ދޫކޮށްލަނީ
އޭނާ ހޯދުމަށް ލިވަޕޫލް އަދި އާސެނަލްއިން އަންނަނީ މަސައްކަތް ކުރަމުން
މޮނާކޯ ދޫކޮށްލާނަމަ އޭނާ އެ ޓީމު ދޫކޮށްލާނީ އެންމެ މަދުވެގެން 90 މިލިއަން ޕައުންޑްގެ ފީއަކަށް

މި ޖެނުއަރީ މަހު ހުޅުވުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި މޮނާކޯއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން މިޑްފީލްޑަރު އެ ޓީމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު ލިއޮނާޑޯ ޖާޑިމް ދީފިއެވެ.

މޮނާކޯގެ ނައިބް ރައީސް އަދި ޖާޑިމް ވެސް މީގެކުރިން ބުނެފައި ވަނީ އެ ޓީމަށް ކުޅެމުން އަންނަ އެއްވެސް ކުޅުންތެރިޔަކަށް ސީޒަނުގެ މެދުތެރެއިން ހުޅުވުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެ ޓީމު ދޫކޮށްނުލެވޭނެ ކަމަށެވެ. މިދިޔަ ސީޒަނުގެ ފްރެންޗް ލީގުގެ ޗެމްޕިއަންކަން މޮނާކޯއިން ހޯދިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކިލިއަން އެމްބާޕޭއާއި ބަނާޑޯ ސިލްވާގެ އިތުރުން ބެންޖަމިން މެންޑީ ވަނީ އެ ޓީމު ދޫކޮށް އެހެން ޓީމުތަކަށް ބަދަލުވެފައެވެ. މޮނާކޯ މިވަގުތު އޮތީ ތާވަލުގެ ކުރީގައި އޮތް ޕީއެސްޖީއަށްވުރެ ނުވަ ޕޮއިންޓް ފަހަތުގައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ލެމާރ މޮނާކޯ ދޫކޮށް އާސެނަލްއަށް ބަދަލުވާން ވެސް ނިންމިއެވެ. އެހެން ނަމަވެސް އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އެ ޓީމަށް ވިއްކާނުލެވުމާއި ގުޅިގެން ލެމާރ ގެނައުން އެ ޓީމުން މަޑު ޖައްސާލިއެވެ. ފިލިޕޭ ކުޓީނިއޯ ލިވަޕޫލް ދޫކޮށްލުމާއި ގުޅިގެން އޭނާގެ ބަދަލުގައި ލެމާރ ހޯދުމުގެ މަސައްކަތް އެ ޓީމުން ކުރަމުން އަންނަ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޖާޑިމް ބުނީ ފިނި މޫސުމުގެ ޓްރާންސްފާގައި ކުޅުންތެރިން ވިއްކުމަކީ މޮނާކޯއިން ގެންގުޅޭ އުސޫލެއް ނޫން ކަމަށާއި އެހެން ނަމަވެސް މި މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް ވަރަށް ގިނަ ކަންކަން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން ލެމާރ ވެސް އެ ޓީމު ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ޓީމުން މަދުން ފުރުސަތު ލިބޭ ކުޅުންތެރިން ވެސް އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޖާޑިމް ބުނެފެއިވެއެވެ.

ފްރެންޗް ލީގު ކަޕްގެ ކުއާޓާ ފައިނަލްގައި ނީސްއާ ދެކޮޅަށް މޮނާކޯ ކުޅޭ މެޗަށް ނެގި ސްކޮޑުގައި ލެމާރ ހިމެނިފައިވެއެވެ. ޖާޑިމްގެ ވާހަކައިގެ ރާގު ހުރި ގޮތުން ލެމާރ ހޯދުމަށް ބޮޑު ބިޑެއް ހުށަހަޅައިފިނަމަ އޭނާ ވިއްކާލަން މޮނާކޯއިން އެއްބަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފްރާންސްގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ. ލެމާރ މޮނާކޯ ދޫކޯށްލާނަމަ އޭނާ އެ ޓީމު ދޫކޮށްލާނީ އެންމެ މަދުވެގެން 90 މިލިއަން ޕައުންޑްގެ ފީއަކަށެވެ.

އުމުރުން 22 އަހަރުގެ މިޑްފީލްޑަރުގެ ފަރާތުން މި ސީޒަނުގައި ފެންނަމުންދަނީ ރަނގަޅު ކުޅުމެކެވެ. އެގޮތުން މި ސީޒަނުގައި އޭނާވަނީ މޮނާކޯއަށް ކުޅެދިން މެޗުތަކުގައި ހަތަރު ލަނޑު ޖަހައި ހަތަރު އެސިސްޓް ހަދާފައެވެ. ފްރާންސްގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުން އަންނަ ލެމާރ މޮނާކޯއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ އެ ޓީމަށް ކުޅުނު 75 މެޗުގައި ވަނީ 16 ލަނޑު ޖަހައިދީފައެވެ.

- ކޮމެންޓް