އަންނަ ސީޒަން ފެށުމުގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ޒުވާން ކީޕަރު ހަސަން އަބްދުލް ހަކީމް އެ ޓީމަށް ގެނެސްފިއެވެ.
މިލަންދޫގެ އުމުރުން 16 އަހަރުގެ ކީޕަރަކީ ނިމިގެން ދިޔަ ސިޔާމް މައުރޫފް ސޮކާ ކަޕްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ކުޅުންތެރިޔާއެވެ. ހަސަން އެ ޓީމާއި ގުޅުމާއެކު އެ ޓީމުގެ ތިންވަނަ ގޯލްކީޕަރުގެ ގޮތުގައި މިދިޔަ ސީޒަނުގައި ހަރަކާތްތެރިވި އަބްދުﷲ ޒިޔަޒަން އެ ޓީމުން ވަނީ ދޫކޮށްލާފައެވެ. އެހެންކަމުން މި ފެށޭ ސީޒަނުގައި ނިއުގެ ގޯލު ބެލެހެއްޓުމުގައި ހަރަކާތްތެރިވާނީ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލްއާއި ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދުގެ އިތުރުން ޒުވާން ކީޕަރު ހަސަންއެވެ.
ގޯލްކީޕަރު ހަސަން ވެގެން ގޮސްފައިވަނީ ނިއުއިން މި ފެށޭ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމަށް ގެނައި ފަސްވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން އެ ޓީމުން ވަނީ އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި މާޒިޔާގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު އުމައިރާއި ކްލަބް ވެލެންސިއާގެ ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ) ގެ އިތުރުން ޔޫތް ޗެމްޕިއަންޝިޕުގައި އެންމެ ގިނަ ލަނޑު ޖެހި އުއްމީދީ ފޯވާޑް އިބްރާހިމް އަތީގް އެ ޓީމަށް ގެނެސްފައެވެ.
ހަމަ އެހެންމެ ނިއުއިން އަންނަނީ ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ލުބްނާންގެ ޑިފެންޑަރު ހުސައިން އެލްޑޯ އާއި މޮންޓެނީގްރޯގެ ޑިފެންޑަރު ސްޓެވަން މާކޮވިޗްގެ ބަދަލުގައި އޭޝިއާގެ ޑިފެންޑަރަކާއި ޔޫރަޕުގެ ޑިފެންޑަރެއް ގެނައުމުގެ މަސައްކަތް އެ ޓީމުން އަންނަނީ ކުރަމުންނެވެ. ހަމައެހެންމެ އަމިއްލަ ސަބަބުތަކަށްޓަކައި އެނބުރި ގައުމަށް ދިޔަ އެ ޓީމަށް ކުޅުނު ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯގެ ބަދަލުގައި ޔޫރަޕުގެ ފޯވާޑެއް ގެނައުމުގެ މަސައްކަތް ވެސް އެ ޓީމުން ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ވެސް އެ ޓީމުން ފެނުނު ސްޕެއިންގެ މިޑްފީލްޑަރު ކަންޑޭލާ މި ފެށޭ ސީޒަނުގައި ވެސް އެ ޓީމުން ފެންނާނެއެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް ވަނީ އާކޮށްފައެވެ. އޭގެ ތެރޭގައި އެ ޓީމުގެ ދެ ކީޕަރުން ކަމަށްވާ އިމްރާން މުހައްމަދު (އިންމަ) އާއި މުހައްމަދު ފައިސަލްގެ އިތުރުން އަކްރަމް އަބްދުލް ޢަނީ، ހަސަން އަދުހަމް، އަހުމަދު އަބްދުﷲ، ރިލްވާން ވަހީދު އަދި މިދުހަތް ފަހުމީ ހިމެނެއެވެ. މި ކުޅުންތެރިންގެ އިތުރުން ނިއުގެ ކޯޗު އޮސްކާ ބްރޫޒޯން އަންނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައިވާއިރު ކަންޑޭލާ ވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ. މީގެއިތުރުން ހަމްޒާ މުހައްމަދާއި އަލީ ފާސިރުގެ އިތުރުން އިބްރާހިމް ރަޝީދު ވަނީ އެ ޓީމުގައި ދިގު މުއްދަތެއް ވަންދެން މަޑުކުރަން އެއްބަސްވެފައެވެ.
ހަމައެހެންމެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް އެ ޓީމުގެ ކޮންޓްރެކުޓުގައި ވަރަށް އަވަހަށް ސޮއިކުރުމަށް ނިންމާފައިވާ ކަމަށް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.
ނިއު އިން އަންނަ ސީޒަނާ ކުރިމަތިލާނީ ސަރަހައްދީ ފެންވަރުގައި ވެސް ކާމިޔާބު ހޯދުމުގެ އުއްމީދުގައެވެ. މިކަން ހަގީގަތަކަށް ހެދުމަށް އެ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.