ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 18:23
ޒައިނުއްދީން ޒިދާން
ޒައިނުއްދީން ޒިދާން
ގެޓީ އިމޭޖަސް
ޒައިނުއްދީން ޒިދާން
ރެއާލްގެ ކޯޗެއްގެ ގޮތުގައި 10 އަހަރު ވަންދެން ނުހުރެވޭނެ: ޒިދާން
އެ ޓީމު ވަނީ ލަލީގާގެ ކުރީގައި އޮތް ބާސާއަށްވުރެ 16 ޕޮއިންޓް ފަހަތަށް ވެއްޓިފައި
މިކަމުގެ ސަބަބުން ޒިދާންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ވަނީ ހީވެފައި
ކޯޗުގެ ވަޒީފާ ގެރެންޓީ ނުވާނެ ކަމަށް ޒިދާން ބުނި

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި 10 އަހަރު ވަންދެން މަޑުނުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އަދި ފްރާންސްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލްއަކީ ވަރަށް ގިނައިން ކޯޗުން ބަދަލު ކުރާ ޓީމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކްލަބެކެވެ. އެގޮތުން ފާއިތުވެ ދިޔަ ސީޒަންތަކުގައި އެ ޓީމުގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވި ކޯޗުން ކަމަށްވާ މެނުއެލް ޕެލެގްރިނީއާއި ހޯސޭ މޮރީނިއޯ އަދި ކާލޯ އަންޗެލޯޓީގެ އިތުރުން ރަފައެލް ބެނިޓޭޒްއަށް އެ މަގާމުގައި މާ ގިނަ ދުވަހު ދެމިތިބެވިފައެއް ނުވެއެވެ.

އެންމެ ފަހުން ވެސް ރެއާލް ކުޅުނު މެޗުން އެ ޓީމު އެއްވަރުވިއިރު މިކަމުގެ ސަބަބުން އެ ޓީމު ވަނީ ލަލީގާގެ ކުރީގައި އޮތް ބާސާއަށް ވުރެ 16 ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ. މި ސީޒަނުގެ ލަލީގާގައި ރެއާލް ކުޅުނު 17 މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ ނުވަ މެޗުންނެވެ. މިކަމުގެ ސަބަބުން ޒިދާންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ހީވެފައިވާއިރު އޭނާއަށް ނޫސްވެރިން އަންނަނީ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވަމުންނެވެ.

ފްރާންސްގެ މަޖައްލާއެއް ކަމަށްވާ 'ފްރާންސް ފުޓްބޯލް' އަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ މިހާރު އޭނާއަކީ ރެއާލް ކުޅުނު ކުޅުންތެރިޔާ ނޫން ކަމާށާއި މިހާރު އޭނާއަކީ އެ ޓީމުގެ ކޯޗު ކަމަށެވެ. އަދި ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހޯދި ކާމިޔާބުތަކުގެ ސަބަބުން އޭނާއަށް ކޯޗުގެ ވަޒީފާ ގެރެންޓީ ނުވާނެ ކަމަށާއި ކޮންމެވެސް ދުވަހަކުން ކޯޗުގެ ވަޒީފާއިން އޭނާ ވަކިކުރާނެކަން އެނގޭ ކަމަށް ވެސް ޒިދާން ބުނެފައިވެއެވެ. ހަމައެހެންމެ އޭނާގެ އަމާޒަކީ ކޯޗުގެ ގޮތުގައި ހުންނަ ދުވަސްވަރު ޓީމަށް ކާމިޔާބު ހޯދައިދިނުން ކަމަށް ޒިދާން ބުނެފައިވެއެވެ.

ޒިދާން ބުނީ ބޭރުން އަންނަ ޕްރެޝަރުތަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަމަށާއި މީހުން ދައްކާ ވާހަކަތަކަށް އޭނާ ނުގުޑާނެ ކަމަށެވެ. ރެއާލްގެ ކޯޗެއްގެ ގޮތުގައި ގިނަ ޒިންމާތަކެއް އަދާކުރަން ޖެހޭ ކަމަށާއި އެހެން ނަމަވެސް ގެޔަށް ދެވުމާއެކު ކޯޗުގެ ޒިންމާތައް އޭނާ މަޑުޖައްސާލާ ކަމަށް ވެސް ޒިދާން ބުނެފައިވެއެވެ.

މީގެކުރިން ޒިދާން ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ރެއާލްއާ ހަވާލުވާ އެއްވެސް ކޯޗަކަށް އެ މަގާމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ މަގާމެއްކަން ކަނޑައެޅިގެން ބުނަން ނޭނގޭނެ ކަމަށެވެ. ހަމައެހެންމެ އޭނާއަށް މުސްތަގުބަލުގައި ވާނެ ކަންކަން ނޭނގޭ ކަމަށާއި އޭނާއަށް ދެއްކޭނީ ހަމައެކަނި ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ވާހަކަ ކަމަށް ޒިދާން ބުނެފައިވެއެވެ.

އަނިޔާގެ ސަބަބުން ރެއާލްއަށް އެ ޓީމުގެ ކުރިޔަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ގެއްލިފައިވާއިރު ޒިދާން ވަނީ މި ސީޒަނުގެ ފިނި މޫސުމުގެ ޓްރާންސްފާގައި އައު ކުޅުންތެރިން ގެންނާނެ ކަމަށް ބުނަން ދެކޮޅު ހަދާފައެވެ.

ޒިދާން ބުނީ 31 ޖެނުއަރީއާ ހަމަޔަށް އައު ކުޅުންތެރިން ގެނައުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށާއި މިވަގުތު ޓީމުގައި އޮތް ސްކޮޑާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކަމެއް ކޮންމެ ގޮތަކަށް ހިނގި ކަމުގައި ވިޔަސް އޭނާ އެކަމުގެ ޒިންމާ ނަގާނެ ކަމަށާއި މިވަގުތު ރެއާލްގައި އޮތް ސްކޮޑު ބިނާ ކުރީ އޭނާ ކަމަށް ޒިދާން ބުނެފައިވެއެވެ. ހަމައެހެންމެ ކަމެއް ގޯސްކޮށް ހިނގައިފިނަމަ އެކަމުގެ ޒިންމާ އެހެން އެއްވެސް މީހަކު ނަގަން ނުޖެހޭނެ ކަމަށް ވެސް ޒިދާން ހާމަކުރިއެވެ.

ރަފައޭލް ބެނިޓޭޒްގެ ބަދަލުގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރެއާލްއާއި ހަވާލުވުމަށް ފަހު ޒިދާން އަންނަނީ އެ ޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލްވަނީ ސްޕެނިޝް ލަލީގާގެ އިތުރުން ދެ ފަހަރެއްގެ މަތިން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.

 

- ކޮމެންޓް