ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއި އެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް ޅ. ހިންނަވަރާއި ޅ. ނައިފަރުގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.
ދިރާގު ޓީވީގެ ހިދުމަތް މި ދެރަށުގައި ކުރިން މޯބައިލް ބްރޭންޑްބޭންޑް މެދުވެރިކޮށް ލިބުނު ކަމުގައިވިޔަސް ރަސްމީކޮށް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް ޓީވީގެ ހިދުމަތް ފޯރުކޮށްދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.
މި ދެ ހިދުމަތް ހިންނަވަރާއި ނައިފަރުގައި ތައާރަފުކުރުމުގެ ގޮތުން ދެ ރަށުގައި ވެސް ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފައެވެ.
މާލެއާ އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހަރަދުކުޑަކޮށް ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ ޕެކޭޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާއެވެ.
ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއް ނުކުރާނެއެވެ.
ދިރާގުން ދަނީ މިހާރު ވެސް ދިރާގު ޓީވީ އަދި ފައިބަރ ގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. މި ޕްރޮމޯޝަނުގައި ދިރާގު ފައިބަރ ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސް ދުވަސް ވަންދެން ނަންގަވާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.
ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 17 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުން ލިބެއެވެ.
ދިރާގުން އިއުލާނު ކުރި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ގާއިމުކޮށްފަ ހުރި ކޮންމެ ރަށަކަށް ވަކިން ހާއްސަކޮށްގެން ލަކީ ޑްރޯ އެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.