ސުޒުކީ ބްރޭންޑުގެ ޖީ.އެން 125 މޮޑެލްގެ ފޭކް މޮޓޯރ ސައިކަލުތައް ރާއްޖޭގައި ވިއްކަމުންދާ ކަމަށް ޔުނިމެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބުނެފިއެވެ.
މި މޮޓޯރ ސައިކަލްތަކަކީ ޔުނިމެކްސް ކުންފުނީގެ ފަރާތުން މީގެ 35 އަހަރު ކުރިން ސުޒުކީ ކުންފުނީގެ އެޖެންޓްކަމުގެ ދަށުން ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އަންނަ މޮޓޯރ ސައިކަލުތަކެކެވެ.
ޔުނިމެކްސްގެ ފަރާތުން ބުނީ ފަހަކަށް އައިސް މި ބްރޭންޑުގެ ސައިކަލް ބޭނުން ކުރަމުން އަންނަ ފަރާތްތައް ތަންކޮޅެއް ގިނަވުމާއި ގުޅިގެން، ޗައިނާގައި އުފައްދާފައި ހުންނަ އެހެން ބްރޭންޑްތަކުގެ ސައިކަލުތައް ސުޒުކީގެ ނަމުގައި ރާއްޖޭގައި ވިއްކަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ފޭކް 2 ސައިކަލެއް އެ ކުންފުނީގެ ސަރވިސް ސެންޓަރއަށް ވެސް ގެނެސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސުޒުކީ ޖީ.އެން 125 ގެ އަސްލު ސައިކަލުތަކުގައި އިންޖީނު ނަމްބަރު ފެށޭ ފުރަތަމަ 6 އަކުރަކީ 157FMI ކަމަށް ޔުނިމެކްސް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިނޫން ނަމްބަރެއްގެ އިންޖީނެއްގައި ސުޒުކީ ޖީ.އެން 125 ޖަހައިގެން ރާއްޖެ އެތެރެކޮށް ވިއްކަމުން ގެންދާ ފަރާތްތަކާއި މެދު، ވިޔަފާރީގައި މަކަރާއި ހީލަތް ހަދާ ބައެއްގެ ގޮތުގައި ދައުވާ އުފުލާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ހަނދާން ކޮށްދީފައެވެ.
މި މޮޓޯރ ސައިކަލުތައް އެ ކުންފުނިން ގެންނަނީ އެކި ފަރާތްތަކުން އޯޑަރު ދިނުމުންނެވެ.