ކ. މާލެ
|
8 ޖެނުއަރީ 2018 | ހޯމަ 07:46
މި މެޗުގައި ރެއާލްއަށް ދެ ލަނޑު ޖަހައިދިން ބޭލް
މި މެޗުގައި ރެއާލްއަށް ދެ ލަނޑު ޖަހައިދިން ބޭލް
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: އެއްވަރުވެ ރެއާލް 16 ޕޮއިންޓް ފަހަތަށް
ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުން އެއްވަރުވެ ތާވާލުގެ ކުރީގައި އޮތް ބާސެލޯނާ އަށް ވުރެ 16 ޕޮއިންޓް ފަހަތަށް ރެއާލް މެޑްރިޑް ވެއްޓިއްޖެއެވެ.

ރަށުން ބޭރުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި ރެއާލްގެ ޑިފެންސް ލައިނުން ގޯސްތަކެއް ފެނިގެންދިޔައިރު އެ ޓީމުގެ ޑިފެންސްގެ އެންމެ މައި ތަނބު ކަމަށްވާ ކެޕްޓަން ސާޖިއޯ ރާމޯސް އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސެލްޓައިންނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި އިއާގޯ އަސްޕާސް ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ޑެނީ އެލްވަސްއެވެ. އެހެން ނަމަވެސް 36 ވަނަ މިނެޓުގައި ގެރެތު ބޭލް ވަނީ ލަނޑެއް ޖަހައިދީ ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން ބޭލް ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހައިދީ ރެއާލްއަށް މެޗުގެ ލީޑު ހޯދައިދީފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސެލްޓަގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ސެލްޓަ އިން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރިއެވެ. މެޗުގެ 72 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރުމަށް އެ ޓީމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެގެންދިޔައެވެ. އެގޮތުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަސްޕާސް ފޮނުވާލިއިރު ރެއާލްގެ ކީޕަރު ކޭލާ ނަވާސް މި ޕެނަލްޓީ ދިފާއުކުރިއެވެ. މި މެޗުން ރެއާލްއަށް ލިބެން އޮތް ތިން ޕޮއިންޓް ގެއްލުވާލައި ސެލްޓައަށް ނަތީޖާ ހަމަހަމަވީ މެޗުގެ 82 ވަނަ މިނެޓުގައި މެކްސިމިލިއާނޯ ގޯމޭޒް ޖަހައިދިން ލަނޑުންނެވެ.

ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 48 ޕޮއިންޓާ އެކު ބާސާއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭއިރު ދެވަނައިގައި 39 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯއެވެ. ހަމައެހެންމެ ތިންވަނައިގައި 37 ޕޮއިންޓާ އެކު ވެލެންސިއާ އޮތްއިރު ހަތަރު ވަނައިގައި 32 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް