ސްޕެނިޝް ލަލީގާގައި ލެވަންޓޭ ބަލިކޮށް ތާވަލުގެ ކުރީގައި ބާސެލޯނާއިން ހަމަޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާއިން ނެރެފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ. އެގޮތުން އަނިޔާއިން އެނބުރި އައި ފްރާންސްގެ ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ ވަނީ މި މެޗުގައި ބާސާގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. މި މެޗުގައި ބާސާއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ބާސާއަށް ޖަހައިދިނީ ލިއޮނެލް މެސީއެވެ. މި ލަނޑާއެކު އޭނާވަނީ ޔޫރަޕުގެ ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ގާޑް މުލާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މި ލަނޑަށް ފަހުވެސް ބާސާއިން ހަމަލާ އުފެއްދުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 38 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ލަނޑެއް ޖަހައިދީ އެ ޓީމުގެ ލީޑު ފުޅާކޮށްދިނުމެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި ހާފުގައި ލެވަންޓޭއިން ވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ބާސާގެ ތިންވަނަ ލަނޑު މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ ޕައުލީނިއޯއެވެ.
ލަލީގާގައި ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި 5-3 ގެ ނަތީޖާއަކުން ރެއާލް ބެޓިސް އަތުން ބަލިވެ ތާވަލުގެ ހަވަނައަށް ވެއްޓިފައެވެ. މި މެޗުގައި ސެވިއްޔާގެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިސާމް ބެން ޔަދާރް އަދި ކްލެމެންޓް ލެންގްލެޓްގެ އިތުރުން ސައިމޮން ކާޔާއެވެ. ބެޓިސްގެ ލަނޑުތައް ޖަހައިދިނީ ފަބިއަން އާއި ޒޮހައިރް ފެޑާލް އާއި ރީޒާ ޑުރްމިސީ އަދި ސާޖިއޯ ލިއޯންގެ އިތުރުން ކްރިސްޓިއަން ޓެއްޔޯއެވެ.
އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށް ލެގާނޭސް ވަނީ ތާވަލުގެ ނުވަވަނައަށް ޖެހިލާފައެވެ. މި މެޗުގައި ލެގާނޭސް އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ގެބްރިއެލްއެވެ. ހަމައެހެންމެ 1-0 އިން އަލާވޭސް ބަލިކޮށް އެތްލެޓިކް ބިލްބާއޯ ވެސް ވަނީ ތާވަލުގެ ކުރިޔަށް ޖެހިލާފައެވެ. ވިޔަރެއާލް ވެސް ވަނީ 1-0 އިން ޑިޕޯޓިވޯ ބަލިކޮށް ތާވަލުގެ ކުރިޔަށް ޖެހިލާފައެވެ.
ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 48 ޕޮއިންޓާއެކު ބާސާއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބޭއިރު ދެވަނައިގައި 39 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯއެވެ. ހަމައެހެންމެ ތިންވަނައިގައި 37 ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު ހަތަރު ވަނައިގައި 31 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ.