އޮސްޓްރޭލިއާގެ ބްރިސްބޭންގައި ކުރިޔަށް ދިޔަ ބްރިސްބޭން އިންޓަނޭޝަނަލްގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް ހޯދައިފިއެވެ.
ދުނިޔޭގެ ރޭންކިންގެ 21 ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ކިރްގިއޯސް ހޯދީ ފައިނަލް މެޗުގައި ދުނިޔޭގެ ރޭންކިންގެ 47 ވަނައިގައި އޮތް އެމެރިކާގެ ރަޔަން ހެރިސަންގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. އުމުރުން 22 އަހަރުގެ ކިރްގިއޯސް ފައިނަލުގެ ސެޓުތައް ގެންދިޔައީ 6-4 އަދި 6-2 އިންނެވެ. މިއީ ކިރްގިއޯސްގެ އަމިއްލަ ގައުމުގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ މުބާރާތެވެ.
މުބާރާތުގެ ތަށި ހޯދުމަށް ފަހު ވާހަކަ ދައްކަމުން ކިރްގިއޯސް ބުނީ އޭނާއަށް މުބާރާތުގެ ތަށި ކާމިޔާބުކުރެވުނީ އަމިއްލަ ގައުމުގެ ސަޕޯޓަރުންދިން ހިތްވަރާއި ސަޕޯޓާއެކު ކަމަށާއި އެކަމަށް އޭނާ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. ހަމައެހެންމެ ހެރިސަންއަށް މެޗު އަނބުރާލުމަށް ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި އެހެން ނަމަވެސް އޭނާގެ ފޯކަސް ގެއްލުވާނުލައި ކުޅުމުގެ ސަބަބުން މެޗު ކާމިޔާބުކުރެވުނު ކަމަށް ކިރްގިއޯސް ބުންޏެވެ.
މި މެޗުން ބަލިވި އުމުރުން 25 އަހަރުގެ ހެރިސަން ބުނީ ކިރްގިއޯސްގެ ފަރާތުން މެޗުގައި ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި އޮސްޓްރޭލިއާގައި މުބާރާތް ބޭއްވުމަކީ ކިރްގިއޯސްއަށް މުބާރާތުގެ ތަށި ހޯދުމަށް މަގުފަހިވި ސަބަބެއް ކަމަށެވެ.
މިއީ ކިރްގިއޯސްގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި ތިންވަނަ އޭޓީޕީ ވޯލްޑް ޓުއާ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަންކަމާއެކު އޭނާއަށް 250 ރޭންކިން ޕޮއިންޓް ލިބިގެންގޮސްފައިވާއިރު މި ޕޮއިންޓްތަކާއެކު އަންނަ ހަފްތާގައި ނެރޭ ރޭންކިންގައި އޭނާ 17 ވަނައަށް ޖެހިލާނެ ކަމަށް ބެލެވެއެވެ