މި ފެށޭ ސީޒަނުން ފެށިގެން ކުޅުންތެރިން ޓީމުތަކުގައި ރެޖިސްޓްރީ ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާއްސަ ސިސްޓަމެއް ތައާރަފް ކުރުމަށް ނިންމައިފިއެވެ.
އެފްއޭއެމްއިން މިފަދަ ސިސްޓަމެއް ތައާރަފްކުރަން ނިންމާފައިވާއިރު މިދިޔަ ސީޒަނުގައި ކުޅުންތެރިޔަކު ތިން ޓީމަކަށް ކުޅުނު މައްސަލައެއް ފެންމަތިވިއެވެ. ފީފާ އަދި އެފްއޭއެމްގެ ގަވާއިދުގައިވާ ގޮތުން ކުޅުންތެރިޔަކަށް އެއް ސީޒަނެއްގައި ރެޖިސްޓްރީވެވިގެން އެންމެ ގިނައިން ވެސް ކުޅެވޭނީ ދެ ޓީމަށެވެ.
އެގޮތުން މިދިޔަ ސީޒަނުގެ ކުރީކޮޅު ކްލަބް ވެލެންސިއާއަށް ކުޅުނު ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) ޓްރާންސްފާގެ ކަންކަން ފުރިހަމަނުކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް ކުޅުނު މައްސަލަ ފެންމަތިވިއެވެ. ސީޒަނުގެ ކުރީކޮޅު އޭނާ ވެލެންސިއާގެ ސްކޮޑުގައި ހިމެނުނުއިރު މިލަންދޫއަށް އޭނާ ކުޅުމުގެ ކުރިން ދެވަނަ ޑިވިޝަނުގައި އޭނާ ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައިވެއެވެ. ޓީސީ ސްޕޯޓްސް ކްލަބްއިން މި މައްސަލަ އެފްއޭއެމްއިން ހުށަހެޅިއިރު އެ އިދާރާއަށް މި މައްސަލައާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
އެފްއޭއެމްއިން މީގެކުރިން ބޭނުން ކުރަމުން އައީ މެނުއެލް ސިސްޓަމަކަށްވާއިރު ފީފާގެ އެހީތެރިކަމާއެކު އަލަށް ތައާރަފް ކުރެވޭ ސިސްޓަމާއެކު ކުޅުންތެރިން ރެޖިސްޓްރީ ކުރުމުގައި ކްލަބްތަކާއި އެފްއޭއެމްއަށް އަދި ކުޅުންތެރިންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ވާނެއެވެ. މި ސިސްޓަމް ފީފާއިން ފޯރުކޮށްދެނީ ފީފާ ކަނެކްޓްގެ ދަށުންނެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެފްއޭއެމްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.