ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސްޕެނިޝް ކޮޕާޑެލްރޭގެ ގަދަ 16އިގެ ފުރަތަމަ ލެގުގައި ނުމަންސިއާ އަތުން 3-0 ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗަށް ނެގި އެ ޓީމުގެ ސްކޮޑަށް ވެސް އޭނާ ނަގާފައިނުވެއެވެ.
ރެއާލްއިން ނެރުނު ބަޔާނެއްގައި ވަނީ ރާމޯސްގެ ކުޑަކަޅުވާއަށް މީގެކުރިން ވެސް ލިބިފައިވާ އަނިޔާއެއް ތަމްރީނު ހެދުމުގެ ތެރޭގައި ގޯސްވެފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އޭނާ ކުޅުމާއި ދުރަށްދާން ޖެހޭނެ ކަމަށާއި އޭނާގެ ރިކަވަރީ އެ ކްލަބުން ވަރަށް ގާތުން މޮނީޓާ ކުރަމުންދާނެ ކަމަށް ވެސް މި ބަޔާނުގައިވެއެވެ. މި ބަޔާނުގައި އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭ މުއްދަތެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.
ރެއާލްއަށް މިކަމާއި ގުޅިގެން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލްކުރެވޭއިރު އެ ޓީމުގެ ޑިފެންސް ލައިނުގައި ރާމޯސް ނެތްތަން ބަލަހައްޓާނީ އުއްމީދީ ޑިފެންޑަރު ނާޗޯ ފަނާންޑޭޒްއެވެ.
ރެއާލް ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އާދިއްތަ ދުވަހު ސްޕެނިޝް ލަލީގާގައި ސެލްޓަ ވީގޯއާ ދެކޮޅަށެވެ. ރެއާލް މިވަގުތު އޮތީ ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ 14 ޕޮއިންޓް ފަހަތުން ތާވަލުގެ ހަތަރު ވަނައިގައެވެ.