އެވަޓަންއަށް ކުޅުނު އިނގިރޭސިވިލާތުގެ އުއްމީދީ މިޑްފީލްޑަރު ރޮސް ބާކްލީ ޗެލްސީއަށް ސޮއިކޮށްފިއެވެ.
އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ވަނީ ޗެލްސީއާއެކު ފަސް އަހަރާ ބައިގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. އޭނާ ޗެލްސީއަށް ސޮއި ކުރީ 15 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާ ޗެލްސީގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އަށް ނަމްބަރު ޖާޒީއެވެ. މީގެކުރިން ޗެލްސީގައި މި ޖާޒީ ބޭނުން ކުރި ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ލެޖެންޑް ފްރޭންކް ލަމްޕާޑްއާއި އެ ޓީމަށް ކުރިން ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު އޮސްކާ ހިމެނެއެވެ.
ޗެލްސީއާ ގުޅުމަށް ފަހު ވާހަކަދައްކަމުން ބާކްލީ ބުނީ ޗެލްސީ ފަދަ ކްލަބަކަށް ބަދަލުވެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ކްލަބާއެކު ގިނަ ކާމިޔާބުތަކެއް ހޯދުމަށް އުއްމީދުކުރާ ކަމަށެވެ.
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބާކްލީ އެ ޓީމަށް ސޮއިކުރުމާއި ގުޅިގެން ބުނެފައި ވަނީ އޭނާއަކީ ޒުވާން މޮޅު ކުޅުންތެރިޔެއް ކަމަށާއި މުސްތަގުބަލުގައި އޭނާގެ ފަރާތުން ތަފާތު ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާއަކީ އަނިޔާއިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިޔެއްކަން ފާހަގަކުރަމުން ކޮންޓޭ ބުނީ ޗެލްސީގައި އޭނާއަށް އަނިޔާއިން ސަލާމްތްވުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭ ކަމަށެވެ.
އުމުރުން 24 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ޗެލްސީއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. އެހެން ނަމަވެސް އެފަހަރު ޗެލްސީއިން ހުށަހެޅި ކޮންޓްރެކްޓަށް ފުރަގަސްދީ އޭނާ ވަނީ އެވަޓަންގައި މަޑުކޮށްފައެވެ. އެއަށް ފަހު އެވަޓަންއިން އޭނާއަށް ހުށަހެޅި ކޮންޓްރެކްޓްއަށް ވެސް އޭނާ ފުރަގަސްދިނެވެ.
މިދިޔަ އޮގަސްޓު މަހު ފަލަމަސްގަޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މި ސީޒަނުގައި ބާކްލީ އެއްވެސް މެޗެއް ކުޅެފައި ނުވާއިރު މި ޖެނުއަރީ މަހުގެ ނިޔަލަށް އޭނާ ފިޓުވާނެ ކަމަށް ބެލެވެއެވެ. އޭނާ ވަނީ ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި ފުރަތަމަ ފަރިތަކުރުން ފުރިހަމަ ކޮށްފައެވެ.
ބާކްލީ އެވަޓަންއާ ގުޅުނީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައި 2005 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރު އެވަޓަންއަށް ފުރަތަމަ މެޗު ކުޅެދިން ބާކްލީ ވަނީ އެ ޓީމަށް ކުޅުނު 150 މެޗުގައި 21 ލަނޑު ޖަހައިދީފައެވެ. ހަމައެހެންމެ އޭނާވަނީ އިނިގރޭސިވިލާތުގެ ގައުމީ ޓީމަށް 22 މެޗު ކުޅެދީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އެ ޓީމަށް ކުޅެފައެވެ.