އެފްރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން ކޮންމެ އަހަރަކު އެއްފަހަރު ހޮވާ އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޯދައިފިއެވެ.
ސަލާހު މި އެވޯޑު ހޯދީ ގެބޯންގެ ފޯވާޑް ޕިއާ އެމެރިކް އޮބަމަޔާން އަދި އެނާއާއެކު ލިވަޕޫލްއަށް ކުޅެމުން އަންނަ ސެނެގޯލްގެ ފޯވާޑް ސަދިއޯ މާނޭ ފަހަތަށް ޖައްސާލުމަށްފަހުއެވެ. އުމުރުން 25 އަހަރުގެ ސަލާހު މި އެވޯޑު ކަށަވަރުކުރީ އެފްރިކާ ބައްރުގެ ގައުމީ ޓީމުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ނޫސްވެރިންގެ މެދުގައި ނެގުނު ވޯޓުން 625 ވޯޓު ކަށަވަރު ކޮށްގެންނެވެ. ދެވަނައަށް ދިޔަ މާނޭއަށް 507 ވޯޓު ލިބުނުއިރު ތިންވަނައަށް ހޮވުނު އޮބަމަޔާންއަށް ލިބިފައިވަނީ 311 ވޯޓެވެ.
ގާނާގެ އެކްރާގައި ބޭއްވި އެވޯޑު ހަފްލާއަށްފަހު ވާހަކަ ދައްކަމުން ސަލާހު ބުނެފައިވަނީ މިއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި ނިމިގެންދިޔަ 2017 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް އޭނާއަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން 28 އަހަރަށްފަހު މިސްރަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބުމާއި ރޯމާ އަދި ލިވަޕޫލްއާއެކު އޭނާއަށް މިދިޔަ އަހަރު ހޯދިފައިވާ ކުރިއެރުންތަކަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ކަމަށް ސަލާހު ބުނެފައިވެއެވެ.
ސަލާހުއަށް މި އެވޯޑު ލިބިގެންދިޔައީ މިދިޔަ އަހަރު ކްލަބް ފެންވަރުގައާއި ގައުމީ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. މިދިޔަ ސީޒަނުގައި އިޓަލީގެ ރޯމާގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން މި ނިމުނު ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ލިވަޕޫލްއިން ވާނީ އޭނާ އެ ޓީމަށް ގެނެސްފައެވެ. އެގޮތުން ސަލާހުގެ ފީއެއްގެ ގޮތުން ލިވަޕޫލްއިން ވަނީ 38 މިލިއަން ޕައުންޑް ދައްކާފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އިޓަލިއާން ސެރީއޭގެ ދެވަނަ އޭއެސް ރޯމާއިން ހޯދިއިރު އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަނުގެ ސެރީއޭގައި އޭނާވަނީ 15 ލަނޑު ޖަހައި 11 އެސިސްޓް ހަދާފައެވެ.
ހަމައެހެންމެ މިސްރުގެ ގައުމީ ޓީމު 28 އަހަރަށް ފަހު ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގައި ސަލާހުގެ ހިއްސާ ބޮޑެވެ. މިސްރުން ކޮލިފައިންގައި ޖެހި ހަތް ލަނޑުގައި ވެސް އޭނާގެ ހިއްސާއެއް އޮތްއިރު މިސްރަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބުނީ ކޮންގޯއާ ދެކޮޅަށް އެ ގައުމު ކުޅުނު ކޮލިފައިންގެ އެންމެ ފަހު މެޗުގެ އެންމެ ފަހު މިނެޓުގައި ސަލާހު ޖެހި ލަނޑުންނެވެ. މީގެއިތުރުން 2017 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ މިސްރުން ހޯދިއިރު ވެސް އެ ޓީމުގައި ސަލާހު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
އެފްރިކާ ބައްރުގެ އެންމެ މޮޅު ގައުމީ ޓީމަކަށް ހޮވިފައިވަނީ ސަލާހުގެ ގައުމު ކަމަށްވާ މިސްރުގެ ގައުމީ ޓީމެވެ. ހަމައެހެންމެ އެ ބައްރުގެ އެންމެ މޮޅު ކޯޗަކަށް ހޮވަފިއިވަނީ ވެސް ހަމަ އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ހެކްޓާ ކޫޕާއެވެ.
މިއީ މިސްރަށް ނިސްބަތްވާ ކުޅުންތެރިޔަކު މި އެވޯޑު ހޯދި ދެވަނަ ފަހަރެވެ. މީގެކުރިން މިސްރަށް ނިސްބަތްވާ ކުޅުންތެރިޔަކު މި އެވޯޑު ހޯދީ 1983 ވަނަ އަހަރުއެވެ. އެ އަހަރުގެ އެވޯޑު ގެންދިޔައީ މަހްމޫދު އަލް ޚާތިބްއެވެ.
މީގެކުރިން މި މަގާމު ހޯދި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ކެމަރޫންގެ ފޯވާޑް ސެމުއެލް އެޓޫއާ އައިވޮރީ ކޯސްޓްގެ ފޯވާޑް ޑިޑިއާ ޑްރޮގްބާގެ އަދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ޔާޔާ ޓޫރޭގެ އިތުރުން ލައިބީރިއާގެ ރައީސްކަމަށް ދާދިފަހުން އިންތިހާބުވި ޖޯޖް ވިޔާ ހިމެނެއެވެ.