އާ އަހަރު ފާހަގަ ކުރުމަށް މާލޭގައި ރޭ ވަނީ ދެ ޝޯ ބާއްވާފައެވެ.
އެއް ޝޯއަކީ މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އަލިމަސް ކާނިވަލުގައި ބޭއްވި ޝޯއެވެ. ދެވަނަ ޝޯއަކީ އާ އަހަރު ބޭއްވުމަށް ހުޅުމާލޭގައި ބޭއްވި ޝޯއެވެ.
ކާނިވާ ސަރަހައްދުގައި ބޭއްވި ޝޯގައި އާންމުންގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމުގެ ދެމަފިރިކަނބަލުންނާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ސަރުކާރުގެ އިސްބޭފުޅުންތަކެއް ބައިވެރިވަޑައިގެންނެވިއެވެ. މިޝޯގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެން ގޮސްފައިވަނީ މިޝޯއަށް ޑާންސް ހުށައެޅުމަށް އައި އިންޑިއާގެ ނަށާ ގުރޫޕުން ލާފައިވާ ހެދުންތަކަށެވެ. އެގުރޫޕުން ލާފައިވަނީ ނިވާކަންކުޑަ ހެދުންތަކެއް ކަމަށް ބުނެ އެމީހުން ލާފައިވާ ހެދުންތަކުގެ ފޮޓޯތަކާއިއެކު ސޯޝަލްމީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. އަދި މި ފަދަ ހުށައެޅުންތައް ލައިވް ކޮށް ގެނެސްދިން ދައުލަތުގެ ޓީވީ، ޓީވީއެމްއިން ދައްކަމުންދިޔުން ވެސް ބައެއްމީހުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ދީނާ ގުޅޭގޮތުން ގިނަ ވާހަކަތައް ދައްކައި، ސަރުކާރު ހިންގުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ސަރުކާރުން މިވަރުގެ ކަމެއް އިންތިޒާމް ކޮށްގެން ގެންދިއުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ. ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ މިޝޯގައި މިފަދަ މަންޒަރުތައް ފެނުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ފުލުހުންގެ ވާޖިބަކަށް ވާންޖެހޭނީ އެކަން ހުއްޓުވުން ކަމަށް ވެސް ބައެއްފަރާތްތަކުން ވަނީ ބުނެފައެވެ.
ކާނިވާ ސަރަހައްދުގައި ބޭއްވި ޝޯގައި ލަވަ ހުށަހަޅާފައިވަނީ ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މީކާ ސިންގް އާއި ޕާކިސްތާނުގެ ލަވަ ކިޔުންތެރިޔާ ފަތޭ އަލީ ޚާންއެވެ. އަދި ދިވެހި ލަވަކިޔުންތެރިންގެ ލަވަތަކެއް ވެސް ފެނިގެން ގޮސްފައެވެ.
ހުޅުމާލޭގައި ބޭއްވި ޝޯގައި ލަވަކިޔާފައިވަނީ ކުރީގެ ލަވަކިޔުންތެރިޔާ މޭނާ ހައްސާނާއި ހަބޭސް ބޮޑުބެރު ގްރޫޕުގެ ލަވަކިޔުންތެރިންނެވެ. މި ޝޯއަށް ފަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑީޖޭއެއް ބާއްވާފައިވާއިރު އެ ޑީޖޭއަށް ވެސް އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
މި ދެ ޝޯއާއި ބެހޭގޮތުން ސޯޝަލް މީޑިއާ ހޫނު ވެފައިވާއިރު މިއީ އާންމު އިޖުތިމާއީ މިންގަޑުތަކާއި ޚިލާފު ކަންތައްތަކެއް ނޫންތޯ އޭ ބުނެ އެފަރާތްތަކުން ވަނީ ސުވާލު ކޮށްފައެވެ.