ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 15:00
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ނިމިދިޔަ އަހަރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ އަނދިރި އަހަރު
މަޖިލީހުގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވޭ
މަޖިލީހުގެ ވަދެނިކުމެވެން ހުންނަ ހުރިހާ ދޮރެއްގައި ތަޅުއެޅުވި
އެކަށީގެންވާ ގޮތެއްގައި މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތައް ކުރިއަކަށް ނުދޭ

ދިވެހިރާއްޖޭގެ އެންމެ މުހިއްމު އެއް މުއައްސަސާއަކީ ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހެވެ. ނުވަތަ ގާނޫނު ހަދާ މަޖިލީހެވެ.

ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތް ހިންގުމުގެ ނިޒާމު އެކުލަވާލާ އެކަށައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތައް ހެދުމުގެ ބާރު އޮތީ އެ މަޖިލީހުގަ އެެވެ.

ތިންބާރު ހިނގަމުންދާން ޖެހެނީ ޗެކް އެންޑް ބެލެންސް ނިޒާމުގެ ތެރެއިން އެއްބާރުން އަނެއް ބާރަށް، ބާރާއި ނުފޫޒު ފޯރުވުމެއް ނެތި، އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ އެހީތެރި ވުމާއި ހަމަމަގުން ކައްސާލާނަމަ ހަމަ މަގަށް އެޅުވުމަކީ ދައުލަތުގެ ތިން ބާރުގެ މައްޗަށް ލާޒިމް ކަމެކެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރައްވާނެ މެމްބަރުން ކަނޑައެޅުމަށް އިންތިހާބެއް ބާއްވާ، އެ އިންތިހާބު ކާމިޔާބު ކުރައްވާ މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ.

މަޖިލީހުގެ ރައީސަކު ކަނޑައަޅަނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި މަޖިލީހުގެ ކަންކަން ނިންމަނީ ވެސް މަޖިލީހުގެ ނަގާ ވޯޓުން މެޖޯރިޓީ މެމްބަރުން ބޭނުންވާ ގޮތަށެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ 85 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. އެމަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސަކު ކަނޑައެޅުމަށްޓަކައި ނެގި ވޯޓުގައި 43 މެމްބަރުންގެ އަޣްލަބިއްޔަތުން ހޮވިވަޑައިގެންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އެވެ.

މަސީހަކީ 2000 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދުނުކެނޑި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިލްމީ ގާބިލް ބޭފުޅެކެވެ. ނަމަވެސް ލިބިވަޑައިގެންފައިވާ އިލްމާއި ތަޖުރިބާ، ވެރިއެއްގެ އަވާގައިޖެހުމުން އެއްވެސް އެއްޗަކަށް ނުވިއެވެ.

މިއަދު މަސީހަކީ ރައްޔިތުންގެ އެންމެ ނަފްރަތު ލިބިގެންދާ އެއް ބޭފުޅާކަމަށް ވުމަކީ ދުރުކަމެއް ނޫންނެވެ. ސަރުކާރެއް ދިފާއު ކުރަން އުޅެއް ހަދައިގެން ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން ރައްޔިތުން އިންތިހާބު ކޮށްފައިވާ ފަރާތަކުން ހިންގާނެ އެންމެބޮޑު އެއް ޖަރީމާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާ މަސީހު ހަވާލުވެވަޑައިގެންނެވި ހިސާބުން މުޅި މަޖިލިސް ހަރާބު ވެއްޖެ އެވެ. މަޖިލީހުގެ ހަޔާތުގައި ވެސް މިއަށްވުރެ ކަޅު އަނދިރި ދުވަސްތަކެއް ތާރީހުން ފެންނާކަށް ނެތެވެ.

މަޖިލިސް ހިންގަންޖެހޭ ގޮތާއި އަމަލު ކުރަންޖެހޭ ގޮތް އޮތީ ވަރަށް ސާފުކޮށް ލިޔެ ބަޔާން ކޮށްފަ އެވެ. މަޖިލިސް ހިންގަންޖެހޭ ނިޒާމުގެ ތެރެއިން މަޖިލިސް ހިނގަމުންނުދާތީ އާއި މަސީހުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްލެއް ބޮޑުކަމުން މަޖިލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުން ތަކުރާރުކޮށް އެކަންކަން އިސްލާހުކޮށް، މަޖިލިސް ހަމަ މަގަށް އެޅުވުމަށް މަސީހަށާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގޮވާލައްވަމުން ގެއްދެވި އެވެ.

އިދިކޮޅު މެމްބަރުންނާއި އިދިކޮޅު ސިޔާސީ ލީޑަރުންގެ އެ ގޮވާލެއްވުންތައް އަޑުއިވޭ ކަމަށް ނުހައްދަވާ، ސަރުކާރުން ބޭނުންހާކަމެއް ބޭނުންހާ ގޮތަކަށް މަޖިލީހުގެ ތެރެއިން ކުރަމުންދާތީ މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ އިދާރާއަށް ހުށަހެޅުމާއެކު ރައްޔިތުންގެ މަޖިލިސް މިލިޓަރީ ހެޑްކުއާޓަރަކަށް ބަދަލުވި ކަހަލަ އެވެ. ގިނަ އަދަދަކަށް ސިފައިން މަޖިލީހުގެ އިދާރާގެ ސެކިއުރިޓީއަށް ގެނެސް "ހިސޯރު" ކޮށްފި އެވެ.

ކުރިންވެސް ދެންނެވި ފަދައިން މަސީހު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވީ 43 މެމްބަރުންގެ ވޯޓުން ނެވެ. ނަމަވެސް މަސީހު ކަންކަން ކުރަމުންދާ ގޮތާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލިސް ހިންގަމުންދާ ކަމަށް ބުނެ 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅި ނަމަވެސް އެމައްސަލަ އެޖެންޑާ ކުރުމެއް ނެތި މަޖިލީހަށް ސިފައިން ވައްދައިގެން މަސީހު ގެންދެވީ އޭނާގެ ބާރު ދައްކަމުންނެވެ.

ކޮންމެ އަކަސް 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅުމާއެކު މަސީހަކީ މަޖިލީހުގެ ރައީސް ނޫން ކަމަށް އެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަން އޮންނާނީ ވެސް އެހެންތާއެވެ. މަސީހު ރައީސް ކަމަށް ގެންނެވީ ވެސް 43 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މަސީހު މަގާމުން ދުރު ކުރުމަށް އެއަށް ވުރެން ވެސް ގިނަ މެމްބަރުން އެދުމުން އެކަން ނުވާންވީ ސަބަބެއް ނެތެއް ނޫންތޯއެވެ. އެހެންކަމުން މަސީހަކީ މަޖިލީހުގެ ރައީސެއް ނޫނެވެ. މަސީހަކީ މަޖިލީހަށް މަސީހު ހޮވިވަޑައިގެންނެވި ހައިސިއްޔަތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރެވެ. އެހެންނޫންތޯ އެވެ.

މަޖިލީހަކީ މީގެކުރިން މަޖިލިސް މެމްބަރުންނަށް ބޭނުން ވަގުތަކު ވަދެ ނިކުމެވެ އެޅެވޭ ތަނެކެވެ. މަސީހު ވަނީ އެކަމަށް ވެސް ހުރަސް އަޅާފަ އެވެ. މިހާތަނަށް މަޖިލީހުގައި ތަޅު އަޅުވާ، މެމްބަރުން މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް ހުރަސް އެޅުއްވި ހަމައެކަނި ބޭފުޅަކީ މަސީހު އެވެ. ނުވިތާކަށް މަޖިލީހަށް، މަޖިލީހުގެ މެމްބަރުން ވަންނަން ދިއުމުން ފުލުހުން މެމްބަރުންނަށް ހުރަސް އެޅުމުން ވެސް ދައުވާ އެ ކުރައްވަނީ މަޖިލިސް މެމްބަރުންގެ މައްޗަށެވެ. މަސީހަށް މަޖިލީހަށް ވަވަޑައިގެންނެވޭނަމަ މެމްބަރުންނަށް ވަދެވަޑައި ނުގެންނެވެންވީ ސަބަބެއް ނެތެވެ. މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށާއި ސިފައިންނާއި ފުލުހުންނަށް ވެސް މަޖިލީހަށް ވަނުމުގެ ހުއްދަ ދޭ ފަރާތަކީ މަޖިލީހުގެ މެމްބަރުންނެވެ. މަޖިލީހަކީ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް އިންތިހާބު ކޮށްފައިވާ މެމްބަރުންގެ ތަނެކެވެ.

މަސީހު އެވެ. 2017 ވަނަ އަހަރު ނިމި 2018 ވަނަ އަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވިއިރު ތިޔަހުންނެވީ މަނިކުފާނުގެ ހައިސިއްޔަތާމެދު ސުވާލު އުފެދިފަ އެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތު ގެއްލިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ވިދާޅުވަމުންދާއިރު އާ އަހަރުގެ ތަހުނިޔާގެ މެސެޖެއް މިވަނީ ފޮނުއްވާފަ އެވެ. އެ މެސެޖުގައި ގައުމާއި ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލިސް ސާބިތު ކަމާއެކު ދެމިއޮންނާނެ ކަމަށް ވިދުވެފައި ވެއެވެ.

މަސީހުގެ އެވެ. ރައްޔިތުންނަށްޓަކައި މަނިކުފާނު ފުރަތަމަ ކުރައްވަންވީ ކަމަކީ ރައްޔިތުންގެ މަންދޫބުން ނިންމާފައިވާ ގޮތަށް މަނިކުފާނު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުން ކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ. އެހެން ނޫންނަމަ މަނިކުފާނު ވިދާޅުވާން އެންމެ ރަނގަޅީ ސަރުކާރު ހިމާޔަތް ކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި މަނިކުފާނު ސާބިތު ކަމާއެކު މަޖިލިސް "ހިސޯރު" ކުރައްވައިގެން ހުންނަވާނެ ކަމަށެވެ.

- ކޮމެންޓް