ބިދޭސީން ގެންނަ އެމްޕްލޮއިމަންޓް އެޖެންސީތަކުގެ ހައްގު ސަރުކާރުން ހިމަޔާތްކޮށްދޭން ޖެހޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ އެމްޕްލޮއިމަންޓް އެޖެންސީ (އެމްއޭއީއޭ) ގެ ރައީސް ފައުޒީ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފައުޒީ ވިދާޅުވީ ވަޒީފާ އާއި ބެހޭ ޤާނޫނުގެ 67 ވަނަ މާއްދާ އާއި ހިލާފަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށެވެ. އެޖެންސީތައް މެދުވެރިނުކޮށް ބިދޭސީން އާންމު ފަރާތްތަކަށްވެސް ގެނެވޭ ގޮތަށް ހެދުމުން 200 އަށްވުރެ ގިނަ އެޖެންސީތައް ބަންދުކުރަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހުކުރު ދުވަހު ފައުޒީ ކުރެއްވި ޓުވީޓެއްގައިވެސް ވަނީ މިފަދައިން ވިދާޅުވެފައެވެ.
މިގޮތަށް މިކަންތައްތައް ހިނގަމުންދާތީ އެޓާނީ ޖެނެރަލް އޮފީހާއި އިކޮނަމިކް މިނިސްޓްރީ އަދި އިމިގްރޭޝަނާވެސް ބައްދަލުކޮށްފައިވާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ހުރިހާ މުއައްސަސާއަކުންވެސް އެޖެންސީތަކަށް އިހުމާލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީފާ އާއި ބެހޭ ޤާނޫނުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކަށް އެ އޭޖެންސީއަކާއި ވަޒީފާދޭ ފަރާތާދެމެދު އެއްބަސްވާ ގޮތުގެ މަތިން ވަޒީފާދޭ ފަރާތުން ފީއެއް ނެގިދާނެ ކަމަށެވެ. ނަމަވެސް ވަޒީފައަކަށް އެދޭ މީހެއްގެ އަތުން ސީދާކޮށް ވިޔަސް ނުސީދާކޮށް ވިޔަސް އެއްވެސް ފީއެއް ނަގައިގެންނުވާނެ ކަމަށް އެ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.
ފައުޒީ ވަނީ އެޖެންސީތައް މެދުވެރިނުކޮށް ބިދޭސީން ގެންނަ ގެނައުން މިހާރުން މިހާރަށް ހުއްޓާލުމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.
މީގެ އިތުރުން އެޖެންސީތަކުގެ ވިޔަފާރީތައް ހަލާކުވެ އެޖެންސީތައް ހިންގާނެ ގޮތެއްވެސް ނެތިފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން ފޯ އެމްޕްލޮއިމަންޓް އެޖެންސީ އަކީ 2008 ވަނަ އަހަރުން ފެށިގެން އެމްޕްލޮއިމަންޓް އެޖެންސީތައް ހަރުދަނާ ކުރުމަށާއި އެޖެންސީތަކުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ އެސޯސިއޭޝަނެކެވެ.