މުސްލިމް ގައުމެއްގެ ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅަކީ ބޭނަޒީރު ބުއްޓޫއެވެ. އެކަން ތާރީޚުގައި އެ ގޮތައް ލިޔެވިފައިވަނިކޮށް މީގެ 10 އަހަރު ކުރިން މުޅި ދުނިޔެއަށް ސިހުން ގެނުވީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އަކަމަނާ އަވަހާރަ ކޮށްލި ޚަބަރާ އެކުގައެވެ.
ބޭނަޒީރު އަވަހާރަކޮށްލީ ރާވަލްފިންޑީގައި އޮތް އިންތިޚާބުގެ ކެމްޕޭން ރެލީއެއްގައި ބައިވެރިވެ ވަޑައިގެން އެކަމަނާގެ އުޅަނދަށް އަރާ ވަޑައިގެންނެވި ވަގުތުގައެވެ. އެކަމަނާ އަވަހާރަ ކޮށްލީ އުމުރުން 15 އަހަރުގެ ކުއްޖަކު އެކަމަނާގެ ހަށިކޮޅަށް ބަޑި ޖަހައިގެންނެވެ. ބަޑި ޖެހުމަށް ފަހު އަމިއްލަ ހަށިގަނޑު ގޮއްވާލާ ހަމަލާދިން ކުއްޖާ އަމިއްލަ އަށް މަރުވިއެވެ. އޭނާގެ ނަމަކީ ބިލާލް އެވެ. އޭނާ ހަމަލާ ދިނީ ތާލިބާނުންގެ އޯޑަރަށް ކަމަށް ވެއެވެ.
ބޭނަޒީރު ބުއްޓޫއަކީ ޒުލްފިގާރު އަލީ ބުއްޓޫގެ ދަރިކަނބަލެކެވެ. ޒުލްފިކާރަކީ ޕާކިސްތާނުގައި އިންތިޚާބު ކުރެވުނު ފުރަތަމަ ބޮޑު ވަޒީރެވެ. ޒުލްފިކާރުގެ ސިޔާސީ ހަޔާތް ނިމުމަކަށް ގެނައީ ޖެނެރަލް ޒިޔާއުލް ހައްގުގެ ވެރިކަމުގައި އޭނާ ދަންޖައްސާ އަވާހަރަ ކޮށްލައިގެންނެވެ. 1990 ގެ އަހަރު ތަކުގައި ދެ ފަހަރެއްގެ މަތިން ބޭނަޒީރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތެވެ. ނަމަވެސް ޕާކިސްތާނުގެ ބާރުގަދަ މިލިޓަރީން އެ ދެ ފަހަރުވެސް އެކަމަނާ މަގާމުން ދުރުކުރިއެވެ. ކޮންމެ ފަހަރަކުވެސް ކަރަޕްޝަންގެ ތުހުމަތުތައް ކޮށްފައެވެ.
އެކަމަނާ އަވަހާރަ ކޮށްލި އިރު ގެންދެވީ 3 ވަނަ ފަހަރަކަށް ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރައްވަމުންނެވެ. އެކަމަނާ އަވަހާރަ ކޮށްލުމާއެކު ބޮޑު ހަމަނުޖެހުމެއް ޕާކިސްތާނުގައި އުފެދިގެން ދިޔައެވެ. ބޭނަޒީރުގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ މަގުތައް ބަންދުކޮށް، ހުޅުޖަހައި، ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅު ކުރިއެވެ.
ބޭނަޒީރު އަވަހާރަ ކޮށްލިތާ 10 އަހަރު ފަހުން އޭރު ޕާކިސްތާނުގެ ވެރިކަމުގައި ހުންނެވި ޖެނެރަލް ޕަރްވޭޒް މުޝައްރަފް، އެހާދިސާ އާ ގުޅޭ ގޮތުން ވިދާޅުވީ، ގައުމުގެ އިސް ސަފުގައި ތިބި ބައެއް މީހުންގެ އަތެއް މިހާދިސާގައި ވުމީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
ދައުލަތުގެ އިސް ސަފުގައި ތިބި ބަޔަކު ބޭނަޒީރު އަވަހާރަ ކޮށްލަން ތޯލިބާނުންނާ މުއާމަލާތް ކޮށްފާނެތޯ މުޝައްރަފް އާ ބީބީސީން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ އެއީ ވެދާނެ ކަމެއް ކަމުގައެވެ.
ބޭނަޒީރު އަވަހާރަ ކޮށްލުމުގެ އަޑީގައި ތިބި މީހުންނާ ބެހޭ ވަކި ޚާއްސަ މައުލޫމާތެއް ލިބިވަޑައިގެންފައިވޭތޯ ބީބީސީން ދެންނެވުމުން މުޝައްރަފް ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި ނެތް ކަމަށާއި، ނަމަވެސް އޭނާ އަށް މިކަމުގައި ވިސްނިވަޑައިގަންނަވާ ގޮތް ސީދާ ވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައެވެ.
"ހުޅަނގުގެ ގައުމުތަކާ ގާތް ގުޅުމެއް އޮންނަ ބޭކަނބަލަކަށް ވުމާއެކު އޭނާ އާ މެދު ބައެއް ފަރާތްތަކުން ދެކެނީ ތުހުމަތުގެ ނަޒަރަކުން" މުޝައްރައްފް ވިދާޅުވިއެވެ.
ބޭނަޒީރު އަވަހާރަ ކޮށްލުމުގައި ބައިވެރިވެ ވަޑައިގެންނެވުމާއި، އެކަން ރޭވުމާއި، އަދި އެކަމުގައި މަގުފަހި ކޮށްދެއްވި ކަމުގެ ތުހުމަތު ޚުދު މުޝައްރަފްގެ މައްޗަށްވެސް ކުރެވި، ދައުވާވެސް ވަނީ އުފުލިފައެވެ.
މުޝައްރަފްގެ މައްޗަށް އުފުލިފައިވާ ދައުވާގައި ދައުލަތުގެ ވަކީލުން ބުނެފައިވަނީ، އަމިއްލަފުޅަށް ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވި ހުންނެވުން 8 އަހަރު ފަހުން ނިންމަވާލެއްވުމުގެ 3 ހަފްތާ ކުރިން، ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ވޮޝިންގޓަނުގައި ހުންނެވި ބޭނަޒީރަށް މުޝައްރަފް ފޯނު ކުރެއްވި ކަމުގައެވެ. ފޯނު ކުރެއްވި އިރު ބޭނަޒީރު އަރިހުގައި އެކަމަނާގެ އަރިސް މީހަކު ކަމުގައިވާ މާރކް ސީގަލް އާއި ނޫސްވެރިޔަކު ކަމަށްވާ ރޮން ސުސްކިންޑް ތިއްބެވެ. ފޯނު ކޯލު ނިމުމާއެކު ބޭނަޒީރު ވިދާޅުވި ކަމަށްވަނީ، މުޝައްރަފް އޭނާ އަށް ބިރު ދެއްކެވި ކަމަށާއި، ގައުމަށް އެނބުރި ވަޑައި ނުގަތުމަށް ދަންނަވާ އިންޒާރު ދެއްވި ކަމަށެވެ.
ސީގަލް ބީބީސީ އަށް ކިޔައި ދިން ގޮތުގައި، ބޭނަޒީރު އެނބުރި ގައުމަށް ވަޑައިގަތުމުން ދެން ވެދާނެ ގޮތަކަށް ޒިންމާ ނުނަންގަވާނެ ކަމަށް މުޝައްރަފް ވަނީ ވިދާޅުވެފައެވެ. އަދި ބޭނަޒީރުގެ ސަލާމަތީ ކަންކަން ބިނާވެފައި އޮންނާނީ މުޝައްރަފް އާއި ބޭނަޒީރާ ދެމެދު އޮންނަ ގުޅުމެއްގެ މައްޗަށް ކަމަށް މުޝައްރަފް ވިދާޅުވި ކަމުގައެވެ.
މުޝައްރަފް ވަނީ އެވާހަކަ ތަކަށް އިންކާރު ކުރައްވާފައެވެ.
"ތެދަށް މި ބުނަނީ، އެވާހަކަ އިވުމުން އައީ ހިނި، އަހަރެން ކީއްކުރަން އެކަމަނާ އަވާހަރަ ކޮށްލަންވީ" މުޝައްރަފް ދާދި ފަހުން ބީބީސީ އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވިއެވެ.
ޑުބާއީގައި އަމިއްލަފުޅަށް އަރުވާލެއްވިގެން ހުންނެވުމާއެކު މުޝައްރަފްގެ މައްޗަށް ހިންގަމުން ދިޔަ ޝަރީއަތް އޮތީ މެދު ކެނޑިފައެވެ.
އަނެއް ކޮޅުން މުޝައްރަފްގެ ވާހަކަފުޅު ބޭނަޒީރުގެ ދަރިކަލުން ބިލާވަލް ގަބޫލެއް ނުކުރައްވައެވެ. ބިލްވާލް ވިދާޅުވަނީ، މުޝައްރަފް ގަސްދުގައި އޭނާގެ މަންމާފުޅުގެ ސަލާމަތީ ކަންކަން ދޯހަޅި ކޮށްލެއްވީ ކަމުގައެވެ. އަދި އެއީ އެކަމަނާ އަވަހާރަ ކޮށްލުމަށާއި މަންޒަރު ގެއްލުވާލުމުގެ މަގްސަދުގައި މުޝައްރަފް ގަސްތުގައި ހިންގެވި ކަމެއް ކަމުގައެވެ.
މުޝައްރަފްގެ ޝަރީއަތް ހުއްޓިފައި އޮތް ނަމަވެސް، އިތުރު 5 މީހެއްގެ މައްޗަށް މި މައްސަލައިގައި ދައުވާ ކުރިޔަށް ދިޔައެވެ. ބޭނަޒީރު އަވަހާރަ ކޮށްލި އުމުރުން 15 އަހަރުގެ ބިލާލަށް އެހީވެ ދިން ކަމަށް މި 5 މީހުންވެސް ތަހުގީގުގައި ވަނީ އިއުތިރާފް ވެފައެވެ.
މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރި އައިތްޒާޒް ޝާހު އަކީ ބުނެވޭ ގޮތުން، ބިލާލުގެ ހަމަލާ ނާކަމިޔާބު ވެއްޖެ ނަމަ ބެކްއަޕް އެއްގެ ގޮތުން ތާލިބާނުން ހަމަޖައްސާފައި ހުރި މީހާއެވެ.
ތުހުމަތުގައި ހައްޔަރު ކުރި ރަޝީދު އަހްމަދު އާއި ޝޭރް ޒަމާން ވެސް ވަނީ މިކަން ރޭވުމުގައި އެހީތެރިވެ ދިން ކަމަށް އެއްބަސްވެފައެވެ. ހަސްނައިން ގުލް އާއި ރަފަގަތް ހުސެއިން އަކީ ބޭނަޒީރު އަވަހާރަ ކޮށްލި ބިލާލަށް އެ ހާދިސާ ހިނގި ދުވަހުގެ ކުރީ ރޭ ހުންނާނެ ތަނެއް ހަމަޖައްސައިދިން ދެމީހުންނެވެ.
މި މީސް މީހުން މިކަމުގައި ބައިވެރިވި ކަމަށް އިއުތިރާފް ވި ނަމަވެސް، ޝަރީއަތުގައި ފަހުން ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އެކަމަކު ހިނގާފައިވާ ފޯނު މުއާމަލާތްތަކަށާއި އެހެނިހެން ހެކިތަކުގެ އަލީގައި އެމީހުން މިކަމުގައި ބައިވެރިވިކަން ސާފުކޮށް ފެންނަ އޮތް ކަމަށް ދައުލަތުގެ ވަކީލުން ފާހަގަ ކޮށްފައިވެއެވެ.
މިކަންކަން މިހެން ހުރުމާއެކު އެމީހުންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދައުލަތުގެ ވަކީލުން ޔަގީން ކޮށްގެން ތިއްބާ ކޯޓުން ހުކުމް އައީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ހެކި ހޯދުމުގައި އިޖްރާއުތައް ފުރިހަމަ ނުވާ ކަމަށް ބުނެ ކޯޓުން ހުކުމް ކުރީ އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ދައުލަތުން މައްސަލަ އިސްތުއުނާފް ކުރާނެ ކަމަށް ބަލާ އެމީހުން މިހާރުވެސް ތިބީ ހައްޔަރު ކޮށްފައެވެ.
ބޭނަޒީރު އަވަހާރަ ވުމަށް ފަހު ޕާކިސްތާނުގެ ރައީސް ކަމަށް ވަޑައިގަތީ އެކަމަނާގެ ފިރިކަލުން އާސިފް ޒަރުދާރީއެވެ. ބޭނަޒީރު އަވަހާރަ ކޮށްލުމަށް ރޭއްވެވީ ޒަރުދާރީ ކަމަށް ބުނާ މީހުން ޕާކިސްތާނުގައި މަދެއް ނޫނެވެ. އެމީހުން އެހެން ބުނަނީ ބޭނަޒީރު އަވަހާރަ ވުމުން އެކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރީ ޒަރުދާރީ އަށް ކަމަށް ވާތީއެވެ. ޒަރުދާރީގެ މައްޗަށް ތުހުމަތުގެ އިނގިލި ދިއްކުރާ މީހުންނަށް އެކަމުގައި ދެއްކޭ މާ ބޮޑު ސަފު ހެއްކެއް ނެތެވެ. އަދި ޒަރުދާޒީ ވަނީ އެވާހަކަތައް ދޮގު ކުރައްވާ އެ ވާހަކަ ދައްކާ މީހުން އަނގަ ނުހުޅުވުމަށް ވިދާޅުވެފައެވެ. ޒަރުދާރީގެ އަނބިކަނބަލުން އަވަހާރަ ކޮށްލުމުގައި އެއްވެސް ރޯލެއް ނެތް ކަމަށް ޒަރުދާރީ ވިދާޅުވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ރައީސް ކަމުގައި އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ނުހިންގުނީ ކީއްވެތޯ މީހުން ސުވާލު ކުރެއެވެ. ބޭނަޒީރު އަވަހާރަކޮށްލި ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތް ދިރާސާ ކުރި ބީބީސީގެ ރިޕޯޓަރުން ބުނެފައިވަނީ މިކަމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ފެނިފައި އެމީހުންނަށްވެސް ހައިރާންކަން ލިބުނު ކަމަށެވެ. ސުވާލު ކުރުމާއި ބަޔާންތައް ނެގުމުގައިވެސް މިކަމުގައި ސީދާކޮށް ޝާމިލުވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބޭރުން އިތުރު ބަޔަކު ހޯދާ ސުވާލު ކުރާކަށް ފުލުހުންވެސް ބޭނުމެއް ނުވެއެވެ.
މިކަން މިހެން އޮތް އިރު، ބޭނަޒީރު އަވަހާރަ ކޮށްލުން ތަހުގީގު ކުރުމަށް އ.ދ އިން އެކުލަވާލި ކޮމިޝަންގެ ތަހުގީގަށް ޒަރުދާރީގެ ވެރިކަމުގައި ޕާކިސްތާނުން އެއްބާރުލުން ނުދިނުމުގެ އިތުރުން ޒަރުދާރީގެ މިނިސްޓްރީ ތަކުން އެ ތަހުގީގަށް ސީދާ ގޮތުން ހުރަސް އަޅާފައިވެއެވެ. އަދި ޕާކިސްތާނުގެ ސިޔާސީ އިސް ފަރާތްތަކުންވެސް، އަސްކަރިއްޔާއިންވެސް ތަހުގީގަށް އެއްބާރުލުން ދީފައެއް ނުވެއެވެ.
މިކަންކަން މިހެން އޮތުމުގެ އިތުރުން ދެން ފެންނަމުން ދިޔައީ މައްސަލައިގައި އެކި ގޮތް ގޮތުން ޝާމިލްވި މީހުން އެކި ދުވަސް މަތިން މަރުވަމުން ދިޔަ މަންޒަރެވެ. މިގޮތުން، ބޭނަޒީރު އަވަހާރަ ކޮށްލުމަށް އުމުރުން 15 އަހަރުގެ ބިލާލް ބޭނަޒީރާ ހަމައަށް ކައިރިވުމަށް މަގު ތަނަވަސް ކޮށްދިން ކަމަށް ފާހަގަ ކުރެވޭ ދެ މީހުން 15 ޖެނުއަރީ 2008 ގައި ޗެކް ޕޮއިންޓެއްގައި ޕާކިސްތާނުގެ ސިފައިން ބަޑިޖަހާ ވަނީ މަރާލިއެވެ.
ބޭނަޒީރު އަވާހަރަ ކޮށްލަން ދިޔަ ބިލާލު ލައިގެން ހުރި ސުއިސައިޑް ޖެކެޓް ތައްޔާރު ކުރި އަބްދުއް ރަހްމާނު 13 މެއި 2010 ގައި ޕާކިސްތާނުގެ ރަށްފުށުގެ ހިސާބެއްގައި އުޅެނިކޮށް ވަނީ މަރާލާފައެވެ. ގޮވާ ތަކެތި އަޅާފައިވާ މި ޖެކެޓް ބިލާލަށް ގެންގޮސްދިން އަބްދު ﷲ ނަމަކަށް ކިޔާ މީހާވެސް ވަނީ 31 މެއި 2008 ގައި ޕާކިސްތާނުގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ މޮހަމާންދް އޭޖެންސީގައި ހިނގި ގޮއްވާލުމުގެ ހާދިސާ އެއްގައި މަރާލާފައެވެ.
ބޭނަޒީރުގެ ސެކިއުރިޓީ ގާޑަކަށް ހުރި ޚާލިދު ޝެހެންޝާހް 22 ޖުލައި 2008 ގައި އޭނާގެ ގޭގެ ބޭރުގައި ހުއްޓާ ވަނީ ބަޑިޖަހާ މަރާލާފައެވެ. ބޭނަޒީރު އަވަހާރަކޮށްލި ހަމަލާ ދިން ވަގުތުގެ ކުޑަ އިރުކޮޅެއް ކުރިން ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު، ޝެހެންޝާހް ހުންނަނީ ބޭނަޒީރު އާ އެންމެ ދެތިން ފޫޓުހާ ދުރު މިނުގައެވެ. އޭނާގެ ކިބައިން އާދަޔާ ޚިލާފް ހަރަކާތްތަކެއް ފެންނަމުން ދިޔަކަން ވީޑިއޯ ދިރާސާ ކުރި ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ޝެހެންޝާހް ވަނީ ބުއްޓޫ އާ ދިމާލަށް ލޮލުގެ ކަޅި އަނބުރާލާ، މީހަކު ކަތިލާ ގޮތުގެ އިޝާރާތް ދައްކާ ގޮތައް އަތުގެ ދެ އިނގިލި ކަރުގެ ހުރަހަށް ދަމާލާފައެވެ. މިވީޑިއޯ 22 ޖުލައި 2008 ގައި އާއްމުވެ، ވައިރަލް ވެގެން ދިޔައެވެ.
ދައުލަތުގެ ފަރާތުން މައްސަލައިގައި ވަކާލާތު ކުރުމަށް ނެގި ޓީމުގައި ހިމެނުނު ޗައުދަރީ ޒުލްފިގާރަކީ ޕާކިސްތާނުގައި ނަން ހިނގާ އަދި ގާނޫނީ ގޮތުން ގާބިލް ވަކީލެކެވެ. ޗައުދަރީގެ ގާތް ރަހުމަތްތެރިންގެ ގާތުގައި، މައްސަލައިގައި ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށް ބުނި ކަމަށް ވެއެވެ. އެކަމަކު ކަން ހިނގި ގޮތަކީ، މައްސަލައިގެ އަޑުއެހުމަކަށް ދަނިކޮށް 3 މެއި 2013 ގައި އިސްލާމްއާބާދުގެ މަގުމަތިން އޭނާގެ ގަޔަށް ބަޑިޖަހާ މަރާލީއެވެ.
ބީބީސީން ކުރި ދިރާސާ އިން ހާމަވި ގޮތުގައި، މިކަމުގައި ސީދާ ގޮތެއްގައި ޝާމިލްވި މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމަ އެކަނި މީހަކީ މަރުވެއްޖެ ކަމަށް ޕާކިސްތާނުގެ އޮފިޝަލުން ކަނޑައަޅާފައިވާ މީހެކެވެ. އެއީ އިކުރާމުﷲ އެވެ. އިކުރާމުﷲ އަކީ ބޭނަޒީރަށް ހަމަލާދިން ބިލާލް އާ އެކު އެތަނަށް ދިޔަ މީހާއެވެ. ޕްލޭނަކީ، ބިލާލުގެ ހަމަލާ ނާކާމިޔާބު ވެއްޖެ ނަމަ އިކުރާމުﷲ ހަމަލާ ދިނުމެވެ. ބިލާލުގެ ހަމަލާ ކާމިޔާބު ވުމުން އިކުރާމުﷲގެ ޚިދުމަތެއް މިކަމުގައި ބޭނުން ނުވުމާއެކު އޭނާ ސަލާމަތުން ދިޔަ ތާކަށް ދިޔައީއެވެ. ޕާކިސްތާނުގެ އޮފިޝަލުން އެތައް އަހަރެއްވަން ދެން ބުނަމުން ގެންދިޔައީ ޑްރޯން ހަމަލާއެއްގައި އިކްރާމުﷲ މަރުވެފައި ވާކަމަށެވެ. ނަމަވެސް 2017 ވަނަ އަހަރުގެ އޮގަސްޓްމަހު ޕާކިސްތާނު ސަރުކާރުން ހާމަކުރި 28 ސަފްހާގެ މޯސްޓް ވޯންޓެޑް ލިސްޓުގައި 9 ވަނަ އަށް އޮތީ އިކުރާމުﷲ އެވެ. އަދި އޭނާ ހޯދަނީ ބޭނަޒީރު އަވާހަރާކޮށްލުމުގެ ހާދިސާ އާ ގުޅިގެން ކަމަށް ބުނެފައިވެއެވެ. ބީބީސީގެ ހޯދުން ތަކުން އެނގޭ ގޮތުގައި އިކުރާމުﷲ އުޅެމުންދަނީ އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދެއްގައި ޕާކިސްތާނަށް ނިސްބަތްވާ ތާލިބާނުންގެ ކޮމާންޑަރަކަށެވެ.
ބޭނަޒީރު އަވަހާރަ ކޮށްލުމުގެ ހާދިސާ އާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވަނީ އެންމެ 2 މީހެއްގެ މައްޗަށެވެ. އެއީ ދެ ފުލުހުންނެވެ. އެ ދެމީހުންނަކީ ބޭނަޒީރު އަވަހާރަ ކޮށްލި ތަނަށް ފެންޖަހާ ސާފު ކުރުމަށް އޯޑަރު ދިން ދެ ފުލުހުންނެވެ.
އެ ދެ ފުލުހުންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ޕާކިސްތާނުގެ ގިނަ މީހުންގެ ނަޒަރުގައި އެއީ އިންސާފުވެރި ހުކުމެއް ނޫނެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ސިފައިންގެ އޯޑަރެއް ނެތި އެތަނަށް ފެން ޖަހާ ސާފު ކުރާކަށް ފުލުހުންނެއް ނާންގާނެއެވެ. އެހެން ކަމަށްވާ ނަމަ އެމީހުންނަށް އެ އޯޑަރު ދިނީ ކޮން ބައެއް ހެއްޔެވެ؟
ކަން ހިންގަމުންދާ ގޮތައް ބަލާއިރު، މިކަމުގެ އަޑީގައި ޚިދުމަތުގައި ތިބި އަދި ރިޓަޔަރ ކޮށްފައިވާ ސިފައިންގެ ނުފޫޒް ގަދަ ނެޓްވޯރކެއްގެ އޮތް ކަމަށް ބެލެވެއެވެ. ޕާކިސްތާނުގައި ބާރުގަދަ އަސްކަރިއްޔާ އަކީ އެމީހުންގެ ނަޒަރުގައި ޕާކިސްތާނު އޮންނަންވާ ގޮތައް އެ ގައުމުގެ ކަންކަން ބާއްވާ ބައެކެވެ. ވެރި ކަމުގައި ތިބެވޭނީވެސް އަދި ދުނިޔޭގައި އުޅެވޭނީވެސް މިލިޓަރީން ރުހޭ ބަޔަކަށެވެ. އެނޫން މީހަކަށް ޕާކިސްތާނުގައި ފުރުސަތެއް ނެތެވެ.