ދިރާގުގެ ފަރާތުން އެމީހުންގެ އައު ބްރޭންޑް އެމްބެސެޑަރަކަށް ޒުވާނުންގެ ތެރޭގައި މަގުބޫލު ބޭންޑެއް ކަމަށްވާ ޑީޓިއުން ބޭންޑް އަންގާރަ ދުވަހު ހަމަޖައްސައިފިއެވެ.
ޑީޓިއުން ބޭންޑަށް އެމްބެސެޑަރުކަން ހަވާލު ކޮށްދެއްވީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ރަޝީދު އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެމްޑީ އަދި ސީއީއޯ ވިދާޅުވީ ޑީޓިއުން ބޭންޑް ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެހިގެން ދިޔުމުން އުފާކުރައްވާ ކަމަށާއި ޑީޓިއުން ބޭންޑަކީ އަރަމުން އަންނަ ފަންނާނުންނަށް މަގު ދައްކައިދޭ ލާމަސީލު މިސާލެއްކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.
ދިރާގަކީ އަބަދުވެސް ތަފާތު ފަންނުވެރިންނާއި އާރޓިސްޓުން ޑިޖިޓަލް މުއާސަލާތްތައް މެދުވެރިކޮށް އެމީހުންގެ މަސައްކަތް ކުރިއެރުވޭނެ ގޮތް މަގުފަހި ކުރާ ކުންފުންޏެކެވެ. މިގޮތުން ދިރާގުގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އައްޔަނުކުރެވޭ ފަރާތްތަކަކީ ޒުވާނުންގެ ތެރޭގައި ހީވަގިކަމާއެކު އެމީހެއްގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެއް ކަމަށް ދިރާގުން ބުނެއެވެ.
ޑީޓިއުން ބޭންޑްގެ ލަވަތައް އޮންލައިން ކޮށް ދިރާގުގެ ޔޮންޑާ މިއުޒިކު އެޕުން ވަރަށް އަވަސް މުސްތަގުބަލެއްގައި ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
މީގެ 12 އަހަރު ކުރިން އުފެދުނު ޑީޓިއުން ބޭންޑަކީ އެމީހުންގެ އަމިއްލަ ރާގުތަކަށާއި ތަފާތު ވީޑިއޯ ތަކަށް ދިވެހި ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދައިފައިވާ ބޭންޑެކެވެ.