ހުޅުމާލޭގައި ބޭންކް އޮފް މޯލްޑިވްސް އިން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމް އެއް ބީއެމްއެލް އިން ގާއިމުކޮށްފިއެވެ.
މި އައު އޭޓީއެމް ބޭނުންކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބެމުންދާނެ ކަމަށް އެ ބެންކުން ބުނެއެވެ. އަދި މިއީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށާއި ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ގާއިމްކުރެވުނު އޭޓީއެމް އެއް ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިންގ އިތުރު އޭޓީއެމް އެއް ހުޅުމާލޭގައި ގާއިމްކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް ފަސޭހަކަމެއް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ހުޅުމާލޭގައި އިތުރު އޭޓީއެމް އަދި އާ ބިޒްނަސް ސެންޓަރެއް ވަރަށް އަވަހަށް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި އެ ބޭންކުން ބުންޏެވެ.