ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އިން މަސައްކަތް ކުރަނީ ކައުންސިލުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅެމަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެލްޖީއޭގެ މައިގަނޑު މަސައްކަތަކީ ކައުންސިލުތަކަށް އިރުޝާދު ދިނުމާއި ކައުންސިލުތަކުގެ މަސައްކަތް ފަސޭހަކޮށްދިނުން ކަމަށެވެ. އެހެންނަމަވެސް އެ އޮތޯރިޓީ އިން އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
" ހަގީގަތުގައި އެލްޖީއޭގެ މަސައްކަތަކީ ފިޔަވަޅު އަޅަން އޮންނަ ތަނެއް ނޫން އެއީކީ. އެލްޖީއޭ އުފައްދާފައި އޮތް މައިގަނޑު ސަބަބަކީ ކައުންސިލުތައް ގައިޑު ކޮށްދިނުން. ކައުންސިލުތައް ގައިޑު ކޮށްދީ ކައުންސިލަރުން އަލަށް އިލެކްޓުވެގެން އަންނައިރު އެ ބޭފުޅުންނަށް ޒިންމާ އަދާކުރަން ފަސޭހަކޮށްދިނުމަށްޓަކައި ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމާއި މައްސަލެއް ހިނގައިފި ކަމަށްވަންޏާ އެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން. މިއީ އެބޭފުޅުންނަށް ފަސޭހަކޮށްދޭން އޮންނަ ބޮޑީއެއް. ކޮންމެ ގޮތެއް ވިޔަސް އެލްޖީއޭ އަށްވުރެން ރައްޔިތުން އިންތިހާބު ކުރާ ބައެއްގެ ބާރު ގަދަވާނެ" ރޮޒެއިނާ ވިދާޅުވިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ވަރަށް ފަހުން ކައުންސިލުތަކަށް ލަފާދޭ ކޮމެޓީއެއް އުފައްދާފައިވާއިރު ކައުންސިލުތަކުން ކުރަން ނިންމާ ކަންތައްތައް ހުއްޓުވުމުގެ ބާރު ލަފާދޭ ކޮމެޓީއަށް އެލްޖީއޭގެ ފަރާތުން ދީފައިވާކަން ރޮޒެއިނާ ފާހަގަކުރެއްވިއެވެ.
ރޮޒެއިނާ އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުއާއި ގާނޫނުން ހަވާލުކުރެވިފައިވާ ޒިންމާތައް މި ސަރުކާރުން ނަގާފައިވާ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަންގަވާ ކަމެއް ނޫނިއްޔާ ކައުންސިލަށް ނުކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށެވެ.
މި ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގެ ނިޒާމް އެއްކޮށް ފެއިލް ކޮށްލަން ކަމަށް ރޮޒެއިނާ ފާހަގަކުރެއްވިއެވެ.
ރޮޒެއިނާ ވަނީ ސަރުކާރުން ކައުންސިލުތަކާއި ދެތޭރޭ އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.