ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 11:02
ރެއާލް އަދި ބާސާގެ ބައެއް ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން
ރެއާލް އަދި ބާސާގެ ބައެއް ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން
ގެޓީ އިމޭޖަސް
އެލް ކްލެސިކޯ
އެލް ކްލެސިކޯ - ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން
ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުގައި މި މެޗު ވަގުތުން ދައްކާނެ
400 މިލިއަން މީހުންނަށްވުރެ ގިނަ މީހުން މި މެޗު ބަލާނެ ކަމަށް ލަފާކުރެވޭ
ކްލެސިކޯގެ އެންމެ ފުރަތަމަ މެޗު ކުޅެވިފައިވަނީ 1902 ވަނަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހު

އަންނަ ހޮނިހިރު ދުވަހު ދުނިޔޭގެ އެތައް ބައެއްގެ ނަޒަރު ހުއްޓިގެންދާނީ ސްޕެއިންގެ މެޑްރިޑްގައި ހުންނަ ސެންޓިއާގޯ ބަނާބެއު ސްޓޭޑިއަމްގައި ރެއާލް މެޑްރިޑާއި އެ ޓީމުގެ ވާދަވެރި ބާސެލޯނާ ބައްދަލުކުރާ މެޗަށެވެ. ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުގައި މި މެޗު ވަގުތުން ދައްކާއިރު 400 މިލިއަން މީހުންނަށް ވުރެ ގިނަ މީހުން މި މެޗު ބަލާނެ ކަމަށް ލަފާކުރެވެއެވެ.

ސްޕެއިންގެ އެންމެ ބޮޑު ދެ ސިޓީއަށް ނިސްބަތްވާ ދެ ޓީމު ކުޅޭ މި މެޗަކީ ތާރީހީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ހާއްސަ މެޗެކެވެ. އެލް ކްލެސިކޯގެ ނަމުން މި މެޗަށް ނަން ދެވުނީ ވެސް މި މެޗަކީ އާދައިގެ މެޗަކަށް ނުވާތީއެވެ. މިއީ ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިކަން އޭގެ މައްޗަށް ބިނާވެފައިވާ މެޗެވެ.

ތާރީހި ގޮތުން ބަލާއިރު އެލް ކްލެސިކޯގެ އެންމެ ފުރަތަމަ މެޗު ކުޅެވިފައިވަނީ 1902 ވަނަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހުއެވެ. މިއީ 1886 ވަނަ އަހަރުން ފެށިގެން 1931 ވަނަ އަހަރާއި ހަމަޔަށް ސްޕެއިންގައި ރަސްކަން ކުރެއްވި އަލްފޮންސޯ ލިއޯންގެ ޝަރަފުގައި ކުޅެވުނު މުބާރާތެއްގެ ސެމީގައި މި ދެ ޓީމު ކުޅުނު މެޗެކެވެ. މި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސާއެވެ.

އެލް ކްލެސިކޯ ތާރީހީ ނަޒަރަކުން ހާއްސަ ވަނީ އެހެން ސަބަބުތަކަކާއި ގުޅިގެންނެވެ. މި މެޗަކީ ސްޕެއިންގައި 1930 ގެ އަހަރުތަކުގައި ހިނގި ދާހީލީ ހަނގުރާމައާ ވަރަށް ބޮޑަށް ގުޅިފައިވާ މެޗެކެވެ. މި ހަނގުރާމަ ނިމިގެންދިޔައީ ފްރޭންސިސްކޯ ފްރޭންކޯ ކުރެއްވި ބަޢާވާތް ކާމިޔާބުވެ އޭނާއަށް ސްޕެއިންގެ ވެރިކަން ލިބިގެން ދިޔުމާއެކުއެވެ. ފްރޭންކޯގެ މި ކާމިޔާބާއެކު ސްޕެއިންގެ ދާހިލީ މަސްރަހު އެއްކޮށް ބަދަލުވެގެން ދިޔައެވެ.

 

ޖެނެރަލް ފްރޭންކޯ ބާސާގެ ސްޓޭޑިއަމްގައި

އެގޮތުން ފްރޭންކޯގެ އަސްކަރިއްޔާއިން 1936 ވަނަ އަހަރު ބާސާގެ އޭރުގެ ރައީސް ޖޯސެޕް ސަންޔޯލް ހައްޔަރުކޮށް ޝަރީއަތަކާއި ނުލައި އޭނާ މަރާލިއެވެ. ފްރޭންކޯގެ ޑިކްޓޭޓާޝިޕްގައި ސްޕެއިންގެ އެހެން ސަރަހައްދުތަކުގެ ސަގާފަތާއި  ބަސްބަހުގެ އިތުރަށް އެ ސަރަހައްދުތައް ރަމްޒުކޮށްދޭ ކަންކަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ. ބާސާއަކީ ކެޓަލޯނިއާއަށް ނިސްބަތްވާ ޓީމަކަށް ވުމާއެކު ކެޓަލޯނިއާގެ ރައްޔިތުން ބާސާ ބަލައިގަތީ ފްރޭންކޯގެ ޒައާމަތާއި ދެކޮޅު ހެދުމުގެ ނިޝާނެއްގެ ގޮތުގައެވެ. 'މެސް ކުއެ އުން ކްލުބް' ނުވަތަ ކްލަބަކަށް ވުރެ ބޮޑަށް ބާސާ ވެގެންދިޔައީ ކެޓަލޯނިއާ ރަމްޒުކޮށްދޭ ނިޝާނަކަށެވެ.

 

ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ޔޯހާން ކްރަޔަފް ހުރި ދުވަސްކޮޅު އޭނާ ދަނޑުން ފޮނުވާލަން ފްރޭންކޯގެ ޖެނެރަލްއެއް މަސައްކަތްކުރަނީ

ފްރޭންކޯގެ ޑިކްޓޭޓާޝިޕްގައި ފެނިގެން ދިޔައީ ސްޕެއިންގެ ފުޓްބޯޅައިގެ ރަސްގެފާނަކަށް ރެއާލް ހެދުމަށް މަސައްކަތް ކުރެވިގެން ދިޔަ މަންޒަރެވެ. އެގޮތުން 1943 ވަނަ އަހަރުގެ ކޮޕާ ޑެލްރޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގު ބާސާއިން 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރުމާއެކު އެ ޓީމުން ޖެހި ތިން ލަނޑަކީވެސް ބޭއިންސާފުން ރެފްރީ ނިންމި ނިންމުންތަކެއް ކަމަށް ބުނެ މެޑްރިޑްއަށް ނިސްބަތްވި މީޑިއާތަކުން ބާސާއާ ދެކޮޅަށް ކެމްޕެއިންއެއް ފެށިއެވެ. މިކަމުގެ ސަބަބުން ބާސާއަށް ރެއާލްގެ ސަޕޯޓަރުން ކުރަމުންއައި ނަފްރަތު އިންތިހާއަށް އިތުރުވެގެން ދިޔައެވެ.

ސެމީ ފައިނަލުގެ ދެވަނަ ލެގު ކުޅެވިގެންދިޔައީ 1943 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. މި މެޗު ބެލުމަށް މެޑްރިޑަށް ދިޔުން ބާސާގެ ސަޕޯޓަރުންނަށް ފްރޭންކޯ މަނާކުރިއެވެ. ބާސާގެ ޓީމު ދަތުރުކުރި ބަހަށް އެކި ޒާތްޒާތުގެ އެއްޗެހިން ހަމަލާ ދިނެވެ. މި މެޗުގެ ފުރަތަމަ 30 މިނެޓު ތެރޭ ރެއާލްއިން ދެ ލަނޑު ޖެހިއެވެ. މެޗު ބަދަލުވެގެން ދިޔައީ ބާސާގެ ކުޅުންތެރިޔަކަށް ނުހައްގުން ރެފްރީ ރަތް ކާޑު ދެއްކުމާއި ވިދިގެންނެވެ. މި ރަތް ކާޑާއެކު މެޑްރިޑުން ފުލުފުލުގައި ގޯލު އޮއްސާލިތަން ފެނިގެންދިޔައެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ހާފް ޓައިމްގައި ބާސާގެ ކުޅުންތެރިން ނިންމީ ދެވަނަ ހާފު ނުކުޅުމަށެވެ. މިކަމާއި ދެކޮޅަށް ފްރޭންކޯގެ ޖެނެރަލްއެއް ބާސާގެ ޑްރެސިން ރޫމް ތެރެއަށް އައިސް އެ ޓީމަށް އިންޒާރުދިން ކަމަށް ބާސާގެ ކުޅުންތެރިން ބުނެފައިވެއެވެ. ދެވަނަ ހާފު ނުކުޅެފިނަމަ އެ ކުޅުންތެރިން ޖަލަށް ލާނެ ކަމަށާއި އަނިޔާ ކުރާނެ ކަމަށް ބުނެ ފްރޭންކޯގެ ޖެނެރަލްއެއް ބާސާގެ ކުޅުންތެރިންނަށް އިންޒާރު ދިނެވެ. ނަތީޖާއެއްގެ ގޮތުން މި މެޗު ނިމިގެންދިޔައީ 11-1 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މި ދެ ޓީމުގެ ވާދަވެރިކަމުގެ އެންމެ ބޮޑު އެއް ރަމްޒަކީ އަލްފްރެޑޯ ޑިސްޓެފާނޯއެވެ. ޑިސްޓެފާނޯއަކީގެ ސޮއެ ހޯދުމަށް ބާސާ އަދި ރެއާލްއިން ވެސް މަސައްކަތްކުރިއެވެ. މި ދެ ޓީމުން ވެސް އޭނާއަކީ އެ ޓީމުގެ ކުޅުންތެރިޔެއް ކަމަށް ބުނަމުން ދިޔުމާއެކު ފީފާއިން ތަހުގީގެއް ފެށިއެވެ. މި ތަހުގީގު ނިމި ފީފާއިން ނިންމީ ޑިސްޓެފާނޯއަކީ ދެ ޓީމުގެ ވެސް ކުޅުންތެރިޔެއްގެ ގޮތުގައެވެ. އެހެންކަމުން އެއް ސީޒަނެއްގައި އޭނާ ދެ ޓީމަކަށް ކުޅެން ޖެހޭނެ ކަމަށް ފީފާއިން އެންގިއެވެ.

 

އަލްފްރެޑޯ ޑިސްޓެފާނޯ ރެއާލްއާއެކު އޭނާ ކާމިޔާބުކުރި ފަސް ޔޫރަޕިއަން ކަޕްއާއެކު

މި މައްސަލައިގައި ބާސާގެ އޭރުގެ ރައީސް އިސްތިއުފާދެއްވަން މަޖުބޫރު ވެވަޑައިގެންނެވިއިރު އެ ޓީމުން ޑިސްޓެފާނޯއާއެކު ހެދި ކޮންޓްރެކްޓް ވެސް އުވާލިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަކީ ހަމައެކަނި ރެއާލްއަށް ނިސްބަތްވާ ކުޅުންތެރިޔެއްގެ ގޮތުގައި ރެޖިސްޓްރީ ވެގެންދިޔައެވެ. ޑިސްޓެފާނޯ ވެގެން ގޮސްފައިވަނީ ރެއާލްގެ ތާރީހު ބަދަލުކޮށްލި ކުޅުންތެރިޔަކަށެވެ. ސްޕެއިން އަދި ޔޫރަޕުގައި އެ ޓީމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިޔަކަށެވެ.

'ފައިނަލް އޮފް ދަ ބޮޓޮލްސް' އަކީ ވެސް މި ދެ ޓީމު ކުޅުނު މެޗުތަކުގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ މެޗެކެވެ. 1968 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ކުޅުނު މި މެޗަކީ ކޮޕާ ޑެލްރޭގެ ފައިނަލް މެޗެކެވެ. ރެއާލްގެ ދަނޑުގައި ޖެނެރަލް ފްރޭންކޯގެ ކުރިމަތީގައި 1-0 އިން އެ ޓީމު ބަލިކޮށް ތަށި އުފުލާލީ ބާސާއެވެ. މި މެޗުގައި ރެފްރީކަން ކުރި އެންޓޯނިއޯ ރީގޯގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ގޮތުން ރެއާލްގެ ސަޕޯޓަރުން ވަނީ ރެފްރީ އަދި ބާސާގެ ކުޅުންތެރިންނާއި އަމާޒުވާގޮތަށް ބިއްލޫރި ފުޅި ދަނޑު މައްޗަށް އުކާފައެވެ. މިކަމުގެ ސަބަބުން މި މެޗު މަޝްހޫރު ވެގެންދިޔައީ 'ފައިނަލް އޮފް ދަ ބޮޓޮލްސް' ގެ ނަމުންނެވެ.

 

ބާސާގެ ކުޅުންތެރިން ދަނޑުމަތިން ބިއްލޫރި ފުޅި ހޮވަނީ

މި ދެ ޓީމުގެ ވާދަވެރިކަމުގައި ލުއިސް ފީގޯއަކީ ވަރަށް މުހިންމު ކުޅުންތެރިޔެކެވެ. 2000 ވަނަ އަހަރު ރެއާލްގެ ރައީސް ކަމަށް ފްލޮރެންޓީނޯ ޕެރޭޒް ވާދަކުރެއްވިއިރު ފީގޯއާއެކު އެއްބަސްވުމެއްގައި ސޮއެ ކުރެއްވިއެވެ. މި އެއްބަސްވުމުގެ ދަށުން ރެއާލްއަށް ބަދަލުވުމަށް ފީގޯއަށް 2.4 މިލިއަން ޑޮލަރު ޕެރޭޒް ހުށަހެޅުއްވިއެވެ. ފީގޯ އޭރުހުރީ ބާސާގެ ވައިސް ކެޕްޓަނެއްގެ ގޮތުގައެވެ. މި ވާހަކަ ފަޅާއެރުމާއެކު ފީގޯ މިކަން ދޮގުކޮށް ބާސާގައި މަޑުކުރާނެ ކަމަށް އެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކައިރީގައި ބުންޏެވެ.

ކަންހިނގީ ފީގޯގެ ބަހާއި މުޅިން އިދިކޮޅަށެވެ. އެ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ފީގޯ ދައްކާލެވުނެވެ. ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ފީގޯ ބާސާގެ ދަނޑުގައި ކުޅުނު މެޗުގައި އޭނާއަށް އަމާޒުވާ ގޮތަށް ބާސާގެ ސަޕޯޓަރުން ވަނީ ލައިޓަރާއި އޮރެންޖާއި އެކި ވައްތަރުގެ ފުޅީގެ އިތުރުން ފައިސާ އުކާފައެވެ.

 

ލުއިސް ފީގޯ ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ދައްކާލަނީ

ހަމައެހެންމެ 2002 ވަނަ އަހަރު މި ދެ ޓީމު ބާސާގެ ދަނޑުގައި ކުޅުނު މެޗަކީ މި ދެ ޓީމުގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ މެޗެކެވެ. މި މެޗުގައި ފީގޯއާ ދިމާލަށް ވަކި ލާރިއާއި ތޫނު ހަތިޔާރާއި ރާ ފުޅި ބާސާގެ ސަޕޯޓަރުން އެކި ވަގުތުތަކުގައި އުކަމުން ދިޔައެވެ. އެންމެ ފާހަގަކޮށްލެވޭ އެއްޗެއްގެ ގޮތުން އޭނާއާ ދިމާލަށް އޫރެއްގެ ބޯ ވަކިކޮށްލުމަށް ފަހު އުކާފައިވެއެވެ. މި މެޗަށް ފަހު ބާސާގެ ސަޕޯޓަރުން ފީގޯއަށް ނިސްބަތްކުރަނީ 'ލުއިސް ޕީގޯ' ގެ ގޮތުގައެވެ.

ފަހުގެ ތާރީހުގައި މި ދެ ޓީމުގެ މެދުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޝަރަފުގެ ކުރުނީސް އަރުވަން އެއް ޓީމު އަނެއް ޓީމަށް ދެކޮޅު ހެދުމެވެ. ޝަރަފުގެ ކުރުނީސް އަރުވަނީ ކްލެސިކޯއެއްގެ ކުރިން މި ދެ ޓީމުން ކުރެ ޓީމަކުން ތައްޓެއް ހޯދައިފިނަމައެވެ. މިފަހަރުގެ ކްލެސިކޯގައި ވެސް ބާސާއިން ވަނީ ރެއާލްއަށް ޝަރަފުގެ ކުރުނީސް އެރުވުމަށް ދެކޮޅު ހަދާފައެވެ.

މި ވާދަވެރިކަމުގެ ތެރެއިން ވެސް ކުޅިވަރުގެ ރޫހު ފެނިގެންދާ ރީތި މަންޒަރުތައް ފެނިގެންދެއެވެ. އެގޮތުން 1980 ވަނަ އަހަރު ރެއާލްގެ ލޯރީ ކަނިންގްހަމްއަށް ބާސާގެ ސަޕޯޓަރުން އެ ޓީމުގެ ދަނޑުގައި ސްޓޭންޑިން އޮވޭޝަންއެއް ދީފައިވެއެވެ. އޭގެފަހުން ބާސާގެ ތިން ކުޅުންތެރިޔަކަށް ރެއާލްގެ ދަނޑުގައި ސްޓޭންޑިން އޮވޭޝަން ދީފައިވެއެވެ. މި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޑިއޭގޯ މަރަޑޯނާ އާއި ރޮނާލްޑީނިއޯގެ އިތުރުން އަންދްރޭސް އިނިއެސްޓާއެވެ.

 

ރޮނާލްޑީނިއޯ ރެއާލްއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން - އޭނާއަށް މި މެޗުގައި ރެއާލްގެ ސަޕޯޓަރުން ސްޓޭންޑިން އޮވޭޝަންއެއް ދިން 

2010 ގެ އަހަރުތަކުގައި މި ދެ ޓީމުގެ ވާދަވެރިކަން ބިނާވެފައިވަނީ ލިއޮނެލް މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށެވެ. ކޮންމެ ކްލެސިކޯއަކީ ވެސް މި ދެ ކުޅުންތެރިންގެ ސަބަބުން އެ ޓީމެއްގެ ކޮޅަށް ނަތީޖާ އެނބުރިގެންދާ ކްލެސިކޯތަކެވެ. މެސީއަކީ 24 ލަނޑާއެކު ކްލެސިކޯގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްވާއިރު ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖަހާ ރޮނާލްޑޯއަކީ ޖެހިޖެހިގެން އެންމެ ގިނަ ކްލެސިކޯގައި ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ކްލެސިކޯގެ ތާރީހުގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔަކީ ވެސް މެސީއެވެ.

ކްލެސިކޯގެ ރެކޯޑުތަކަށް ބަލާލާއިރު ރެއާލްއިން ހޯދި އެންމެ ބޮޑު މޮޅަކީ 1943 ވަނަ އަހަރުގެ ކޮޕާ ޑެލްރޭގައި 11-1 ބާސާ ބަލިކުރުމެވެ. ބާސާއިން ހޯދާފައިވާ އެންމެ ބޮޑު މޮޅަކީ 1913 ވަނަ އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި 7-0 އިން ރެއާލް ބަލިކުރުމެވެ. ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ގިނަ ކްލެސިކޯ ކުޅުނު ކުޅުންތެރިޔަކީ މެނުއެލް ސަންޗިސްއެވެ. އޭނާވަނީ 43 ކުޅުންތެރިޔެއްގެ ގޮތުގައި ރެއާލް ރަމްޒުކޮށްދީފައެވެ. ހަމައެހެންމެ 42 ކްލެސިކޯގައި ކުޅެ ބާސާއަށް އެންމެ ގިނަ ކްލެސިކޯގައި ކުޅެދިން ކުޅުންތެރިޔަކީ އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒްއެވެ.

 

ރޮނާލްޑޯ އަދި މެސީ - ރެއާލް އަދި ބާސާގެ އެންމެ މުހިންމު ދެ ކުޅުންތެރިން

ޖުމްލަ 33 ކުޅުންތެރިޔަކު މި ދެ ޓީމަށް ވެސް ކުޅެފައިވެއެވެ. އޭގެތެރޭގައި މައިކަލް ލޯޑްރޮޕްއާއި ލުއިސް ފީގޯއާއި ބްރެޒިލް ރޮނާލްޑޯއާއި ހަވިޔާ ސަވިއޯލާގެ އަދި ލުއިސް އެންރިކޭގެ އިތުރުން ސެމުއެލް އެޓޫ ހިމެނެއެވެ.

މި ދެ ޓީމަކީ ވެސް ސްޕެއިންގެ އެންމެ ކާމިޔާބު ދެ ޓީމަށްވާއިރު ކާމިޔާބު މިނެކިރަން ޖެހެނީ ޗެމްޕިއަންކަން ހޯދާފައިވާ މުބާރާތްތަކުންނެވެ. ސްޕެއިންގެ އެތެރޭގެ މުބާރާތްތަކާއި ޔޫރަޕް އަދި ދުނިޔޭގެ ފެންވަރުގެ 89 މުބާރާތެއް ރެއާލްއިން ކާމިޔާބުކޮށްފައިވެއެވެ. ބާސާއިން 90 މުބާރާތެއް ކާމިޔާބުކޮށްފައިވާއިރު މި ސީޒަން ނިމޭއިރު މި އަދަދުތަކަށް ބަދަލު އައުމަކީ ޔަގީންކަމެކެވެ.

އެލް ކްލެސިކޯގެ މަގްބޫލުކަން ދުނިޔޭގައި ބޮޑުވެފައިވަނީ މި ދެ ޓީމުގެ ސަބަބުންނެވެ. ސޯޝަލް މީޑިއާގައި އެންމެ މަގްބޫލު ދެ ޓީމަކީ ވެސް މި ދެ ޓީމެވެ. އެގޮތުން ފޭސްބުކްގައި ބާސާގެ ޕޭޖް 103.4 މިލިއަން މީހުން ލައިކް ކޮށްފައިވާއިރު ރެއާލްގެ ޕޭޖް 106.2 މިލިއަން މީހުން ލައިކް ކޮށްފައިވެއެވެ.

މި ދެ ޓީމުގެ 235 ކުރިމަތިލުމެއް މީގެކުރިން ފެނިފައިވާއިރު އޭގެ ތެރެއިން 95 މެޗުން މޮޅުވެފައިވަނީ ރެއާލް މެޑްރިޑްއެވެ. ބާސާ 91 މެޗުން މޮޅުވެފައިވާއިރު ބާކީ 49 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ރެއާލްގެ ސެންޓިއާގޯ ބާނެބައު ސްޓޭޑިއަމްގައެވެ.

- ކޮމެންޓް