ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ސައިންސާ ގުޅުން ހުރި މަޖައްލާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ނެޝެނަލް ޖިއޮގްރެފިކްގެ ފޯޓޯގްރާފަރު ޕައުލް ނިކްލެން އަދި އޭނާގެ ޓީމު މިއަހަރުގެ ހޫނު މޫސުމުގައި ޒިޔާރަތް ކުރީ ކެނެޑާގެ އެންމެ ބޮޑު ރަށް ކަމަށްވާ ބެފިން އައިލެންޑް އަށެވެ. މި ރަށަކީ އެކިއެކި ޖަނަވާރުތަކާއި ތަފާތު އެކި ޒާތްޒާތުގެ ދިރުންތައް ފެންނަ ރަށެކެވެ. މި ރަށުގެ ފިނި ހޫނުމިން ހުންނަނީ އާންމު ގޮތެއްގައި -9.5 ޑިގްރީ ސެލްސިއަސްގައެވެ. ކޮންމެއަކަސް ނިކްލެންއަށް މި ދަތުރު ވެގެންދިޔައީ ހިތްދަތި ދަތުރަކަށެވެ.
ނިކްލެންއަކީ ޕޯލާ ބެއާއަށް އައު މީހެއް ނޫނެވެ. އޭނާ އުޅެ ބޮޑުވި ކެނެޑާގެ އެންމެ އުތުރުގެ ސަރަހައްދަކީ އާންމު ގޮތެއްގައި ޕޯލާ ބެއާ ދިރިއުޅޭ ސަރަހައްދެކެވެ. ވައިލްޑްލައިފް ފޮޓޯގްރާފަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވަމުން އަންނަތާ 22 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި ދުވަސްތަކުގެ ތެރޭގައި އޭނާއަށް 3000 އަށްވުރެ ގިނަ ޕޯލާ ބެއާ ފެނިފައިވެއެވެ. އެހެން ނަމަވެސް މި ދަތުރުގައި އޭނާއަށް ފެނުނު ޕޯލާ ބެއާއަކީ އެހެން ހުރިހާ ޕޯލާ ބެއާއަކާ ތަފާތު ބެއާއެކެވެ.
މި ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގައި އެންމެ ގިނައިން ޝެއާ ކުރެވުނު ވީޑިއޯއަކީ ނިކްލެންއާއި އެނާގެ ޓީމުން ނަގާފައިވާ ޕޯލާ ބެއާއެއްގެ މަންޒަރުތަކެވެ. މި ވީޑިއޯ ނެގި ވަގުތަކީ އޭނާގެ ހަޔާތުގައި ވެސް އެންމެ ދެރަވި މަންޒަރު ކަމަށާއި އެވަގުތު ލޮލުން ކަރުނަ ފައިބަމުން ދިޔަ ކަމަށްވެސް ނިކްލެން ބުނެފައިވެއެވެ.
މި ވީޑިއޯއިން ފެންނަ ޕޯލާ ބެއާއަކީ ހިކި އަނަރޫފަވެފައިވާ ބެއާއެކެވެ. ކާނެ އެއްޗެއް ނުލިބުމުގެ ސަބަބުން ބަނޑުހައި ހޫނުކަމުގައި މަރާ ހަނގުރާމަ ކުރަމުންދާ އެއްޗެކެވެ. ރަނގަޅަކަށް ނުހިނގެއެވެ. ކާނާ ނުލިބުމުގެ ސަބަބުން ފައިގެ ވާގި ދޫވެފައިވާއިރު އޭނާގެ ގައިގައި ފިނިން ސަލަމާތްވުމަށް ލައްވާފައިވާ ކެހެރިތައް ވެސް ފެންނަން ނެތޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
ދެން ފެނުނީ މިއަށްވުރެ ހިތްދަތި މަންޒަރެކެވެ. ފިރުކިފަ ކަހަލަގޮތަކަށް އެ ސަރަހައްދުގެ ކައިރީގައި ހުރި ޑަސްބިނެއް ކައިރިއަށް އޭނާ ދިޔަ މަންޒަރެވެ. ކާ އެއްޗެއް ހޯދުމަށެވެ. އެހެން ނަމަވެސް ޑަސްބިނުންވެސް ކާނެ އެއްޗެއް ނުލިބިގެން އެންމެ ފަހުން ގޮތް ހުސްވެގެން އޭތި ބިންމައްޗަށް ވެއްޓޭ ތަނުން ވީޑިއޯ ނިމެއެވެ.
މި ވީޑިއޯއަށް ދުނިޔޭގެ ސަމާލުކަން ލިބެމުން އަންނައިރު އެތައް ބަޔަކު ދަނީ ނިކްލެންއާ ސުވާލުތައް ކުރަމަތި ކުރަމުންނެވެ. އޭނާ އެ ޕޯލާ ބެއާއަށް އެހީތެރިވެ ނުދީނީ ކީއްވެތޯ ސުވާލުކުރުމުން ނިކްލެން ބުނީ ކިތަންމެ ވަރަދެރަވެފައި އޮތަސް އިންސާނަކު އެފަދަ ޖަނަވާރަކާއި ކުރިމަތިލުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށެވެ. އެހެން ނޫނަސް ޕޯލާ ބެއާއަށް ކާން ދިނުމަކީ ކެނަޑާގައި މަނާކޮށްފަ އޮންނަ ކަމެއް ކަމަށްވެސް ނިކްލެން ބުނެފައިވެއެވެ.
ނިކްލެން ބުނީ އެނާގެ މަގްސަދަކަށްވީ ޕޯލާ ބެއާތައް ނެތިދާ ގޮތް ދުނިޔެއަށް ހާމަކޮށްދިނުން ކަމަށެވެ. މީހުންގެ ދުލުން ޕޯލާ ބެއާތައް ނެތިދާ ވާހަކަ ބުނުމަކީ ވަރަށް ފަސޭހަ ކަމަކަށްވާ ކަމަށާއި އެހެނަސް އޭގައި ހުރި އަސަރު އެނގޭނީ އެފަދަ މަންޒަރެއް ހަމަލޮލުން ފެނުމުން ކަމަށްވެސް ނިކްލެން ބުނެފައިވެއެވެ.
ޕޯލާ ބެއާއަކީ ދުނިޔޭގެ އުތުރު ތަނޑީގައި އުޅޭ ޖަނަވާރެކެވެ. އޭގެ ބަރުމިން 700 ކިލޯއާ ގާތްކުރާއިރު މިއީ ސާރިދޯޅުގެ އާއިލާގެ އެއްޗެކެވެ. ޕޯލާ ބެއާއެއްގެ ދިރިއުޅުމުގެ ބޮޑުބައި ވޭތުކުރަނީ ކަނޑުގައި ފްލޯޓްވަމުންދާ ގަނޑުފެންތަކުގެ މަތީގައެވެ. ޕޯލާ ބެއާގެ ކާނައަކީ ފިނި ސަރަހައްދުތަކުގައި އުޅޭ ޖަނަވާރެއް ކަމަށްވާ ސީލްއެވެ. ޕޯލާ ބެއާއެއް ގާތްގަނޑަކަށް ދުނިޔޭގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ވޭތުކުރެއެވެ.
މިފަދަ ދިރުންތައް ނެތެމުންދާ އެންމެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ދެ ތަނޑީގައިވާ ގަނޑުފެންތައް ވިރެމުން ދިޔުމެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ދިރުންތައް ދިރިއުޅޭ މާހައުލުތައް ދަނީ ހަލާކުވަމުންނެވެ. އާކްޓިކް ސަރަހައްދުގައި ދިރިއުޅޭ ޖަނަވާރެއްގެ ހައިސިއްޔަތުން ގަނޑުފެންތައް ވިރުމުން، އޭގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ޕޯލާ ބެއާއަށެވެ.
ވޯލްޑް ވައިލްޑްލައިފް ފަންޑް (ޑަބްލިއު ޑަބްލައު އެފް) އިން 2002 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ވިރެމުންދާ ގަނޑުފެންތަކުގެ ސަބަބުން ޕޯލާ ބެއާގެ ނަސްލު އެއްކޮށް ނެތިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. މި ރިޕޯޓުގައިވާ ގޮތުން ގަނޑުފެން މަދުވުމުގެ ސަބަބުން ބެއާތައް އެއްގަމަށް ހިޖުރަ ކުރާ ނިސްބަތް އިތުރު ވެފައިވެއެވެ. މިކަމުގެ ސަބަބުން ކާނާ ލިބުމުގައި ބެއާތަކަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވެސް މި ރިޕޯޓުގައިވެއެވެ.
މި ރިޕޯޓު ޝާއިއުކުރިތާ 15 އަހަރު ފަހުން މިއަދު އާކިޓިކް ސަރަހައްދުގެ ހާލަތު ވަނީ މާ ބޮޑަށް ގޯސް ވެފައެވެ. އެ ސަރަހައްދުގައި ގަނޑުފެން ހުންނަ މިންވަރު އަހަރަކަށްވުރެ އަހަރެއް އަންނަނީ ދަށް ވަމުންނެވެ. މިކަމުގެ ސަބަބުން ހަމައެކަނި ނެތެމުންދަނީ ޕޯލާ ބެއާތަކުގެ ނަސްލެއް ވެސް ނޫނެވެ. އެހެނިހެން ދިރުންތައް ވެސް ނެތިގެންދާނެ ކަމުގެ ބިރާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.
ދުނިޔެ ހޫނުވަމުންދާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ދުނިޔޭގެ ދެ ތަނޑީގައިވާ ގަނޑުފެންތައް ވިރި އެ ތަންތަނުގައިވާ ދިރުންތައް ނެތެމުންދާ ވާހަކައަކީ އެންމެނަށް ވެސް އެނގޭ ތެދު ހަގީގަތެކެވެ. ޖައްވަށް ދޫކުރަމުންދާ ވިހަ ގޭސްތައް މަދުކުރުމަށް ގޮވާލުމަކީ އަބަދުވެސް އިވެމުންދާ އަޑުތަކެކެވެ. އެހެން ނަމަވެސް މިފަދަ އަޑުތަކަށް އަޅުގަނޑުމެން އިންސާނުން ދެނީ ބީރު ކަންފަތެކެވެ. ދިރުންތައް ނެތެމުންދާއިރު ފަރުވާލެއް ނެތި އަޅުގަނޑުމެން އިސްކުރަނީ ވަގުތީ ފައިދާއެވެ.