ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 16:05
އިބްރާހިމް ނާހިދު މަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެއް
އިބްރާހިމް ނާހިދު މަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެއް
ފޭސްބުކް
ނާހިދުގެ މަރު
ނާހިދުގެ މަރުގެ ހަގީގަތާއި އާއިލާގެ އެދުން
ނާހިދަކީ ރައީސް ނަޝީދުގެ ހަގީގީ ސަޕޯޓަރެއް، ފެތުމުގައި ބައިވެރިވީ އަމިއްލަ އަށް ބޭނުންވެގެން
 ނާހިދު މަރުވީ ހާޓް އޭޓޭކެއް ޖެހިގެން
ނާހިދު މަރުވިއިރު އަންބަކާއި ކުޑަ ދެ ކުދިން އެބަ ތިބި

މިދިޔަ ހުކުރު ދުވަހު ފ.ބިލެއްދޫ އިން މަގޫދޫ އަށް ފަތާފައި ދާން އުޅުނު މީހަކު މަރުވި ހަބަރަކީ ގިނަ ބަޔަކަށް ކުއްލި ހައިރާންކަން ލިބުނު ހަބަރެކެވެ. އަދި އޭގެ ހަގީގަތް ނޭނގިތިބެ ނުވަތަ ގަސްތުގައި ބައެއް މީހުން އެ މަރުގެ ވާހަކަ "ސިޔާސީ ކޮށްލަން" މަސައްކަތްކުރި އެވެ. ސަބަބަކީ އޭނާގެ މަރުވުމުގެ ކުރިން ބައިވެރިވި ހަރަކާތަކަކީ ބިލެތްދޫގެ އެމްޑީޕީ ބަޔަކު އިސްނަގައިގެން ހިންގި ހަރަކާތަކަށްވުމެވެ. ނަމަވެސް ފ.ބިލެތްދޫ، ސާމަރާމަންޒިލް، 37 އިބްރާހިމް ނާހިދު ގެ މަރުގެ ހަގީގަތަކީ މިއީ އެވެ.

ނާހިދަކީ ރައީސް ނަޝީދުގެ ހަގީގީ ސަޕޯޓަރެއް، ފެތުމުގައި ކޮންމެހެންވެސް ބައިވެރިވާނެ ކަމަށްބުނި

މި މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު ނާހިދު ގެއިން ނިކުތީ އެރަށުގެ އެމްޑީޕީ ޒުވާނުން ކުރިން ރާވާފައިވާ ގޮތަށް މަގޫދޫގައި އެރޭ އޮންނަ ޖަލްސާއަށް ކަނޑުމަގުން ފަތާފައި ދިއުމުގެ ހަރަކާތުގައި ބައިވެރިވުމަށެވެ. އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެ އިންތިހާއަށް ލޯބިވާ "ހަގީގީ ސަޕޯޓަރެކެވެ. އެކަން އެނގެނީ ނާހިދު އާއިލާ ގޮވައިގެން މާލެ ގޮސް ހުރުމަށް ފަހު ބުރާސްފަތި ދުވަހު ކޮންމެހެންވެސް ރަރަށް ދިޔައީ "ރައީސް ނަޝީދު 2018" ޖަހާފައިވާ ޓީޝާޓާއެކު މޫދުގައި ފަތާފައި ދިއުމުގެ ހަރަކާތުގައި ބައިވެރިވާން ވެގެންނެވެ. އޭނާ އެވާހަކަ ބައެއް މީހުން ގާތުވެސް ބުނެފައިވާ ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެ އެވެ. ބިލެތްދޫގައި ހިންގާ އެމްޑީޕީގެ ކޮންމެ ހަރަކާތެއްގައި އޭނާ މީގެ ކުރިން ބައިވެރިވެފައިވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެނެއް ނޫނެވެ. ނާހިދު ފެތުމުގައި ބައިވެރިވުމުގެ ކުރިން ސިއްހީ ހާލު އެހާ ރަނގަޅު ނޫން ކަމުގެ އިހްސާސް ކުރެވި" މިއަދު އެހާ ރަނގަޅެއްވެސް ނޫން"ކަމަށް މީހެއް ގާތު ބުނެފައިވެ އެވެ. ނަމަވެސް އެކަން އިތުރު މީހުންތަކެއް ކައިރި ބުނެފައިނުވެ އެވެ. ނަމަވެސް ފެތުމަށް އޭނާ ބައިވެރިވުމަށް ނިންމުމުން އެކަމާ ދެކޮޅަށް ދެން އެހެން މީހަކު ވާހަކައެއް ނުދައްކަ އެވެ. އޭނާ އަކީ ފީނުމުގައި އެތައް ދުވަހެއް ވަންދެން މަސައްކަތްކުރި މީހަކަށްވާތީ އޭނާއަށް މޫދުގައި ނޫޅޭވޭނެވަރުވަންޏާ ފަތަން ނުދާނެ ކަމަށް އެހެން މީހުން ގަބޫލުކުރި އެވެ. ނަމަވެސް އޭނާ ދިއުމަށް ނިންމާ މޫދަށް އެރުނީ އޭނާ ހުރި އަމިއްލަ ޝައުގުވެރިކަމުގަ އެވެ.

 

ނާހިދުއާ އިތުރު ބައިވެރިން ފަތާފައި މަގޫދޫއަށް ދިއުމަށްޓަކައި ބިލެއްދޫ ފަޅުތެރެއަށް ފުންމާލި ވަގުތު ނަގާފައިވާ ފޮޓޯއެއް

 ނާހިދު މަރުވީ ހާޓް އެޓޭކެއް ޖެހިގެން

މި ހަރަކާތުގައި ބައިވެރި މީހުންގެ ތެރެއިން މޫދަށް ފުންމާލުމުގެ ކުރިން އެ ހަރަކާތާ ގުޅޭ ގޮތުން ރާއްޖެޓީވީއާ ވާހަކަ ދައްކަން ނާހިދު ކެމެރާ ކުރިމައްޗަށް އައެވެ. ނަމަވެސް ސީދާ 2:30 ގައި އެ ހަރަކާތް ފެށުމަށް އެއް ބަޔަކު ބޭނުންވާތީ އިތުރު ވަގުތު އޭރު ނެތުމުން އޭނާއަށް ވެސް ޖެހުނީ ވާހަކަ ނުދައްކާ އަނބުރާލާފަ ގޮސް މޫދަށް ފުންމާލާށެވެ. ފަތާފައިދިއުމަށް ބައިވެރިން މޫދަށް ފުންމާލުމާއެކު އެމީހުންގެ އެހީތެރިކަމަށް ދެ ދޯންޏެއް ދެ ފަރާތުން ދުއްވަމުން ދިޔަ އެވެ. އަދި އެމީހުންގެ އެ ހަރަކާތް ބެލުމަށްޓަކައި އެމްޑީޕީގެ އިސްވެރިން ހިމެނޭ ލޯންޗެއް އެމީހުންނާ ކައިރިން ދުއްވަމުން ދިޔަ އެވެ. ބައިވެރިން މޫދަށް ފުންމާލިތާ ގާތްގަނޑަކަށް 15 ވަރަށް މިނެޓްފަހުން ނާހިދު އެ ލޯންޗަށް ނެގީ އޭނާއަށް އުނދަގޫތަކެއްވަނީ ކަމަށް ބުނުމުންނެވެ. އަދި އޭނާގެ މެޔައް އެރި ތަދާއެކު އޭނާ ލޯންޗަށް ނަގާ އޭނާ ރަށަށް ގެންދިއުމަށް މަސައްކަތްކުރި އެވެ. ނަމަވެސް ނާހިދު ބޭނުންވީ އޭނާގެ ވޮލެޓާއި އަންނައުނު އޮތް ދޯންޏަށް ގޮސް އެއްޗި ބަދަލުކުރާށެވެ. އެ ދޯންޏަކީ ވެސް އެވަގުތު އެ ފެތުމުގައި ބައިވެރިވާ މީހުންނާއެކު ދިޔަ ދޯންޏެކެވެ. އޭނާ ދޯންޏަށް ގެންދިޔަ ފަހުން އަނެއްކާވެސް އޭނާގެ ހާލަތު ސީރިއަސްވެ ލޯންޗުގައި އަނބުރާ ރަށަށް ގެންގޮސް އެރަށު ހެލްތް ސެންޓަރަށް ގެންދިޔައީ އެވެ. އޭނާ ހެލްތް ސެންޓަރަށް ގެންދިޔަ ފަހުން އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރު ވަނީ ނިންމާފަ އެވެ. އެކަން ނާހިދުގެ މަރު ފޯމުގައި ވެސް ބުނެފައިވެ އެވެ. ރާއްޖެއެމްވީއަށް ލިބިފައިވާ އެ ފޯމުގައިވާ ގޮތުން ނާހިދުގެ ހާޓް އެޓޭކެއް ޖެހުނުތާ އެއްގަޑިއިރާ ތިރީސް މިނެޓްފަހުން މަރުވީ އެދުވަހުގެ ހަވީރު 4.30 ގައި އެވެ. އެހެން ކަމުން އޭނާގެ މަރުވީ ގިނަ އިރު ފަތަން ޖެހުމުން ވަރުބަލިވެގެން ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫނެވެ. އޭނާ ފެތީ ކުޑަ އިރުކޮޅަކަށެވެ.  

 

ނާހިދު މަހަށް ގޮސްއުޅުނުިއިރު ދޯނިތެރޭގައި މަހެއް ނައިގެން 

ނާހިދު މަރުވިއިރު އަންބަކާއި ކުޑަ ދެ ކުދިން އެބަ ތިބި

ނާހިދު އަކީ ފާނައިގެ މަސްވެރިކަން ކުރަމުންދިޔަ އެތައް ދުވަހެއް ވަންދެން މޫދުގައި އުޅުނު މީހެކެވެ. ގިނަ އިރުތަކެއް ވަންދެން މޫދުގައި އުޅުމުގެ ބުންވަރު އޭނާގެ ގައިގަ ހުރިކަން އޭނާއާއެކެ މަސައްކަތްކުރި މީހުން ހެކިދެ އެވެ. ނާހިދު އަކީ ދެ ކުދިންގެ ބައްޕަ އެކެވެ. އޭނާ ދުނިޔެ ދޫކުރިއިރު އޭނާ އަންބަކު އިނެވެ. 12 އަހަރުގެ އަނޫފު އިބްރާހިމާއި 8 އަހަރުގެ ސައުފު އިބްރާހިމަކީ، އިބްރާހިމް ނާހިދުގެ ދެ ދަރިންނެވެ.

 

ރާއްޖެޓީވީގެ ރިޕޯޓަރ މުރުޝިދުއާއެކު ނާހިދުގެ ކުޑަ ދެ ކުދިން:- ނާހިދު މަރުވިއިރު ދެ ކުދިންނާއި އަންބަކު ހުރި

އާއިލާގެ އެދެނީ ސިޔާސީ ބޭނުމަށް ނާހިދުގެ މަރު ބޭނުން ނުކުރަން 

ނާހިދުގެ މަރުގެ ހަބަރާއެކު އެމްޑީޕީއާ ދެކޮޅު ފަރާތްތަކުން ސިޔާސީ އެކި ވާހަކަތައް ދެއްކި ކަމަށް އާއިލާއިން ބުނެ އެވެ. ނާހިދު މަރުވީ އެމްޑީޕީން އެމީހުން ލައްވާ ކުރުވި ކަމަކުން ކަމަށް ބުނެ ވާހަކަ ދައްކާތީ އާއިލާ އިން ކަންބޮޑުވެ އެވެ.

ނާހިދުގެ މަރަށްފަހު އޭނާގެ މަންމަ ނާހިދުއާ ގުޅޭ ގޮތުން ބައެއްް ވާހަކަ ހިއްސާ ކުރި:- އާއިލާ އެދެނީ އެ މަރުގެ ހަގީގަތް އޮޅޭ ގޮތައް ވާހަކަ ނުދައްކަން

ނާހިދުގެ މަންމަ ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ދަރިފުޅުގެ މަރާ ގުޅޭ ގޮތުން ސިޔާސީ ކޮށްގެން ދައްކާ ވާހަކަ ހުއްޓާލަން އެދޭ ކަމަށެވެ. ދެން އެދެނީ ނާހިދުގެ ކުޑަ ދެ ކުދިންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ. އެ ދެ ކުދިންގެ މުސްތަގުބަލަށްޓަކައި ނިކަމެތި އެ އާއިލާއަށް އެހެން މީހުންގެ އެހީތެރިކަން ބޭނުވެ އެވެ. ކިތަންމެ ކުޑަ ފައިސާގެ އެހީތެރިކަމެއް ދިން ނަމަވެސް ނާހިދުގެ ހުވަފަތް އަނބިމީހާއާއި އެ ދެކުދިންނަށް ވެވޭ އެއީ ބޮޑު އެހީއެކެވެ. ނާހިދުގެ މަންމަގެ އާދޭހަކީވެސް އަދި އެދުމަކީވެސް  ނާހިދުގެ ދެ ކުދިނަށް ދީލަތި އެހީތެރިކަމެއްވެދިނުމެވެ.  

ނާހިދު މަރުވުމުން މަގޫދޫ ޖަލްސާއަށް ބިލެއްދޫން އިން

މަގޫދޫގައި ބޭއްވި ޖަލްސާއަށް ދިއުމަށް ބިލެއްދޫގެ ފަޅު ތެރޭގައި ބައެއް ދޯނިތައް ތައްޔާރުކޮށްފައި:- ނާހިދުގެ މަރާއެކު ބިލެއްދޫން އިނމް ޖަލްސާއަކަށް މީހުން ނުދޭ

ނާހިދުގެ މަރާއެކު ބިލެއްދޫ ރޮއްވާލި އެވެ. މަގޫދޫގައި އޮންނަ ޖަލްސާއަށް ދިއުމަށްޓަކައި މާކުރިން ސުރެ ދިދަ ދަމާ ތައްޔާރުކޮށްފައި އޮތް ތިން ދޯނި ކުރެ އެއްވެސް ދޯންޏެއް އެރޭ ނުދެ އެވެ. އަދި އެމްޑީޕީގެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި އިސް އެހެން ބޭފުޅުން ވަނީ އެރޭ ޖަލްސާއަށް ދިއުމުގެ ބަދަލުގައި ނާހިދުގެ ޖަނާޒާގައި ބައިވެރވިވެފަ އެވެ. އެހެން ކަމުން ނާހިދުގެ މަރާއެކު ވެސް ބިލެއްދޫން ޖަލްސާއަށް މީހުން ދިޔަ ކަމަށް ދެކެވޭ ވާހަކައަކީ ވެސް ހަގީގަތާ ހިލާފު ވާހަކަ އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް