ބަޖެޓުގެ އާމްދަނީގެ ގޮތުގައި ސަރުކާރަށް މިއަހަރު ލިބިފައި ވަނީ 20.8 ބިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް މިދިޔަ އަހަރު ފޯކާސްޓް ކުރި ބަޖެޓްގައި އާމްދަނީ ލިބޭނެ ކަަމަށް ކަނޑައަޅާފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. މިއީ ލަފާ ކުރި މިންވަަރަށް ވުރެ 1.1 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ސަރުކާރުން މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް މުހިއްމު ގިނަ ކަންތައްތަކެއް ހިމަނާފައިވާ އިރު ހާސިލް ކުރަން ކަނޑައަޅާފައިވާ މިންވަރަށް އާމްދަނީ ލިބިފައި ނުވާ ކަމަށް އިދިކޮޅު ސިޔާސީ ލީޑަރުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. މިއަހަރު ލިބުނު އާމްދަނީއާ ގާތަށް ވެސް އާމްދަނީ ނުލިބޭނެ ކަމަށް އެފަދަ ފަރާތްތަކުން ބުނަމުންދެ އެވެ.
ސަރުކާރަށް ލިބުނު އާމްދަނީ ބެހިފައިވާ ގޮތްތަކަށް ބަލާ އިރު ސަރުކާރު ކުންފުނިތަކުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1.6 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް މިއަހަރުގެ ނިޔަލަށް ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ. މީގެ މާނައަކީ ލަފާކުރި އަދަދުގެ ތެރެއިން ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ނުލިބޭ ކަމެވެ.
ސަރުކާރު ކުންފުނިތަކުން ލިބުނު ފައިދާތައް ބެހިފައިވާ ގޮތަށް ބަލާ އިރު، އައިލެންޑް އޭވިއޭޝަނުން ފައިދާގެ ގޮތުގައި ލިބިފައި ވަނީ 88 މިލިއަން ރުފިޔާ އެވެ. މިއީ ލަފާކުރި ފައިދާ އަށް ވުރެ 54 މިލިއަން ރުފިޔާ ބޮޑު އަދަދެކެވެ. އެމްއެމްއޭގެ ފައިދާގެ ގޮތުގައި 90 މިލިއަން ލިބޭނެ ކަމަށް ފަލާކޮށްފައިވީ ނަމަވެސް ލިބިފައި ވަނީ 67 މިލިއަން ރުފިޔާ އެވެ. މިއީ ލަފާކުރި މިންވަރަށް ވުރެ 37 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފައިދާގެ ގޮތުގައި 229 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ލިބުނީ އެންމެ 44 މިލިއަން ރުފިޔާ އެވެ. މިއީ 185 މިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.
މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ފައިދާގެ ގޮތުގައި 96 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު އެއަށް ވުރެ ބޮޑު އަދަދެއް ފައިދާގެ ގޮތުގައި ވަނީ ލިބިފަ އެވެ. އެގޮތުން 119 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ފައިދާގެ ގޮތުގައި 561 މިލިއަން ލިބޭނެ ކަަމަށް ލަފާ ކުރި ނަމަވެސް މިއަހަރު އެކުންފުންޏަށް ލިބުނު ފައިދާގެ ގޮތުގައި އެއްވެސް އަދަދެއް ސަރުކާރުގެ އާމްދަނީގެ ގޮތުގައި ހިމަނާފައެއް ނުވެ އެވެ. މިފާއިތުވެދިޔަ ތިން އަހަރު ވެސް އެކުންފުންޏަށް ލިބުނު ފައިދާ ސަރުކާރުގެ އާމްދަނީގައި ހިމަނާފައެއް ނުވެއެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި 201 މިލިއަން ރުފިޔާ އެއަރޕޯޓްސް ކުންފުނިން ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
މީގެ އިތުރަށް މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ އާމްދަނީގެ ގޮތުގައި 49 މިލިއަން ރުފިޔާ ލިބިފައިވާ އިރު ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑުން 458 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ މިއަހަރު ކުންފުންޏަކުން ފައިދާގެ ގޮތުގައި ސަރުކާރަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.
ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން 71 މިލިއަން ލިބޭނެ ކަަމަށް ލަފާކޮށްފައިވީ ނަމަވެސް އެ ކުންފުނިން ލިބިފައި ވަނީ 64 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރަށް ބޭންކް އޮފް މޯލްޑިވްސް އިން ލަފާކުރި މިންވަރު ކަމުގައިވާ 62 މިލިއަން ރުފިޔާ ލިބިފައިވާ އިރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ލިބިފައި ވަނީ ލަފާކުރި މިންވަރުގެ ދެބައިކުޅަ އެއްބަ އެވެ. އެއީ ހަތް މިލިއަން ރުފިޔާ އެވެ.
މާލޭ ވޯޓާ އެންޑް ސްވެރޭޖު ކުންފުނި (އެމްޑަބްލިއުއެސްސީ) އިން 101 މިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އެކުންފުނިން ފައިދާގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ 30 މިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ ކުންފުނިތަކުން ސަރުކާރަށް ލިބުނު ފައިދާއަށް ބަލާ އިރު ގިނަ ކުންފުނިތަކުން ލަފާކުރި އާމްދަނީ ލިބިފައެއް ނުވެ އެވެ.
ކުންފުނިތަކުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އެންމެ އެދެވޭ ގޮތެއްގައި ހާސިލު ނުވި ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ 2016 ވަނަ އަހަރަށް ވުރެ މިއަހަރު ކުންފުނިތަކުން ލިބުނު ފައިދާ ބޮޑު ކަމެވެ. އެގޮތުން 2016 ވަނަ އަހަރު ސަރުކާރުގެ ވިޔަފާރީގެ ފައިދާއިން ލިބިފައި ވަނީ 546 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރު އެ އަދަދު ވަނީ 1.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.