ދިވެހި ފުޓުބޯޅަ އައު ހަރުފަތަކަށް ގޮސް، ބައިނަލްއަގުވާމީ ފުޓުބޯޅައިގެ މައިދާނުގައި ފައިތިލަ ސާބިތުކުރެވުނު ކަމަށް ދިވެހިންނަށް ގަބޫލުކުރެވުނު ދުވަހަކީ 2008 ވަނަ އަހަރު ސްރީލަންކާގެ ފަސްގަނޑުގައި ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި ދުވަހެވެ.
އެއާއިއެކު ދިވެހި ފުޓުބޯޅައާއިމެދު ދިވެހިން ކުރަމުންދިޔަ އުއްމީދުތައް އިތުރުވެގެންދިޔައެވެ. އެގޮތުން ރާއްޖެއަށް ސަރަހައްދީ ބޮޑެތި ގައުމުތައް ބަލިކުރެވިދާނެކަމާއި، ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަށް ސަރަހައްދީ ބޮޑެތި ކްލަބްތަކަށް ކުޅެވޭނެކަން ދިވެހިންނަށް ގަބޫލުކުރެވިގެންދިޔައެވެ. ދިވެހިންގެ އެ ހުވަފެންތައް ހަގީގަތަކަށް ވާނެކަމުގެ މަލަމަތިވެސް ފެނިގެންދިޔައެވެ.
ސަބަބަކީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދި ފަހުން، ރާއްޖޭގެ މިހާރުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ކްލަބަކަށް ކުޅެ، އެ ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ، މެލޭޝިއާގެ ފުޓުބޯޅައިގައި މަޝްހޫރުކަން ހޯދާ، އެ ގައުމުގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ހޯދުމެވެ. އަދި އޭޝިއާގެ އެންމެ މޮޅު 10 ސްޓްރައިކަރުންގެ ތެރޭގައިވެސް ދަގަނޑޭ ހިމެނިގެންދިޔުމަކީ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފަކަށްވެގެންދިޔައެވެ. ހަމައެހެންމެ މުހައްމަދު އާރިފް (ބަކާ) މިޔަންމާ ލީގަކަށް ކުޅެ ކާމިޔާބީތައް ހޯދަމުންދިޔައިރު، ޔޫރަޕްގެ ކްލަބަކަށް އިބްރާހިމް ފަޒީލް (އޮއްޕޮ) ކުޅެ ލަނޑުތައް ކާމިޔާބުކުރުންވެސް ވެގެންދިޔައީ ދިވެހި ފުޓުބޯޅައަށް ދިވެހިން ކުރާ އުންމީދުތައް އިތުރުވެގެންދިޔަ ކަމަކަށެވެ.
ނަމަވެސް މަންޒަރު މުޅިން ބަދަލުވެއްޖެއެވެ. ދިވެހި ގައުމީ ފުޓުބޯޅަ ޓީމާއި ވާދަކޮށް ލަދުވެތި ނަތީޖާތަކަކުން ބަލިވެގެންދިޔަ ސަރަހައްދީ ޓީމުތައް ދަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ. އެގޮތުން އިންޑިއާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް ފަދަ ޓީމުތަކުން ރާއްޖެއާއި ވާދަކޮށް، ނާކާމިޔާބުވެގެން ދަނޑުން ފޭބި ނަމަވެސް، އޭރުވެސް އެމީހުން ދިޔައީ ދުރު ރާސްތާ ޕްލޭންތައް ހަދައި ޒުވާން ޓީމުތައް ވަރުގަދަ ކުރަމުންނެވެ. އޭގެ ނަތީޖާއަކަށްވެގެންދިޔައީ އެޓީމުތަކުން ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ނަތީޖާތައް ހޯދުމުވެ. އެގޮތުން ސްރީލަންކާގެ ސީނިއާ ޓީމު ބަލިކޮށް، ވޯލްޑްކަޕް ކޮލިފައިންގައި ފުރަތަމަ ފަހަރަށް ބޫޓާން ޕްރިމިނަރީ ބުރު ފަހަނައަޅައިދިޔުމާއި، ނޭޕާލުން 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަކީ ސަރަހައްދީ ޓީމުތައް ކުރިއަރަމުންދާކަމުގެ ހެއްކެކެވެ.
ނަމަވެސް ރާއްޖޭ ޒުވާން ފުޓުބޯޅަ ޓީމުތަކުން ފެށިގެން ސީނިއަރ ޓީމުވެސް ދަނީ މިދެންނެވުނު ޓީމުތަކާއި ވާދަކޮށް ލަދުވެތި ނަތީޖާތަކުން ބަލިވަމުންނެވެ. އެގޮތުން ރާއްޖޭގެ ސީނިއަރ ޓީމުވެސް އަދި ޖޫނިއާ ޓީމެއްވެސް މީގެކުރިން ބޫޓާން އާއި ވާދަކޮށް ބަލިވެފައިނުވާއިރު، މި އަހަރު، ރާއްޖޭގެ 19 އަހަރުންދަށުގެ ޓީމު ވަނީ ބޫޓާން އަތުން ފުރަތަމަ ފަހަރަށް ބަލިވެފައެވެ.
މި އަހަރު ރާއްޖޭގެ ޖޫނިއާ ޓީމުތައް ވާދަކުރި ހުރިހާ މުބާރާތްތަކުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާއިރު، ވާދަކުރަން ދިމާކުރި އެންމެ މުބާރާތަކަށްވެސް ކޮލިފައިވެފައެއްނުވެއެވެ. ހަމައެފަދައިން ސީނިއަރ ޓީމުވެސް ވާދަކުރި މުބާރާތަކާ އަލްވަދާއުކީއިރު، ކުޅުނު ގިނަ މެޗުތަކުން ބަލިވީ ލަދުވެތި ނަތީޖާތަކާއެކުގައެވެ.
އެގޮތުން ވޭތުވެދިޔަ 15 އަހަރު ތެރޭ ރާއްޖޭގެ ސީނިއަރ ޓީމު ބަލިނުވާފަދަ ލަދުވެތި ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ފަލަސްތީން އަތުން 1-8 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވި ނަމަވެސް، ރާއްޖެއިން މީގެ ކުރިން ވަނީ ދިވެހި ފަސްގަނޑުގައި ފަލަސްތީނާއި ވާދަކޮށް އެއްވަރުވެފައެވެ. މި ލަދުވެތި ނަތީޖާއާއެކު އޭޝިއަން ކަޕް ކޮލިފައިންއާއި ރާއްޖެ އަލްވަދާއުކިޔަން ޖެހުނުއިރު، ރާއްޖެއާއި ވާދަވެރި އިންޑިއާ ވަނީ އޭޝިއަން ކަޕްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެންމެ ފަހުން ރާއްޖެ ބޮޑު ތަފާތަކުން ބަލިވީ 2001 ވަނަ އަހަރެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލާލުމުގެ ހަތް އަހަރު ކުރިންނެވެ. އެފަހަރު ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާ އަތުން ރަށުން ބޭރުގައި ބަލިވީ 1-10 ގެ ނަތީޖާއަކުންނެވެ.
މިފަދަ ދަށް ނަތީޖާތަކާ ރާއްޖޭގެ ޓީމުތައް ކުރިމަތިލާންޖެހިފައިވާ މައިގަނޑު ސަބަބަކީ މުބާރާތްތަކަށް ދުރާލާ ތައްޔާރުނުވުމާއި، ރަހްމަތްތެރިކަމުގެ މެޗުތައް ނުކުޅުމާއި، ގައުމީ ޓީމުގެ ފަރިތަކުރުންތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދިޔުމެވެ. ހަމައެހެންމެ ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމުގައި ދިވެހި ފުޓުބޯޅައިގެ ތަޖުރިބާކާރު ކޯޗުންނާއި މަޝްވަރާ ނުކުރުމާއި، ކްލަބްތަކުގެ ފަރިތަކުރުންތައް ކުރިޔަށްދާއިރު އެ ފަރިތަކުރުންތައް ބެލުމަށް ގައުމީ ކޯޗު ނުދިއުން މިއީ ޓީމު އެކުލަވާލުމުގައި ސުވާލު އުފެދޭ ކަންކަމެވެ.
ހަމައެހެންމެ ގައުމީ ޓީމުތަކަށް ކުޅުންތެރިން ހޮވުމުގައި ޤައުމީ ކޯޗު ވަކި ބައެއްގެ ނުފޫޒުގެ ދަށުވެފައިވާކަމަށް ފުޓުބޯޅައިގައި އުޅޭ ފަރާތްތަކުން ބުނެއެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ކުޅުންތެރިންގެ އަހުލާގީ ފެންވަރު ރަނގަޅު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާކަމެވެ. ބައިނަލްއަގުވާމީ ބައެއް މެޗުތަކުގެ އިންޓަވަލް ވަގުތުގައި ދުންފަތުގެ އިސްތިއުމާލުކޮށް، އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ކަންކަން ކުޅުންތެރިން ހިންގަމުންދާއިރު މިކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.
ދިވެހި ފުޓޫބޯޅައިގެ ހާލަތު މިހިސާބަށް ދިޔައިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ 'ހިރުވާތަން ކަހާލަންވެސް' ހިތަކަށް ނާރައެވެ. މިކަންކަމާ ގުޅިގެން މިހާތަނަށްވެސް ބައްސާމް ހުންނަވާފައިވަނީ ހަނެވެ.
ދިވެހި ފުޓުބޯޅަ މިހާ ދަށު ދަރަޖައަކަށް ވެއްޓިގެންދިޔައިރު، ސަރުކާރުން ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް ބޮޑެތި ހޭދަތައް ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަން އަދި ދެވަނަ ޑިވިޝަންގެ ގިނަ ކްލަބްތައް ސްޕޮންސާ ކުރުމާއި، ޓީމުތަކަށް ފައިސާ ލިބޭނެ ދޮރުތަކެއް ހުޅުވައިދީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދެވޭނެ މަގުތައް ތަނަވަސްކޮށްދީފައިވާކަން ސާބަހާއިއެކު ފާހަގަކޮށްލަންޖެހެއެވެ.
ނަމަވެސް އެފްއޭއެމްގެ އާ ލީޑާޝިޕުން، ހާއްސަކޮށް އެފްއޭއެމްގެ ރައީސް ބައްސާމް މިކަންކަން އެންމެ އެދެވޭގޮތެއްގައި ބައްލަވަމުންނުގެންދަވާކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ކުންފުނިތަކުން ޓީމުތައް ހިންގުމަށް ދޭ ފައިސާ ހަރަދުކުރަމުންދާ ގޮތާއި، ޓީމުތަކުން ޤަވާއިދުން ކުޅުންތެރިންނަށް މުސާރަދެމުންދޭތޯ އެފްއޭއެމްގެ އާ ލީޑާޝިޕަށް ބެލިފައެއް ނުވެއެވެ.
މަޤާމާއި ހަވާލުވެވަޑައިގެންނެވިއިރު، ބައްސާމްގެ ވައުދަކަށްވީ ގައުމީ ޓީމަށް ގިނަ ރަހްމަތްތެރިކަމުގެ މެޗުތައް ކުޅޭނެ ފުރުސަތުތައް ހޯދައިދީ، ފުޓުބޯޅައިގެ ދުރު ރާސްތާ ޕްލޭނެއް ޤާއިމްކޮށް، ދަނޑަށް ސަޕޯޓަރުން ވެއްދުން އިތުރުކޮށް، ބައިނަލްއަގުވާމީ ފުޓުބޯޅާގައި ރަންވަނަތައް ހޯދައިދިނުމެވެ.
މިދެންނެވި އުސޫލުން އެފްއޭއެމްގެ ތެރެއިން ފުޓުބޯޅަ ކުރިއެރުވުމަށް މަގުފައިކޮށްދޭނެކަމަށް ބައްސާމް ވިދާޅުވެފައިވާއިރު، އޭގެ ތެރެއިން ގިނަ ކަންކަން އަދި ހާސިލުވެފައެއް ނުވެއެވެ. ބަދަލުގައި މިއަދު ފެންނަ މަންޒަރަކީ އެފްއޭއެމް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތައް ހިންގާ މަންޒަރެވެ.
ފީފާއަށް ސަރުކާރުން ދޫކޮށްފައިވާ ބިމުގައި އެފްއޭއެމްގެ ނަމުގައި ހަދާފައިވާ އިމާރާތުގައި މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމްގެ ކެމްޕޭން އޮފީހެއް ހަދާފައެވެ. ފަހަރުގައި މިއީ ދިވެހި ފުޓުބޯޅަ އައު ހަރުފަތަކަށް ގެންދިއުމަށް ބައްސާމް އެކުލަވައިލެއްވި ދުރު ރާސްތާ ޕްލޭނުގެ އެއް ބައިކަމަށް ވެދާނެއެވެ. އެހެނީ ބައްސާމްގެ ރުހުމެއް ނެތި އެފްއޭއެމް އިދާރާ ތެރޭގައި ސިޔާސީ ޕާޓީއަކަށް ހަރަކާތްތައް ހިންގުމަކީ ވާނޭކަމެއް ނޫނެވެ.
އެފްއޭއެމްގެ އައު ލީޑާޝިޕް އިންތިހާބުވީވެސް ސިޔާސީ މީހުންނާއެކުގައެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެފްއޭއެމްގެ އިދާރާ ތެރެއަށް ވަދެފައިވާ ސިޔާސީ ނުފޫޒާއެކު ފުޓުބޯޅަ އިތުރު ހަރުފަތަކަށް ނުގެންދެވޭނެކަމެވެ. ފެންނަން އޮތް ހަޤީޤަތަކީ ސިޔާސީ ނުފޫޒު ވަދެފައިވާ އެއްވެސް ކުޅިވަރެއް މި ރާއްޖޭގައި ކުރިއަރާފައިނުވާކަމެވެ. ހަމައެހެންމެ ބައްސާމްގެ އައު ލީޑާޝިޕްގެ ދަށުން މިހާތަނަށް ދިވެހި ޓީމުތަކުން ހޯދާފައިވާ ނަތީޖާތަކަށް ބަލާއިރު، ބައްސާމަށް ދިވެހި ފުޓުބޯޅަ ކުރިއެރުވިދާނެކަމަށް ގަބޫލު ކުރުމަކީ ދަތިކަމެކެވެ.
ދިވެހި ފުޓުބޯޅަ މިހާރު އޮތް ހާލަތުން ސަލާމަތްކޮށް، ދިވެހި ފުޓުބޯޅަ އައު ހަރުފަތަކަށް ގެންދިޔުމަށް އެފްއޭއެމްގެ ސިޔާސީ ލީޑާޝިޕް ބަދަލުކޮށް، އެފްއޭއެމްގެ ތެރޭގައި ސިޔާސީ ކަންކަން ހިންގުން ނިންމުމަކަށް ގެންނަންޖެހެއެވެ. އަދި ދިވެހި ފުޓުބޯޅަ އާއިލާ އަކީ ސިޔާސީ ކަންކަމުން އެއްކިބާވެގެންވާ ބަޔަކަށް ވާން އެބަޖެހެއެވެ. ދަންނަވަންޖެހެނީ އެފްއޭއެމް އާއި ދިވެހި ފުޓުބޯޅަ ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށްޓަކައި ބައްސާމްގެ ސިޔާސީ ލީޑާޝިޕް އިސްތިއުފާދޭންޖެހޭ ކަމެވެ. އެފްއޭއެމްގެ ރައީސް ބައްސާމަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. މަނިކުފާނަކީ ދިވެހި ފުޓުބޯޅައަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއްނަމަ އެފްއޭއެމްގެ ތެރޭގައި ހިންގާ ސިޔާސީ ކުޅިގަނޑު ނިމުމަކަށް ގެންނާށެވެ. އެކަން މަނިކުފާނަށް ކުރެވެން ނެތްނަމަ މަގާމުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަތުމަކީ މިވަގުތު ދިވެހި ފުޓުބޯޅައަށް އޮތް އެންމެ ރަނގަޅު ގޮތްކަން ޔަގީނެވެ.