ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އައު ރައީސަކު އިންތިޚާބުވީ އެތައް ގޮންޖެހުމެއް ކުރިމަތިވުމަށްފަހުއެވެ. ފީފާ އިން ރާއްޖެއަށް ފިޔަވަޅު އެޅުމާއި ގާތުގައި އޮއްވާ މިހާރުގެ ލީޑަރޝިޕް އެފްއޭއެމްއާއި ހަވާލުވީ އެތައް ކުލަބުތަކެއްގެ ބުރަ މަސައްކަތުންނެވެ. އެ ލީޑަރޝިޕުން ފުޓުބޯޅަ އަށް ކުރިއެރުންތައް ގެނެސްދީ ކުލަބުތަކާއި، ކުޅުންތެރިންނަށް ދިމާވާ މައްސަލަތައް ހަމަޔާއި އިންސާފުން ހައްލުކޮށްދޭނެކަމަށް އެތައް ވައުދުތަކެއްވިއެވެ. ނަމަވެސް ފެންނަ މަންޒަތުތައް މުޅިން ތަފާތެވެ.
ގޮންޖެހުންތަކާއެކު، ފުޓުބޯޅަަ އައު ހަރުފަތަކަށް ގެންދަން ބުނި އައު ލީޑަރޝިޕާއެކު ގައުމީ ޓީމު ކުޅޭ މެޗުތަކުން ދަނީ ފުލުފުލުން ބަލިވަމުންނެވެ. ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި ރަހުމަތްތެރިކަމުގެ މެޗެއް ކުޅުނު ދުވަހެއް ހަނދާނެއްވެސް ނެތެވެ. ޒުވާން ގައުމީ ފުޓުބޯޅަ ޓީމުތައް އަންނަނީ މުބާރާތްތަކުގައި ލަދުވެތި ނަތީޖާތަކަކުން ބަލިވަމުންނެވެ. ކުލަބުތަކުން ރެފްރީންގެ ފެންވަރު ރަނގަޅުކުރުމަށް އެދުމުން، އެ މައްސަލަ އަދިވެސް ހައްލެއް ނުކުރެވެއެވެ. އެންމެ ފަހުން ދިވެހި ޕްރިމިއާ ލީގުގައި މިހާރު ރެފްރީކަން ކުރަމުން އަންނަނީ ސަރަހައްދީ ގައުމުތަކުގެ ރެފްރީންނެވެ. މިއީ އެފްއޭއެމްގެ އާ ލީޑާޝިޕުން ދިވެހި ފުޓުބޯޅައަށް ގެނެސްދިން އަޖައިބުކުރުވަނިވި އިންގިލާބެވެ. ދިވެހި ރެފްރީން ބާކީވީއެވެ. ދިވެހި ދަނޑުތައް ބިދޭސީންނަށް ދިނީއެވެ. މިއީ ހައްތަހާވެސް އައު ލީޑަރޝިޕްގެ ކުޅަދާނަކަމެވެ.
ކޮންމެއަކަސް މި ބަޔާންކޮށްލީ އެފްއޭއެމްގެ އައު ލީޑަރޝިޕުން ފުޓުބޯޅައަށް ގެނައި އަޖައިބުކުރުވަނިވި ކުރިއެރުމުގެ ކުޑަ މިންވަރެކެވެ. މިކަމުގެ ތެރެއިން އެފްއޭއެމްގެ އައު ލީޑަރޝިޕް ސަލާމަތްނުވެވިގެން އުޅެނިކޮށް މިވަނީ އައު މައްސަލަތަކެއް ފެންމަތިވެފައެވެ. އަނެއްކާވެސް ބައިނަލްއަގުވާމީ ޖަމުއިއްޔާތަކުގެ ކުރިމަތީގައި ރާއްޖެ ލަދުވެތިވެދާނެކަމުގެ ބިރު ވަނީ ހީވާންފަށާފައެވެ. އެގޮތުން ކުލަބުތަކާއި، ކުޅުންތެރިން އަމަލުކުރުމަށް އެފްއޭއެމް އިން ހަދާފައިވާ އުސޫލުތަކާ ޚިލާފަށް ބައެއް ކުލަބުތަކާއި ބައެއް ކުޅުންތެރިން އަމަލުކުރަމުންދާއިރު، އެފްއޭއެމްގެ އައު ލީޑަރޝިޕަށް އެ މައްސަލަ ހައްލުކުރެވިފައެއް ނުވެއެވެ. ދަންނަވަަން މިއުޅެނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ބޭރުން އެއް ސީޒަނެއްގައި ކުޅުންތެރިޔަކު ތަފާތު ކުލަބުތަކުގެ ޓީމު ލިސްޓުގައި ހިމެނި ވާހަކައެވެ.
މިދެންނެވި ޝަރަފު ހޯދި ކުޅުންތެރިޔަކީ ލ. ގަމަށް އުފަން މުހައްމަދު ނިޒާމް ނުވަތަ ފުޓުބޯޅައިގެ ނަމުންނަމަ ޕީކޭއެވެ. ޕީކޭ އެންމެ ފުރަތަމަ ފުޓުބޯޅައިގެ ދަނޑުން ފެނިގެންދިޔައީ ބީޖީ ސްޕޯޓުސްއިންނެވެ. އެއަށްފަހު އޭނާ ވެލެންސިއާ އަށް ބަދަލުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އެފްއޭއެމުގެ ގަވައިދުތައް ބުނާގޮތުން ޕީކޭ ވެލެންސިއާއާއި އެކު އެއްބަަސްވުން ހެދި ތާރީޚުން ފެށިގެން ބީޖީއާއެކު ހެދި އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.
ޕީކޭ ވެލެންސިއާއާއެކު އެއްބަސްވުން ހެދި ނަމަވެސް ވެލެންސިއާގެ ޖޯޒީގައި އޭނާ ދަނޑުމަތިން ފެނިފައެއް ނުވެއެވެ. ހަމައެކަނި ވެލެންސިއާގެ ޓީމު ލިސްޓުގައި ޕީކޭގެ ނަން ހިމެނުން ފިޔަވައި އިތުރު އެހެންކަމެއް ހިނގާފައެއްނުވެއެވެ. އަދި ވެލެންސިއާގެ ޓީމު ލިސްޓުގައި ޕީކޭ ހިމެނިފައިވަނިކޮށް، އޭނާ ބީޖީގެ ޓީމު ލިސްޓުގައިވެސް ހިމެނިފައިވާކަމަށް ވަނީ އަޑުތައް ފެތުރިފައެެވެ. ޕީކޭގެ ނަން ވެލެންސިއާ އަދި ބީޖީގެ ޓީމް ލިސްޓުގައި ހިމެނިފައިވަނިކޮށް، ޕީކޭ ދެން ފެނިގެންދިޔައީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިލަންދޫގެ ޖޯޒީންނެވެ. އޭނާ މިލަންދޫ އަށް ކުޅެމުން އަންނަ އިރު، ވެލެންސިއާއާއި އެކު ހަދާފައިވާ އެއްބަސްވުން އަދިވެސް ނިމުމަކަށް ނާދެއެވެ. ހަމައެހެންމެ، ޕީކޭ މިލަންދޫ އަށް ކުޅުމަށް ވެލެންސިއާ އިން ރިލީޒް ދިންކަން ނުވަތަ ނޫންކަން އެ ކުލަބުން ކަށަވަރުކޮށްދީފައެއްނުވެއެވެ. ޕީކޭ، ވެލެންސިއާއަށް އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވިނަމަވެސް، އުސޫލުތަކާއި އެއްގޮތް ވާގޮތުގެ މަތިން ވެލެންސިއާ އާއިއެކު އެއްބަސްވުމެއް ހަދާފައިނުވާކަމަށް ފުޓުބޯޅައިގެ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.
ޕީކޭ މިލަންދޫ އަށް ކުޅެމުން އައުމާ ގުޅޭގޮތުން މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ، އޭނާ އެ ކުލަބަށް ކުޅެމުން އަންނަނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން އޭނާ ބުނީ ޕީކޭ ވެލެންސިއާ އަށް ކުޅުނުކަން ނޭނގޭ ކަމަށާއި، މިލަންދޫ އިން އުސޫލުން ބޭރުން އެއްވެސް ކުޅުންތެރިޔަކު ލައްވާ ކުޅުވާފައިނުވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލެންސިއާގެ އެއްބަސްވުމުގައި ހުރި ޕީކޭ މިލަންދޫއަށް ބަދަލުވީ ބީޖީގެ ރިލީޒް ދިނުމުންނެވެ. ނަމަވެސް އެފްއޭއެމްގެ އުސޫލުތަކަށް ބަލާއިރު، ޕީކޭ މިލަންދޫ އަށް ކުޅުމުގެ ރިލީޒް ދިނުމުގެ އެއްވެސް ހައިސިއްޔަތެއް ބީޖީއަކަށް ލިބިގެނެއް ނުވެއެވެ. ސަބަބަކީ ޕީކޭ ވެލެންސިއާއާއެކު އެއްބަސްވުން ހެދި ތާރީހުން ފެށިގެން ބީޖީއާއެކު އޭނާ ހެދި އެއްބަސްވުން ނިމުމަކަށް އައިސްފައިވާތީއެވެ.
ކޮންމެއަކަސް ޕީކޭ މިލަންދޫ އަށް ކުޅެމުންދާ ދިޔުން އެފްއޭއެމްގެ ސަމާލުކަމަށް ގެނެސްފައިވަނީ ޓީސީ ސްޕޯޓުސް އިންނެވެ. އެގޮތުން ޕީކޭ މިލަންދޫ އަށް ކުޅެމުން އަންނަ މައްސަލަ ޓީސީގެ ފަރާތުން ހުށަހެޅީ ކުޅުންތެރިންނާ ބެހޭ ކޮމެޓީއަށެވެ. ޓީސީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ވެލެންސިއާ އާއިއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވަނިކޮށް ޕީކޭ އަށް ވެލެންސިއާ އިން ރިލީޒް ނުހޯދާ މިލަންދޫއަށް ކުޅެފައިވާ ކުޅުން، އެއީ އުސޫލުތަކުގެ ބޭރުން ކުރަމުން އަންނަ ކަމެއްކަމަށެވެ. ޓީސީގެ މައްސަލައިގައި އެދިފައިވަނީ ޕީކޭ މިލަންދޫ އަށް ކުޅުނު މެޗުތަކުގައި އިދިކޮޅު ޓީމަށް ތިން ޕޮއިންޓާއި، ދެ ގޯލު ދިނުމަށެވެ. އަދި އެ ކުޅުންތެރިޔާ އާއި މިލަންދޫ އަށް ފިޔަވަޅު އަޅައިދިނުމަށެވެ.
އެފްއޭއެމް އިން އެކުލަވާލާފައިވާ އުރީދޫ ދިވެހި ޕްރިމިއާ ލީގު 2017 ގެ ގަވައިދުގެ 3.4 ގައި ބުނެފައިވާ ގޮތުގައި ޝަރުތު ފުރިހަމަނުވާ ކުޅުންތެރިޔަކު ލައްވާ ކުޅުވައިފިކަން ސާބިތުވެއްޖެނަމަ އެ ކުޅުންތެރިޔަކު ކުޅުނު މެޗަކުން އިދިކޮޅު ޓީމަށް ތިން ޕޮއިންޓާއި، ދެ ގޯލު ލިބިދެވޭނެއެވެ. އަދި އެ ކުޅުންތެރިޔާ ލައްވައި ކުޅުނު ކުލަބު އަދި އެ ކުޅުންތެރިޔާއަށްވެސް ފިޔަވަޅު އެޅޭނެކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. ހަމައެހެންމެ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކުލަބަކަށް ކުޅުންތެރިޔަކު ބަދަލުވާނަމަ އޭގެ ލިޔެކިޔުން އެ ކުލަބުގައި ހުންނަންޖެހޭނެއެވެ. އެފަދަ ލިޔެކިޔުމެއް ނެތްނަމަ އެ ކުލަބަކަށްވެސް ފިޔަވަޅު އެޅިގެންދާނެކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ.
ނަމަވެސް ޓީސީން ހުށަހެޅި މި މައްސަލަ އެފްއޭއެމް އިން ބަލާފައިވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަވަައިދުތަކާއި ހިލާފަށެވެ. އެގޮތުން ޓީސީން މައްސަލަ ބެލުމަށް ކުޅުންތެރިންނާ ބެހޭ ކޮމެޓީއަށް ހުށަހެޅި ނަމަވެސް މި މައްސަލަ ބަލާފައިވަނީ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެންނުވާ މުބާރާތާއި ބެހޭ ކޮމެޓީންނެވެ.
އެ ކޮމެޓީން މައްސަލަ ނިންމީ މިލަންދޫ އަށް ޕީކޭ ކުޅެމުންދަނީ ގަވައިދާއި އެއްގޮތަށް ކަމަށެވެ. މިކަމާއި ގުޅޭގޮތުން ޓީސީ ސްޕޯޓުސް އިން ބުނެފައިވަނީ އެ ކުލަބުން ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކޮމެޓީއަކުން ކަމަށްވާތީ، އެފަދަ ކޮމެޓީއަކުން ނިންމާ ނިންމުން ބަލައިނުގަންނާނެކަމަށެވެ. އަދި މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކޮމެޓީއަކުން ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއްކަމަށްވެސް ޓީސީން ވަނީ ބުނެފައެވެ.
މި މައްސަލައަށް ޖުމުލަގޮތަށް ބަލާއިރު، އެފްއޭއެމްގެ ދޯދިޔާކަން ހާމަވެގެންދެއެވެ. އެފްއޭއެމްގެ ހިންގުމަށް ބަދަލުތަކެއް ގެންނަންޖެހޭކަން އެއީ ގަބޫލުކުރަންޖެހޭކަމެކެވެ. މައްސަލަ ނުބައި ކޮމެޓީއަކުން ނިންމައި އެފްއޭއެމް އިން އެ އިދާރާގެ ސަލާމަތް ހޯދިނަމަވެސް އިންސާފުން މައްސަލަތައް ނުބެލޭކަން ހާމަވެއެވެ. ހަމައެހެންމެ އެއް ކުޅުންތެރިޔަކު ތިން ކުލަބެއްގެ ޓީމު ލިސްޓުގައި ހިމެނިފައިވާ މައްސަލައަށް ހައްލެއް ނުހޯދަދެވުނު ލީޑަރޝިޕަކަށް ދިވެހި ރާއްޖޭގެ ފުޓުބޯޅައަށް އިތުރު ކުރިއެރުމާއި ތަރައްގީ ހޯދައިނުދެވޭނެކަން އެއީ މިއަދު ގަބޫލުކުރަންޖެހޭ ތެދު ހަގީގަތެކެވެ.