ކ. މާލެ
|
8 ނޮވެންބަރ 2017 | ބުދަ 03:31
ހާދިސާއަށްފަހު ކަރަންޓުގެ ޚިދުމަތް ދެވޭވަރުވީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު
ހާދިސާއަށްފަހު ކަރަންޓުގެ ޚިދުމަތް ދެވޭވަރުވީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު
ރާއްޖެ އެމްވީ
އުކުޅަހު އިންޖީނުގޭގައި ރޯވުން
ކަރަންޓާއި ނުލައި އުކުޅަހު ރައްޔިތުން ހޭދަކުރި ހަތް ގަޑިއިރަށް ކަޅިއެއް
ކަރަންޓުގެ ޚިދުމަތް ކެނޑުނީ އަލިފާނުގެ ހާދިސާއަކާއި ގުޅިގެން
އަލިފާނުގެ ޚާދިސާގައި ޖަނަރޭޓަރަކާއި މުހިއްމު ކޭބަލްތަކެއް ހަލާކުވި
ރަށަށް ކަރަންޓުގެ ޚިދުމަތް އަލުން ދެވިފައިވަނީ އިރުއޮއްސުނު އިރު

އއ. އުކުޅަހު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑުނެވެ. އަލިފާނުގެ ހާދިސާގައި އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 120 ކިލޯވޮޓުގެ ޖަނަރޭޓަރު ހަލާކުވެ، އިންޖީނުތަކުން ޕެނަލް ބޯޑަށް ގުޅާފައި ހުރި މައި ކޭބަލްތަށް ހަލާކުވިއެވެ. ހިނގި ހާދިސާ އާއި ލިބުނު ގެއްލުމުގެ ބޮޑުމިނުން، އަވަސް މުއްދަތެއްގެ ތެރޭގައި ކަރަންޓުގެ ޚިދުމަތް އަނބުރައި ލިބިދާނެކަމަށް އެރަށުގެ ރައްޔިތުން އުއްމީދެއް ނުކުރެއެވެ. ރަށުގެ ރައްޔިތުން ތިބީ ގިނަ ދުވަސްތަކެއް ވަންދެން ކަނު އަދިރީގައި އުޅެން ޖެހިދާނެ ކަމަށް ވިސްނައި، އެކަމަށް ތައްޔާރުވެގެންނެވެ. އެއީ ފަސޭކަމެއް ނޫންކަންވެސް އެ ރައްޔިތުންނަށް ވިސްނޭ ހާލުގައެވެ.

އުކުޅަހު ފެނާއި ކަރަންޓުގެ ޚިދުމަތް ދެމުން ދަނީ ދައުލަތުގެ ކަރަންޓޫ ކުންފުނި، ސްޓެލްކޯއިންނެވެ. އަންގާރަ ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ އިތުރުން ފެނުގެ ޚިދުމަތްވެސް މެދުކެނޑިގެން ދިޔައެވެ. ކަރަންޓުގެ އިތުރުން ފެނާއި ނުލައި އުޅެންޖެހުމަކީވެސް އުކުޅަހުގެ ރައްޔިތުންނަށް ދިމާވި ދަތިކަމެކެވެ.

އަންގާރަ ދުވަހުގެ މެންދުރުން އަނބުރައި،ހަވީރު ވެގެން ދިޔައިރު ރަށުގެ މުޅި އާބާދީހެން ތިބީ މަގުމަތީގައެވެ. ރައްޔިތުންގެ މުނުމަތިން މާޔޫސްކަން ފެންނަމުންދިޔައިރު، ކުޑަކުދިންގެ ރުއިމުގެ އަޑުވެސް ނުކެނޑޭ ފަދައެވެ. ކަރަންޓާއި ފެން ލިބޭނެ މަގެއްނެތި، ފެންވަރާލާނެ ގޮތެއްވެސް ނެތިފައެވެ. 

އަންގާރަ ދުވަހު ހަވީރު ކަރަންޓް ނެތުމުން އެކުޅަހު ގިނަ ރައްޔިތުން ތިބީ މަގުމަތީގައި

"ޚިޔާލެއް ވެސް ނުކުރަން ކަރަންޓާ ނުލާ އުޅެން ޖެހިދާނެ ކަމަށް، ކަރަންޓާއި ނުލައި އުޅެން ޖެހުމުން ވަރަށް ދަތިވޭ އެކަމު، ކަރަންޓާއި ނުލާ އެއްވެސް ކަމެއް ނުކުރެވޭނެ" އުކުޅުހު ރައްޔިތަކު ބުންޏެވެ.

އަންގާރަ ދުވަހުގެ އިރު އޮއްސުނު އިރުވެސް ރަށަށް ކަރަންޓުގެ ޚިދުމަތް ލިބިގެން ގޮސްފައެއް ނުވެއެވެ. އެ ޚިދުމަތް ލިބޭނެ ކަމުގެ އުއްމީދުވެސް ރައްޔިތުންގެ ފަރާތުން މާ ބޮޑަށް ފެނިގެން ނުދެއެވެ. މީގެ އެއް ހެއްކަކީ ރަށުގެ ރައްޔިތުން އެކަމަށް ތައްޔާރުވުމެވެ. ކޮންމެ ގެއަކުންވެސް ގޭތެރެ އަލިކުރެވޭނެ ގޮތެއް ދިޔައީ ހޯދަމުންނެވެ. ރަށުގެ ކައުންސިލުންވެސް ދިޔައީ ރަށުގެ ހުރިހައި ގެތަކަށް އުއްބައްތި ބަހަމުންނެވެ.

ކައުންސިލުން ހާމަކުރި ގޮތުގައި އިރުއޮއްސެން ދިޔައިރު ރަށުގެ ހުރިހާ ގެތަކަށް އުއްބައްތި ބެހީ އަންގާރަ ދުވަހުގެރޭ ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަމުގެ އުއްމީދެއް ނެތީމައެވެ. 

ކައުންސިލްގެ ފަރާތުން ރައްޔިތުންނަން އުއްބައްތި ބަހަނީ

"ފެންނުލިބުމުން، ފާހަނާއި ކުރުމާއި ފެންވެރުމަށް ވަރަށް ދަތިވި، ދެން ވަރަށް އުނދަގޫވި ހުރިހާ ކަމަކުންވެސް، މުޅިންވެސް ކަރަންޓުން ވިއްޔާ ކައްކާވެސް މި ހަދަނީ، ފެންވަރާވެސް މިހަދަނީ ކަރަންޓުން ފެންނަގައިގެން، އެހެންވީމަ ވަޅުގައި ދާންޔެން ނުހުރޭ" އުކުޅަހުން ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

ކަރަންޓު ނެތުމުން އުއްބައްތި ރޯކުރަނީ 

ރާއްޖެއެމްވީއަށް މަޢުލޫމާތު ދިން އުކުޅަހުގެ ވިޔަފާރިވެރިއަކު ބުނީ ކަރަންޓުގެ ޚިދުމަތް ނުލިބޭނެކަމަށް ރަށުގެ ރައްޔިތުން ޤަބޫލުކުރިކުރުން އޭނާގެ ފިހާރައިން ރައްޔިތުން ގަތް އުއްބައްތީގެ އަދަދުން އެކަނިވެސް ހާމަވާ ކަމަށެވެ.

"އެހެންނޫނީ ވަރަށް މަދުން އުއްބައްތި ވިކެނީ، މިއަދު އުއްބަތި ހުރީ މަދުވެފައި، ދެން އެހެންދޯ ވަނީ ހާދިސާއެއް ދިމާވީމަ އުއްބައްތީގެ ބޭނުން މިހާރު ޖެހޭނީ" އުކުޅަހުން ވާހަކަދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.

ފިހާރަތަކުން ވަނީ ގިނަ އަދަދެއްގެ އުއްބައްތި ވިކިފައި 

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް، ޝައުކަތު އިބްރާހިމް ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ހަތް ގަޑިއިރު ވަންދެން ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮތުމުން އެރަށުގެ ވިޔަފާރިތަކަށް، ޚާއްސަކޮށް ގެސްޓު ހައުސްތަކަށް އެކަމުގެ ދަތި އުނދަގޫތަކާއި ކުރިމަތިވެ، އެ ވިޔަފާރިތަކަށް ގެއްލުންވެފައިވާ ކަމަށެވެ. އުކުޅަހަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު، ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ބައެއް ގެސްޓުހައުސްތަކުގައި ތިބި ފަތުރުވެރިން ފުރައިގެން ކައިރީގައި ހުރި ރަށްތަކަށް ގޮސްފައިވާކަން ޝައުކަތު ފާހަގަކުރެއްވިއެވެ.

"ހޮޓާ ކެފޭތަކަށް ލިބިގެންދާ ގެއްލުމަކީ ވަރަށް ބޮޑު ގެއްލުމެއް. މި ރަށަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން އައިސް އުޅޭ ރަށަކަށްވާއިރު، މިހާދިސާ ހިނގައިގެން މިހާ ދިގުލައިގެން ދިއުމާ އެކީގައި ބައެއް ގެސްޓު ހައުސްތަކުގައި ތިބި ޓޫރިސްޓުންވެސް ވަނީ ފުރައިގެން އެހެން ރަށްތަކަށް ދަތުރުކޮށްފައި،" ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ޝައުކަތު ވިދާޅުވިއެވެ.

ކަރަންޓް ކެނޑުމުން ކައްކާ ކެއުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައި

ހަލާކުވެފައިވާ ކޭބަލްތަކާއި، ކަރަންޓުގެ ޚިދުމަތް ފެށުމަށް ބޭނުންވާ އެހެނިހެން އާލާތްތަކާއިއެކު، އުކުޅަހަށް ކަރަންޓުގެ ޚިދުމަތްދޭ ސްޓެލްކޯގެ ޓީމެއް އަންގާރަ ދުވަހުގެ ހާވީރު އުކުޅަހަށް ގޮސް، އެ ރަށަށް ކަރަންޓުގެ ޚިދުމަތް އަލުން ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އުކުޅަހު އިންޖީނުގޭގެ ތެޔޮ ރައްކާކުރާ ގުދަނުގައި އަންގާރަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވަނީ ހެނދުނު 11:15 ހާއިރުއެވެ. މާލެއިން އުކުޅަހަށް ދިޔަ ސްޓެލްކޯގެ ޓީމުގެ މަސައްކަތާއިއެކު އެ ރަށަށް އަލުން ކަރަންޓު ދެވިފައިވަނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރުއެވެ.

ދިރިއުޅުން ތަރައްޤީވެ، ދިރިއުޅުމުގެ ގިނަ ކަންކަން ކަރަންޓުގެ ޚިދުމަތަށް ބަރޯސާ ވެފައިވާއިރު، ކަރަންޓާއި ނުލައި ދިރިއުޅުމަކީ މިއަދު އުނދަގޫ ކަމެކެވެ. އަދި ފަހަކަށް އައިސް މިފަދަ ހާދިސާތައް ގިނަވެފައިވާއިރު، މިފަދަ ހާދިސާއެއް ހިނގައިފިނަމަ، ގިނަ ދުވަސްތަކެއް ވަންދެން ކަރަންޓުގެ ޚިދުމަތާއި ނުލައި ދިރިއުޅެން ޖެހޭނެ ކަމަށް ބަލައި ރައްޔިތުން އެކަމަށް ތައްޔާރުވާ މަންޒަރު އާންމުކޮށް ފެނެއެވެ. އުކުޅަހުންވެސް ފެނިގެން ދިޔައީ އެފަދަ މަންޒަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް