ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހަކީ އއ. އުކުޅަހަށް އުފާވެރި ދުވަހެއް ނޫނެވެ. އެރަށުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގި ދުވަހައެވެ. މުޅި ރަށުން ހަތް ގަނޑީއިރަށް ކަރަންޓް ކެނޑުނު ދުވަހެވެ. މިއީ އެރަށުގެ ރައްޔިތުން ހިޔާލަށް ވެސް ގެނައި ކަމެއް ނޫނެވެ. އެހެންނަމަވެސް އުކުޅަހުގެ ރައްޔިތުން ވަނީ ނަމޫނާ ދައްކާފައެވެ. މިއީ ދެބަސް ވެވެން ނެތް ހަގީގަތަކެވެ.
އަލިފާން ރޯވިކަމަށް އެރަށު ރައްޔިތުން ބުނަނީ އިންޖީނުގެ ސައުންޑު ޕްރޫފް ކުރަން ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަލިފާން ރޯވުމާއި އެކު އެރަށުގެ ރައްޔިތުން އަތާއި އަތް ގުޅާއިލައިގެން ނުކުތީ އަލިފާން ނިއްވާލުމަށެވެ. ރަށުގައި އޭރު ތިބީ އެންމެ ދެ ފުލުހުންނެވެ. އަލިފާން ނިއްވަން ބޭނުންކުރާ އެއްވެސް ސާމާނެއްވެސް އެރަށުގައި ނެތެވެ.
އުކުޅަހު އިންޖީނުގެ ހުންނަނީ އެރަށު އަތިރިއާއި 30 ވަރަށް ފޫޓު ކައިރީގައެވެ. އިންޖީންގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަން ހުރިހާ އުމުރުފުރައެއްގެ މީހުން ހަރަކާތްތެރިވިއެވެ. ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތިއެވެ. ފިރިހެނަކަށް އަންހެނެއް ދޫނުކުރެވެ.
އަލިފާންގަނޑު ބޮޑަށް ރޯވެފައި ވަނީ އިންޖީނުގޭގެ އެއް ކަނުގައެވެ. އެހެންކަމުން އެރަށުގެ ރައްޔިތުންނަން އަލިފާން ނިއްވަން އެތަނާއި ކައިރިވެވޭނެ ގޮތެއް ނެތެއެވެ. ރަށުގެ ރައްޔިތުން ސްޓެކްލޯގެ މެނޭޖަރާއި ވާހަކަ ދެއްކުމަށް ފަހު އިންޖީނުގޭގެ ފާރު ވައްޓާލަން ނިންމިއެވެ. އެކަން އެރަށުގެ ރައްޔިތުން ކުރީ މީހަކު ހިޔާލަށް ވެސް ނުގެންނާނެ ގޮތަކަށެވެ.
ތިން ނަގިލީގައި ވާ އެއްސުމަށް ފަހު ފާރު މަތިން ނަގިލި އެއްލިއެވެ. އެއަށް ފަހު، ގައިގައި ހުރި ބާރެއް ލާފައި ރަށުގެ ރައްޔިތުން ނަގިލި އައްސާފައި އޮތް ވަލަށް ދަމަން ފެށީ ފާރު ވައްޓާލުމަށެވެ. ބައެއް ފަހަރު ނަގިލި ނައްޓައިގެން ގޮސް ރައްޔިތުން ވެސް ވަލާއި އެކު ވެއްޓެއެވެ.
ކޮންމެއަކަސް އެންމެ ފަހުން ރަށުގެ ރައްޔިތުން އިންޖީނުގޭގެ ފާރު ވައްޓާލިއެވެ. އޭރު މުޅި އިންޖީނުގެ އަނދާ އަޅިއަށް ވަނީއެވެ. އިންޖީނުގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. ރަށުގެ ރައްޔިތުން އަލިފާންގަނޑަށް ފެންޖަހައިގެން ނިއްވަން ނިންމުމުން ފުލުހުން އެކަމާއި ދެކޮޅު ހެދިއެވެ.
އެހެންކަމުން ރަށުގެ ރައްޔިތުން ފެންހިއްކާ ޕަންޕު މޫދަށް ބަލާއި އަލިފާންގަނޑަށް ލޮނު ޖަހަން ފެށިއެވެ. އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިން ބާލިދީތަކާއި ޓައްޕުތަކުގައި އަތިރިމަތިން އިންޖީނުގެ ކައިރިއަށް ވެލި ގެންދަން ފެށިއެވެ. ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަން އުކުޅަހު ރައްޔިތުންނަން އަލިފާން ނިއްވުމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ރަށުގެ ރައްޔިތުންނަކޭ އެއްފަދައިން ފަތުރުވެރިން ވެސް މި މަސައްކަތުގައި ބައިވެރިވުމެވެ.
ބައެއް ރައްޔިތުން ވެއްލި ޖަހައިގެން ވެސް އަލިފާން ނިންވަން މަސައްކަތް ކުރިއެވެ.
ކުޑައެއް ބޮޑެއް ނެތެވެ. އުމުރުން ދުވަސްވީ މީހާއިން ފެށިގެން އެންމެ ޒުވާން ކުއްޖާވެސް އަލިފާން ނިއްވުމުގައި އެހީތެރިވިއެވެ. އަލިފާން ރޯވިތާ ގަޑިއިރެއްގެ ތެރޭގައި ނިއްވާލިއެވެ. އޭރު ސިފައިންވެސް އަލިފާން ނިއްވަން އެރަށަށް ނާދެއެވެ. އުކުޅަހުގެ ރައްޔިތުން އަލިފާން ރޯވުމުން ފޮޓޯ ނަގައި ވީޑިއޯ ކުރަން ތިބީއެއް ނޫނެވެ. ރަށުގެ ރައްޔިތުން ވަނީ ނަމޫނާ ދައްކާފައެވެ.