ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 15:21
ރައީސް ޔާމިން ޑިފެންސް މިނިސްޓަރާ ސަލާމް ކުރައްވަނީ:--
ރައީސް ޔާމިން ޑިފެންސް މިނިސްޓަރާ ސަލާމް ކުރައްވަނީ:--
ފާތިމަތު ޝަނާ މުހައްމަދު
ރައީސް ޔާމިން ފެކްޝަން
ކަންކަން ނުކޮށް ދެވުނީމަ ޖީއެމްއާރާ ގުޅުވާ ރެކި ގަނެވިދާނެތަ؟!
ބޯހިޔާވހިކަން ނުލިބި ތިބި މީހުން ގާތު ޖީއެމްއާރަށް ދައްކަން ޖެހުނު ފައިސާގެ ވާހަކަ ބުނަން ރައީސް އެދިވަޑައިގެންނެވި
ޖީއެމްއާރުގެ މައްސަލާގައި ސަރުކާރަށް 300 މިލިއަން ޑޮލަރު ހަރަދުކުރާން ޖެހުނު

ރައީސް އަބްދުﷲ ޔާމިން ވަނީ އަންނަ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދިނުމުގައި ކެމްޕެއިން ކުރާ މީހުން އަމަލުކުރަންވީ ގޮތް ވިދާޅުވެ ދެއްވާފަ އެވެ. އޭގެ ތެރެއިން އެމަނިކުފާނު ވިދާޅުވި ބައެއް މިސާލުތައް ހުރީ ރައްޔިތުން އެ ވާހަކަތައް ގަބޫލު ނުކުރާނެ ފަދަ ގޮތަކަށެވެ.

 

ރައީސް ޔާމިން ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ރައްޔިތުންނަށް ކޮށްނުދެވި ހުރި ކަންތައްތައް ނުކުރެވިވާ ސަބަބާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރުގެ އަތުން ނެގުމަށް ރާއްޖެއިން ދައްކަން ޖެހުނު ފައިސާއާ ގުޅުވުމަށް ގޮވާލައްވާފަ އެވެ. ޖީއެމްއާރު ކުންފުނިން ވެލާނާ އެއާޕޯޓް އަތުލުމަށް ކުރި މަސައްކަތުގައި ސަރުކާރުން 300 މިލިއަން ޑޮލަރު ހަރަދުކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ އަދަދު ބޭނުންކޮށްގެން މީހުންގެ ގާތު  ދެއްކިދާނެ ވާހަކަތަކުގެ މިސާލު އެމަނިކުފާނު ޖެއްސެވިއިރު އެ ވާހަކަތައް އަޑުއަހަން ވެސް ތިބީ ހަމައެކަން ވީގޮތް އެނގޭ މީހުންކަން ހަނދުމަފުޅު ނެތުނީތޯ ސުވާލު އުފެދެ އެވެ.

 

 އަލަށް ކައިވެނި ކޮށްގެން އުޅޭ އަދި ގެދޮރޮ ނެތް މީހުންގެ ގާތު އެމީހުނަށް ބޯހިޔާވަހިކަން ހޯދައި ދެއްވަން  300 މިލިއަން ޑޮލަރު ރައީސް ހަރަދު ކުރެއްވި ކަމަށް ބުނުމަށް ޕާޓީގެ މެމްބަރުން ގާތު އެދިވަޑައިގެންނެވިއިރު މިއަށްވުރެ ބޮޑު އިތުރުފުޅެއް އޮވެދާނެ ހެއްޔެވެ؟. މި ސަރުކާރުން 300 މިލިއަން ޑޮލަރު ޖީއެމްއާރުގެ މައްސަލާގައި ހޭދަކޮށްފައިވުމަކީ ޒުވާނުންގެ ގެދޮރަށް ކުރި ހޭދައެއް ކަމަށް ވިދާޅުވުމަކީ ބޮޑު އޮޅުވާލުމަކަށް ނުވާނެތޯ؟

 

"މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމުގެ ވާހަކަ ތިޔަބޭފުޅުން ގެންނަވާ ހިތްޕުޅަށް. އަންހެން ބޭފުޅުންނަށް ކައިވެންޏެއް ރޫޅުނީމަ އެންމެ ބޮޑަށް ބޭނުންވާ ކަންތައް، އެންމެ ބޮޑަށް ބޭނުންވާ ރައްކާތެރިކަން ތިޔަ ބޭފުޅުންގެ ހިތައް ގެންނަވާ، ގެދޮރުވެރިކަން އެހެން ނޫންތޯ. އެހެންވީމަ ޒުވާން ކަޕްލްއެއްގައި، ޒުވާން ދެމަފިރިއެއްގެ ޝައުގުވެރިކަން މި ކަމުގައި ހަމަ މިއަދަދު ދީގެން ހޯއްދަވާ ކަމަށްވާނަމަ ވިދާޅުވާންވީ ވިސްނާށޭ ރައީސް ޔާމިން ހަރަދުކޮށްފި މި ކަމުގައި 300 މިލިއަން ޑޮލަރު،" އެމަނިކުފާނު ވިދާޅުވި އެވެ.

 

ނަމަވެސް އެ 300 މިލިއަން ޑޮލަރު  ދިވެހި ދައުލަތައް ދައްކަން ޖެހުނީ ޖީއެމްއާރު އެއްވެސް އުސޫލެއް ނެތި ބޭރުކޮށްލުމާ ގުޅިގެންނެވެ. އެކަން ހިނގިގޮތް ރައްޔިތުންނަށް ސާފުކޮން އެނގެ އެވެ.

 

ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނީ 271 މިލިއަން ޑޮލަރެވެ. އެއީ 4.1 ބިލިއަން ރުފިޔާ ކަމާއި އެ އަދަދު ދައްކާ ހަލާސްކޮށްފައިވާ ކަމަށް މި ސަރުކާރުގެ ބަންޑާރަ ނައިބު އަހްމަދު އަނިލް ވިދާޅުވެފައިވާއިރު ޖީއެމްއާރު ފޮނުވާލި މައްސަލާގައި ސަރުކާރުން ހަރަދުކުރާން ޖެހުނު 300 މިލިއަން ޑޮލަރެއްގެ ވާހަކަ ރައީސް ވިދާޅުވާއިރު އެއީ ކިހިނެތް އިތުރުވި 29 މިލިއަން ޑޮލަރެއް ކަމެއް ނޭނގެ އެވެ.

 

" މި ތިންސަތޭކަ މިލިއަންޑޮލަރު ހައުސިން މަޝްރޫއުތަކަށް ހަރަދުކުރަން ލިބުނުނަމަ، އަޅުގަނޑު މި ހިސާބުކުރަނީ 30000 އެމެރިކާ ޑޮލަރަށް ވަން ރޫމް އެޕާޓްމަންޓެއް އެބަ ހެދޭ، އެހެންވީމަ ސްޓޯޑިއޯ އެޕާޓްމަންޓެއް ހެދޭ، މި ދައްކަނީ 10000 މީހުންގެ އެޕާޓްމެންޓްގެ ވާހަކަ އޭ، 10000 ހައުސިން ޔުނިޓްގެ ވާހަކަ އޭ މި ދައްކަނީ، މީހުންގެ ގާތުގައި ކެމްޕެއިންގައި ދައްކަންވީ ވާހަކަ ވިދާޅުވެ ރައީސް މިސާލު ޖެއްސެވި އެވެ.

 އެވަރުން ފަރު ޖައްސާލެއްވީކީވެއް ނޫނެވެ. އެހެން ރަށްރަށުގެ ނަރުދަމާއާއި ބަނދަރު ގާއިމު ނުކުރެވި ހުރި ވާހަކަ ދެއްކުމުންވެސް ހަމަ އެ 300 މިލިއަން ޑޮލަރު ދައްކާން ޖެހުމުން ނުވީ ކަމަށް ދޭހަވާ ގޮތަށް ރައީސް ވާހަކަފުޅު ދެއްކެވީ އެވެ. އެހެން ނަމަވެސް ދިވެހިންނަށް ދިވެހި އެއާޕޯޓަށްވީ ގޮތް އެނގެ އެވެ. އަދި އެ ވިދާޅުވާ ފައިސާ ޖީއެމްއާރަށް ދައްކަން ޖެހުނީ ރައްޔިތުން ކުރި ކުށަކުން ނޫންކަން ވެސް އެނގެ އެވެ.

 

ޖީއެމްއާރަށް އެއްބަސްވުން ރޫޅާލުމުން ދައްކަން ޖެހުނު 271 މިލިއަން ޑޮލަރަކީ ދިވެހި ސަރުކާރާ ދެކޮޅަށް ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ނިންމާފައި ނިންމުމަށްފަހު ކަނޑައެޅި އަދަދެވެ. ޖީއެމްއާރަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) އަށް އެރިއިރު، ރާއްޖޭން ޖީއެމްއާރަށް އެ ފައިސާ ދެއްކީ އެމްއޭސީއެލް އިން ދޫކުރި 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ ބޮންޑެއް ދައުލަތުގެ ރިޒާވުން ހަރަދުކޮށްގެން ގަނެގެންނެވެ. އެއީ ތިން އަހަރުން އަނބުރާ ދައްކައި ހަލާސްކުރާ ގޮތަށް، 4.9 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައި މަރުކަޒީ ބޭންކުން ގަތް، ޑޮލަރުގެ ބޮންޑެކެވެ.

 

ރައްޔިތުންނަކަށް ނޯޅެ އެވެ. ސަރުކާރުން އައިޖީއެމްއެޗްގެ އާ އިމާރާތް އެޅުމަށް އިތުރަށް އެކުރާ ހަރަދާއި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބުރިޖަށް ކުރާ ހަރަދު ރައްޔިތުންނަށް އެނގެ އެވެ. މާލޭގައި އަޅަމުންދާ ޕާކްތައް ކުރި ހަރަދާއި އެތަން ދިއްލާފައި ހުންނައިރު އެތަނަށް އެ ކުރާ ހަރަދު ރައްޔިތުނަށް އެނގެ އެވެ. މި ސަރުކާރުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލާއި ސަރުކާރުގެ ކުންފުނިތަކުން ފަޅާއަރާ ކޮރްޕްޝަނުގެ މައްސަލަތަކަކީ ރައްޔިތުންނަށް އޮޅުވާލެވޭނެ ކަންކަމެއް ނޫނެވެ. ޖީއެމްއާރޭ ބުނެ ކެމްޕެއިންގައި އޮޅުވާލުންތައް ގެންގުޅެން ނުހައްދަވާށެވެ.

- ކޮމެންޓް